މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، ފާޠިމަތު ނިލްފާ އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ގާނޫނީ ވަކީލް އަދި ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނިލްފާ އެ މަގާމުން އިސްތިއުފާ ދިންކަން ސިވިލްސާވިސް ކޮމިޝަނުން ހާމަކޮށްފައިވާއިރު، އޭނާ އިސްތިއުފާ ދިނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އޭގެ ސަބަބެއްގެ ގޮތުގައި އިސްތިއުފާގެ ސިޓީގައި ހިމަނުއްވާފައިވަނީ، މަސައްކަތްކުރާނެ މާހައުލެއް ނެތުމާއި މިނިސްޓްރީގައި މަސައްކަތް ކުރުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން، ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓްރީތަކުގެ އިސް މަގާމުތަކުގައި ތިބޭ އެފަދަ ބޭފުޅުންނަށް ވަޒީފާގެ ބިރު ދައްކާތީ މަގާމުން އަމިއްލައަށް އިސްތިއުފާދޭ ވާހަކައަކީ މިހާރު ވަރަށް ގިނައިން އަޑުއިވޭ ވާހަކައެއް ކަމަށެވެ.

އަދި ގާނޫނުއަސާސީއާއި ގާނޫނުތަކުން އެންމެ ބޮޑަށް ރައްކާތެރިކުރި އެއްކަމަކީ ވަޒީފާގެ ހައްގު ކަމަށާއި އެހެންކަމުން، ވަޒީރުން އިސްވެތިބެ ހިންގާ އެފަފަ ޣައިރުގާނޫނީ އަމަލުތަކަށް ރައްޔިތުންގެ މަޖިލީހުން އެ ވަޒީރުން ޖަވާބުދާރީ ކުރުވުމަށް ޖަމީލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން، ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ވެސް ވަނީ މިދިޔަ ހަފްތާތެރޭ އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން