ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ބިންތަކާ ހަވާލުވާން ދެ ފުރުސަތު ދިނުމުން ވެސް ހަވާލުނުވާ އެތައް ބަޔަކު އެބަތިބި ކަމަށް ހައުސިން މިނިސްޓްރިން ބުނެފި އެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް 8،250 މީހުންނަށް އެގްރީމެންޓުގައި ސޮއިކޮށް ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރިން ބުނީ އެގްރިމަންޓްގައި ސޮއިކޮށް ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް 212 ފަރާތަކާއެކު ކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ފަރާތްތަކަށް ސޮއި ކުރުމަށް ދެވަނަ ފުރުސަތު ދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

"ބިންވެރިޔާ ސްކީމްގެ ދަށުން ބިންތަކުގެ އެގްރިމަންޓްގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ކުރެވިފަައި ނުވާ ފަރާތްތަކަށް ގުޅުމުގެ މަސައްކަތް މި މިނިސްޓްރީން ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ. ބިން ލިބޭ ފަރާތްތަކަށް މި މިނިސްޓްރީން ގުޅާނީ މިނިސްޓްރިގެ ހޮޓްލައިން 4004994 އަދި 4004997 އިން ކަމުގައި ދަންނަވަމެވެ." ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ގޯތި ލިބިފައިވާކަމުގެ ލިޔުން 118 މީހުންނަށް ހަވާލުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި 303 ފަރާތަކަށް އެ ލިޔުން ހަވާލު ނުކުރެވޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 ފޯމެއްގައި ސޮއި ނުކުރެވި ހުރި ކަމަށެވެ. އަދި އެޕްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާތީ ސޮއި ނުކުރެވި 16 ފަރާތަކާއި، އެޕްލިކަންޓު ނިޔާވުމުގެ ސަބަބުން ސޮއިނުކުރެވި 12 މީހަކު އެބަތިބިކަމަށް ވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބިމާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މީގެއިތުރުން ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރު އިޢުލާންކޮށް ފޯމު ހުށައެޅި ފަރާތްތަކުގެ ލިސްޓު ވެސް އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ވަނީ ގެޒެޓްކޮށް އާންމު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން