މަސްވެރިން އަތުން މަސް ގަންނަ އަގު ކުރީ ސަރުކާރުން 25 ރުފިޔާއަށް ބޮޑުކުރީ ސިޔާސީ ބޭނުމެއްގައިކަން ރާއްޖޭގެ މަސްވެރިން ގަބޫލު ކުރާކަމަށް މަސްވެރިކަމާބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިން ބާނާ މަސް ގަންނަ އެންމެ ކުޑައަގަކީ 20 ރުފިޔާއަށް ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން، އިކޮނޮމިކް ކައުންސިލުން މިހާރުވަނީ ސަރުކާރުން މަސްގަންނަ އަގު 20 ރުފިޔާއަށް ދަށްކުރުމަށް ނިންމާފައެވެ.

އެ ނިންމުމާއި ގުޅިގެން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ޝިޔާމް ވިދާޅުވީ، 25 ރުފިޔާއަށް މަހުގެ އަގު ބޮޑުކުރީ މިދިޔަ ސަރުކާރުން އެ ސަރުކާރުގެ ދައުރު ނިމެންދަނިކޮށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން، އެއީ އެއްވެސް ވިސްނުމެއް ނެތި ސިޔާސީ ބޭނުމެއްގައި ކުރިކަމެއްކަން މަސްވެރިން ވެސް މިއަދު ގަބޫލު ކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ބައިނަލްއަގުވާމީ މާކެޓުތަކުގައި މަސް ގަންނަ އަގުތައް މިއަދު ދިވެހި މަސްވެރިން ބަލާ ކަމަށާއި، އެހެންކަމުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އޮތްގޮތުން 25 ރުފިޔާއަށް މަސްގަތުމަކީ ސަރުކާރަށް ދަތިކަމެއްކަން ވެސް މަސްވެރިން ގަބޫލު ކުރައްވާކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، 25 ރުފިޔާއަށް މަސްކިލޯއެއް ގަންނަނަމަ، ކޮންމެ ކިލޯއަކުން މިފްކޯއަށް 11 ރުފިޔާ ގެއްލުންވާނެކަމަށެވެ. އަދި އޭގެ ސަބަބުން އަހަރެއްގެ ތެރޭގައި ސަބްސިޑީގެ ގޮތުގައި މިފްކޯއަށް 1.1 ބިލިއަން ރުފިޔާ ސަރުކާރުން ދޭންޖެހޭނެ ކަމަށް ވެސް ޝިޔާމްވަނީ ވިދާޅުވެފައެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކުރިއަށްދާގޮތުގެ ތަފުސީލު ވެސް މިރޭ ޝިޔާމްވަނީ ހާމަކުރައްވާފައެވެ. އެގޮތުން، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދެވި މިހާރުހުރި ފައިސާގެ ބެކްލޮގް މި މަސް ނިމުމުގެކުރިން ހަލާސްކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރިއިރު، އޭރު މަސްކިލޯއެއް މިފްކޯއަށް ގަންނަނީ 17 ރުފިޔާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން