މެދުއިރުމަތީ ސަރަހައްދުގައި ހަލަބޮލިކަން އުފައްދަން މަސައްކަތްކުރަމުންދަނީ އެމެރިކާއިން ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން އދ އަށް ކަނޑައަޅާފައިވާ ސަފީރު، ޒާންގް ޖޫން މިހެން ވިދާޅުވެފައިވަނީ އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ މެދުއިރުމަތީ ސަރަހައްދަށް ހަމަލާދީ ހަލަބޮލިކަން އުފައްދަނީވެސް އެމެރިކާއިން ކަމަށެވެ. އެގޮތުން ހަފްތާ ބަންދުގައި ސީރިއާ އާއި އިރާގަށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކާއެކު އެދެގައުމުގެ އިސްތިގުލާލާއި މިނިވަންކަމާއި ސަރަހައްދީ އެއްބައިވަންތަކަމާ ވަރަށް ބޮޑަށް އަރައިގަނެފައިވާ ކަމަށް ޗައިނާ ސަފީރު ފާހަގަކުރެއްވިއެވެ.

ޗައިނާ ސަފީރު ވިދާޅުވީ، މެދުއިރުމަތީ ނުވަތަ އެހެން ސަރަހައްދެއްގައިވެސް ހަމަނުޖެހުން އުފައްދަން އެމެރިކާއިން މަސައްކަތް ނުކުރާކަމަށް އެގައުމުން ބުނި ނަމަވެސް އެމެރިކާގެ އަމަލުތައް ހުންނަނީ އެއާޚިލާފުކޮށްކަމަށެވެ.

"ހަމަނުޖެހުން އުފައްދަން އެމެރިކާއިން މަސައްކަތް ނުކުރާކަމަށް އެގައުމުން ބުނި ނަމަވެސް، ހަގީގަތުގައި ކަން ކުރަނީ އޭގެ އިދިކޮޅަށް. އެމެރިކާގެ އަސްކަރީ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި ހަލަބޮލިކަން އުފެދި، ހަމަނުޖެހުންތަކާއި ހަމަލާތައް އިތުރަށް ވަރުގަދަވަމުންދަނީ."

ހަފްތާ ބަންދުގައި ސީރިއާ އާއި އިރާގަށް އެމެރިކާއިން ހަމަލާ ދީފައިވަނީ ސީރިއާ އާއި އިރާގުގައި ތިބި އީރާނުގެ ތާއީދު އޮންނަ ޖަމާއަތްތަކާ ގުޅުން ހުރި ބައެއް ފެސިލިޓީތަކަށްކަމަށް އެމެރިކާއިން ހާމަކޮށްފައިވެއެވެ. އަދި މިހަމަލާ ދީފައިވަނީ އުރުދުންއަށް ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވުމުން އެހަމަލާއަށް ރައްދު ދިނުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން