ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމް
ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމް
ނ. އިރުފުށި ރިސޯޓް ހިންގުމާ ގުޅޭގޮތުން ސަން ޓްރެވަލްސް ކުންފުންޏާއި ހިލްޓަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް 31 މިލިއަން ޑޮލަރު (480 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ސަން ކުންފުނިން ހިލްޓަނަށް ދައްކައިފި އެވެ.

ހިލްޓަން މައްސަލާގައި ސިންގަޕޫރުގެ ހައި ކޯޓުން އަންގާފައި ވަނީ ތިން މަސް ދުވަހުގެ ތެރޭގައި ސަން ކުންފުނިން ހިލްޓަނަށް 24 މިލިއަނަށްވުރެ ގިނަ ޑޮލަރު ދެއްކުމަށެވެ. މިމައްސަލައިގައި ސަން ޓްރެވަލުން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ހުކުމްކުރީ އޮގަސްޓް 17، 2015 ގައެވެ.

ސަން ޓްރެވަލްސްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާބިޓްރަލް އެވޯޑާއި އިންޓްރެސްޓް ހިމެނޭ ގޮތަށް 31 މިލިއަން ޑޮލަރު އެ ކުންފުނިން ހިލްޓަނަށް ދައްކާފައިވާ ކަމަށެވެ. ގާނޫނީ ހަރަދާއި އެހެނިހެން ވެސް ގޮތުގައި އެ ކުންފުނިން 5.6 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށް އެ ބަޔާނުގައިވެ އެވެ.

ހިލްޓަން އާއެކު ހެދި އެގްރިމެންޓް ބާތިލް ކުރަންޖެހުނީ ބޭންކްރަޕްޓްވަމުން ދިޔަ ކުންފުންޏެއް ސަލާމަތް ކުރުމަށް ކަމަށާއި، ސަންގެ މަސްލަހަތު ރައްކާތެރިކޮށް، ކުންފުނީގެ ތަސައްވުރު ނަގަހައްޓައި، ދެމެހެއްޓުމަށް ކޮންމެހެން އެފިޔަވަޅު އަޅަން މަޖުބޫރުވެގެން ކަމަށް ސަންގެ ބަޔާނުގައިވެއެވެ.

ސަން ޓްރެވަލްސްއިން ބުނީ ހިލްޓަނުން ލަފާކުރި އާމްދަނީ ނުލިބުމުން ސަން ކުންފުނިން ދައުލަތުގެ އިދާރާތަކަށް ފައިސާ ދެއްކީވެސް ސަންއާ ގުޅުން ހުރި އެހެން ކުންފުނިތަކުގެ އެހީތެރިކަމާއެކު ކަމަށާއި، ސަންގެ ފައިސާއިން ހިލްޓަނުން ރިސޯޓް ހިންގަމުން ދިޔައީ އިސްރާފު ބޮޑުވާ ގޮތަށް ކަމަށްވެސް އެބަޔާނުގައިވެ އެވެ.

ސަންގެ ބަޔާނުގައިވަނީ ހިލްޓަންގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަން ކުންފުނިން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން