މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދައުލަތަށް 615 މިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެން ހިނގާދިޔަ ފުރަތަމަ ހަފުތާގެ ތެރޭގައި މުސާރަ ދިނުމާއި ޕްރޮޖެކްޓްތައް ހިންގުމަށް ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 520 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ. ފިނޭންސް މިނިސްޓްރީން ޢާންމުކުރި މަޢުލޫމާތުން ދައްކާގޮތުގައި ދައުލަތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 314 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

ސަބްސިޑީގެ ހަރަދަށް 186 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެކި މަޝްރޫޢުތަކަށް ހޭދަކުރީ 206 މިލިއަން ރުފިޔާއެވެ. މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ މަގު ހެދުން ފަދަ މަޝްރޫއުތަކަށް ވަނީ 185 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު މިދިޔަ ހަފްތާއެއްހާ ދުވަހު ޓެކްސްގެ ގޮތުގައި 261 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 53 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރު ފެށިގެން މިހާތަނަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 49.3 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އެއީ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ އިތުރުކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން