ތިލަފުށި ފޭސް ދޭކުން ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުން ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ އޮންލައިން ކޮށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލްގައި ރަޖިސްޓްރީ ވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ 2 ޕްލޮޓް ބިޑަށް ވަނީ ހުޅުވާލައިފައެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ފުޅިއަށް ގޭސް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.

މީގެއިތުރުން ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަރ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ. އަދި މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ތިލަފުށްޓަކީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން