ހާރިޖީ ސިޔާސަތު ހަރުދަނާ ކުރަން ގޮވާލައި އިދިކޮޅު ޑިމޮކްރެޓްސްއިން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި އެ ގަރާރުގެ ފުރަަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވައިފަ އެވެ.

އީވާގެ ގަރާރުގައި ބުނެފައިވާ ގޮތުގައި ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ހާރިޖީ ސިޔާސަތު ބަދަލުވުމުން ގައުމުތަކާ އޮންނަ ގާތް ގުޅުން ހީނަރުވާ ކަމަށެވެ. އަދި މި ކުޑަކުޑަ ރާއްޖެއަށް އެހީވާ ގައުމުތަކާ އޮތް ދުވަސްވީ ގުޅުންވެސް ހީނަރުވަމުންދާ ކަމަށް ބުނެފައި ވެއެވެ.

އެހެން ނަމަވެސް ގައުމުގެ ހާރިޖީ ސިޔާސަތަކީ ގާނޫނީ އިމުން ބޭރުވެވޭނެ ނުވަތަ ވާނެ ނުވަތަ ގެއްލުމަށް ނުވަތަ ކުރާނެ ނޭދެވޭ އަސަރަކަށް ބެލުމެއް ނެތި އެއިރެއްގައި އޮންނަ ސަރުކާރަކުން އެއްވެސް ދިރާސާއެއް ކުރުމަކާ ނުލައި ކުއްލިއަކަށް އަމަލުކުރަން ފެންނަ ގޮތަކަށް ބައްޓަންކޮށް ގައުމުގެ ޒަމާންވީ ސިޔާސަތުތައް ބަދަލުކޮށްލެވޭ ގޮތަށް އޮންނަ ކަމެއްގެ ގޮތުގައި ވެގެން ނުވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހީންނަށް ރާއްޖެއިން ބޭރުން ލިބެން ހުރި ވަސީލަތްތައް ބަންދުވެގެންވެސް ނުވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަދުގެ ހާލަތަށް ބަލާއިރު ފެނިގެންދާ މަންޒަރަކީ ގައުމުގެ އެތެރޭގެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ގައުމުގެ ހާރިޖީ ސިޔާސަތު ވަދެގެންދާ ތަނެވެ." އީވާގެ ގަރާރުގައި ވެއެވެ.

އީވާގެ ގަރާުރުގައި ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް އިތުބާރު ކުރެވޭ ގައުމުތަކާއެކު ގުޅުން ގާއިމުކޮށް އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭ ގޮތްތައް ބެލުމަށް ގޮވާލައްވައިފައި ވެއެވެ.

އީވާ ވިދާޅުވީ މައިގަނޑު އަމާޒަކަށް ވާންވާނީ ގައުމާއި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީ ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވެވޭނީ ގައުމުގެ ހާރިޖީ ސިޔާސަތަކީ ދެމެހެއްޓެނިވި އަދި އަންނަ ކޮންމެ ސަރުކާރަކުން ވެސް އެއަށް އިހުތިރާމްކޮށް ސިޔާސީ ފައިދާއަށް ގައުމުގެ ހާރިޖީ ސިޔާސަތު ބައްޓަން ނުކުރެވޭނެ ގޮތަށް ހަދައިގެން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެހެންކަމުން އެ ކަންކަމުގެ އަލީގައި ހާރިޖީ ސިޔާސަތު ހަރުދަނާ ކުރަން އީވާ ގޮވާލެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން