ޔަމަންގެ ހޫތީން އަނެއްކާވެސް ނިރުބަވެރިންގެ ލިސްޓުގައި ހިމަނަން ގަސްދުކުރާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

މީގެ ކުރިން އެމެރިކާއިން އޮތީ ހޫތީންނަކީ "ފޮރިން ޓެރަރިސްޓް" އަދި "ސްޕެޝަލީ ޑެސިގްނޭޓެޑް ޓެރަރިސްޓް" ލިސްޓުގައި ވެސް ހިމަނައިފައެވެ. އެހެން ނަމަވެސް، އެގައުމުގެ ވެރިކަމާއި ޖޯ ބައިޑަން ހަވާލުވީފަހުން 2021 ވަނަ އަހަރުގައި ހޫތީން ވަނީ އެލިސްޓުން އުނިކޮށްފައެވެ.

"އެމެރިކާއިން ހޫތީންނަކީ 'ސްޕެޝަލީ ޑެސިގްނޭޓެޑް ގްލޯބަލް ޓެރަރިސްޓް' އިން ކަމަށް ކަނޑައަޅާނަން." އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

ހޫތީން ދަނީ ފަލަސްތީންގެ ޢާންމުންނަށް އިޒްރޭލުން ދޭ ހަމަލާތަކާއި ދެކޮޅަށް ތެދުވުމުގެ ގޮތުން ރަތް ކަނޑުން އިޒްރޭލަށް ދަތުރުކުރާ ބޯޓުފަހަރަށް ހަަމާލާދެމުންނެވެ. ރައްދުގައި އެމެރިކާއިން ވަނީ އިނގިރޭސިވިލާތާއި ގުޅިގެން ޔަމަނަށް ހަމަލާދީފައެވެ.

ޔަމަންގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާ ކުށްވެރިކުރުމުގެ ގޮތުން ހޫތީން މިހާރު ވަނީ ރަތް ކަނޑުގެ މަގުން ދަތުރުކުރާ އެމެރިކާއާއި އިނގިރޭސިވިލާތުގެ ބޯޓުފަހަރަށް ހަމަލާދޭނެ ކަމަށް އިޢުލާންކޮށްފައެވެ. އެހެން ކަމުން، އެމެރިކާއިން ބުނީ ނިރުބަވެރިންގެ ލިސްޓުގައި ހޫތީން ހިމެނުމުގެ ކުރިން އެކަން ހުއްޓުމަށް 30 ދުވަހުގެ މުހުލަތެއް ދޭނެ ކަަމަށެވެ. އެ މުއްދަތުގެ ތެރޭގައި ހޫތީން އުޅަނދުތަކަށް ހަމަލާދިނުން ނުހުއްޓައިފިނަމަ ސްޕެޝަލީ ޑެސިގްނޭޓެޑް ގްލޯބަލް ޓެރަރިސްޓުންގެ ގޮތުގައި ހޫތީން ކަނޑައަޅާނެ ކަމަށް އެމެރިކާއިން ބުނެއެވެ.

އެހެން ނަމަވެސް، ފަލަސްތީންގައި އިޒްރޭލުން ހިންގާ ގަތުލުޢާންމު ނިމުމަކަށް ގެންނަންދެން ކަނޑުގެ އޮޕަޜޭޝަންތައް ނުހުއްޓާނެ ކަމަށް ހޫތީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން