މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ
މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު 16އަށް އަރައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވި ލިޔުންތައް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އެ ދެ މެންބަރުން ކުރިން ތިއްބެވީ އިދިކޮޅު އެމްޑީޕީ ގައެވެ.

ޝަރީފް ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ހަސަންޓޭ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.

މިއާއެކު މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި މެމްބަރުން ތަމްސީލުކުރާ ގޮތަށްވެސް ބަދަލު އަންނާނެއެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ކޮމެޓީތަަކަށް މެމްބަރުން ކަނޑައެޅުން މިއަދު ވޯޓްގަޑީގައި އޮންނާނެކަމަށެވެ. އަދި ކޮމެޓީތަކުގައި ހިމަނާ މެމްބަރުންގެ ނަންތައް މިއަދު 12:00 ގެ ކުރިން ފޮނުވާދިނުމަށް މަޖިލީހުގެ ރިޔާސަތުން ޕާޓީތަކުގައި ވަނީ އެދިފައެވެ.

ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު 16އަށް އަރާފައި ވާއިރު، އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 42އަށް މަދުވެފައެވެ. މަޖިލީހުގައި ދެންތިއްބަވަނީ ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި، ޕީޕީއެމްގެ 2 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ 2 މެންބަރުންނާއި، އެއްވެސް ޕާޓީއެއް ތަމްޞީލް ނުކުރައްވާ 3 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން