ޣައްޒާއަށް އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްތީނިއަން ރެފިއުޖީސް އަށް ފަންޑިންގ މެދުކަނޑާލުމުން ޣައްޒާގެ ރައްޔިތުން ހާލުގައި ޖެހޭނެކަމަށް އދ އިން ބުނެފިއެވެ،

އދ އިން މިހެން ބުނެފައިވަނީ، ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދގެ އިދާރާއަށް، އެމެރިކާ، އަދި އިނގިރޭސިވިލާތް ހިމެނޭހެން 9 ގައުމަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމާއިއެކުއެވެ. އެއިދާރާއަށް މާލީ އެހީ ފޯރުކޮށްދިނުން ހުއްޓާލައިފައިވަނީ 7 އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ ދައުރެއް އޮތް ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ.

މިމައްސަލައާއި ގުޅިގެން އދ އިން ވަނީ އެޖަމިއްޔާގެ ބައެއް މުވައްޒަފުން ވަކިކޮށް މައްސަލަ ބަލަމުންދާކަން ހާމަކޮށްފައެވެ.

މިމައްސަލައިގައި އދ ގެ މުވައްޒަފުންނަށް ތުހުމަތުތައްކޮށްފައިވަނީ އިސްރާއީލުންނެވެ، އެގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދގެ އިދާރާއަކީ ހަމާސް އާއި އެކު ގާތްގުޅުމެއް ބާއްވާ ބައެއްކަމަށް ސިފަކުރައްވައި، އެއިދާރާގެ 13 މުވައްޒަފަކު، ހަމާސް އިން އިސްރާއީލަށް 7 އޮކްޓޯބަރުގައި ދިން ހަމަލާގައި ބައިވެރިވެފައިވާކަމަށް ވިދާޅުވެފައެވެ.

މިމައްސަލަ އާއި ގުޅިގެން ފުރިހަމަ މިނިވަން ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެފައިވެއެވެ.

ނަމަވެސް މިމައްސަލައާއި ގުޅިގެން ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދގެ އިދާރާ އަށް ދެމުންދާ މާލީ އެހީ މެދުކަނޑާލައިފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެއިދާރާގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ އެއިދާރަށް އަލުން މާލީ އެހީތެރިވާން ނުފަށައިފިނަމަ، ފެބްރުއަރީ މަހުގެ ފަހުކޮޅު އެ އިދާރާގެ އޮޕަރޭޝަންތައް ހުއްޓާލަން މަޖުބޫޜުވާނެ ކަމަށެވެ.

މިމައްސަލައިގައި އދ ގެ މުވައްޒަފުންތަކަކާއި ދެކޮޅަށް ކުރާ ތުހުމަތުތަކުގައި ކަންބޮޑުވުން ފާޅުކޮށް އދ ގެ އިންޓަރ އެޖެންސީ ސްޓޭންޑިންގ ކޮމިޓީން ނެރުނު ބަޔާނެއްގައި "ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވާ ފަދައިން އދ.ގެ އެއްވެސް މުވައްޒަފަކު ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވެއްޖެނަމަ އެމީހަކު ޖަވާބުދާރީ ކުރުވާ، އެމީހަކާ މެދު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ. އެހެންނަމަވެސް، މުޅި ޖަމާޢަތުގެ މެންޑޭޓް ކަމުގައިވާ، އިންތިހާއަށް ހާލުގައި ޖެހިފައިވާ މީހުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅިގެން ނުވާނެ" ކަން ފާހަގަކޮށްފައިވެއެވެ.

"ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދގެ އިދާރާ އަށް މާލީ އެހީ ދިނުން މެދުކަނޑާލުމަކީ ބޮޑު ރިސްކެއް. މީގެ ނަތީޖާއަކަށްވާނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ނިޒާމު ފުނޑުފުނޑުކޮށްލުން" ކަމަށްވެސް އެބަޔާނުގައިވެއެވެ. އަދި މީގެ ނަތީޖާއަަކަށް ވާނީ ޣައްޒާގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހުންކަމަށް އެބަޔާނުގައި ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، މުޅި ދުނިޔެއިން ޣައްޒާގެ ރައްޔިތުން ބާކީކޮށްލައިގެން ނުވާނެކަމަށްވެސް އެބަޔާނުގައި އދ އިން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން