މޫދަށްއެރި ކަސްރަތު ކުރެވޭނެ ސަރަހައްދެއް ތަރައްޤީކޮށްދެއްވުމަށް ފިނޭ އަންހެނުންގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދަންނަވައިފިއެވެ.

ފިނޭ އަންހެނުންގެ ކޮމިޓީން ރައީސަށް މިކަން ހުށައަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނާއެކު މިއަދު ހެނދުނު ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މޫދަށް އެރި ކަސްރަތު ކުރެވޭނެ ސަރަހައްދެއް ތަރައްޤީކޮށްދެއްވުމަށް ރައީސަށް ދަންނަވާފައެވެ.

އޭގެ އިތުރުން ފިނޭ ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ފިނޭ ބަނދަރުގެ މަސައްކަތް މި އަހަރު ތެރޭގައި ފައްޓަވައިދެއްވުމަށާއި، ޒަމާނީ މިސްކިތެއް ބޭނުންވާކަމަށާއި، ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީކޮށްދެއްވުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި ރަށުގެ އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ ރަށުގައި ހަރުދަނާކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ކައުންސިލާއި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަން ކޮށްދެވެން ހުރި ގޮތްތައް ބަލައި، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ކައުންސިލާ ހިއްސާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން