ހދ. މަކުނުދޫ އެއާޕޯޓް މިއަހަރު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ 'ރައީސްގެ ޖަވާބު' ސިލްސިލާގައި ހދ. މަކުނުދޫ، ލިބަޓީ، އިފާސާ އަޙްމަދު މަކުނުދޫ ވައިގެ ބަނދަރުގެ މަސައްކަތް ނިމި ދަތުރުފަތުރުކުރަން ފެށޭނީ ކޮންއިރަކުންތޯ ރައީސްގެ އަރިހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަކުނުދޫ އަކީ ވަރަށް އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އެހެން ރަށްތަކާ ހިލާފަށް ދަތުރުފަތުރު ކުރުމުގައި ވެސް ދަތިތަކެއް ހުރި ރަށެއް ކަމަށެވެ. އަދި މިހާރު ފެށިފައިވާ އެއާޕޯޓުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަންދޭ މަޝްރޫއެއް ކަމަށާއި އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓުގެ ރަންވޭ 1،500 މީޓަރުން 1،800 މީޓަރަށް ދިގުކޮށްދޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މަކުނުދޫ އެއާޕޯޓު މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މަސައްކަތް ކުރަނީ މިއަހަރު ނިމެންވާއިރަށް އެއާޕޯޓު ހުޅުވުމަށް ކަމަށެވެ. އަދި އެއާޕޯޓާ އެކު މިއަހަރު މަކުނުދޫ ރައްޔިތުންނަށް ފަސޭހަކަން ލިބެން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަކުނުދޫ އަށް މިއަދު ވަޑައިގެން ރައީސް މުއިއްޒު ވަނީ އެ ރަށު ކައުންސިލާއި ވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާކުރައްވާފަ އެވެ. އެކަންތައްތަކުގެ ތެރޭގައި މަކުނުދޫ އެއާޕޯޓު ވީ އެންމެ އަވަހަކަށް ތަރައްޤީކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން ވަނީ ރައީސަށް ދަންނަވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން