ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ބުނެ އެމްޑީޕީގެ ލީޑަރޝިޕުން ދައްކަމުންދާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި މިރޭ ހިޔާ ފުލެޓް ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލި ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހަދަމުން ގެންދަނީ ދޮގު ކަމަށާއި އެ މަޝްރޫއުތައް ހިމެނޭ ގޮތަށް މިހާރުވެސް 500 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ދައްކާއިރު އެ ސަރުކާރުގައި ކޮންޓްރެކްޓަރުން ލައްވާ މަސައްކަތް ކުރުމަށްފަހު ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ވެސް ގިނަ މަޝްރޫއުތަކެއް ހުއްޓިފައި އޮތްކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ ސަބަބުން ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް ހުއްޓިފައި ހުރި ކަމަށާއި އެ ފައިސާދީ ނިންމައި، އަލުން އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ބަނދަރު ހެދުމާއި ތޮށިލުމާއި ބިން ހިއްކުމުގެ 30 މަޝްރޫއުއެއްގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށާއި އެ މަޝްރުއޫއުތައް ހިމެނޭ ގޮތަށް އެފަދަ 90 މަޝްރޫއެއްގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށެވެ. އަދި ހުއްޓިފައި އޮތް މަގު ހެދުމުގެ 17 މަޝްރޫއަކާއި ހުއްޓިފައި އޮތް ފުޓްބޯޅަ ދަނޑު ހެދުމުގެ 84 މަޝްރޫއެއްގެ ތެރެއިން 46 މަޝްރޫއެއްގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާރު ވެސް 42 މިސްކިތެއްގެ މަސައްކަތް އެބަ ކުރިއަށް ގެންދާކަމަށެވެ. ނަމަވެސް ސަރުކާރާއި ހަވާލުވިއިރު މިސްކިތް އެޅުމުގެ 20 މަޝްރޫއެއް އޮތީ ހުއްޓިފައިކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ތައުލީމީ ދާއިރާގެ 90 މަޝްރޫއެއް ވެސް ހުއްޓިފައި އޮތްކަމަށާއި ނަމަވެސް މިހާރު ތައުލީމީ ދާއިރާގެ 217 މަޝްރޫއެއް ފަށާފައިވާއިރު 11 ރަށެއްގައި ހައުސިން މަޝްރޫއުތައްވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"527 މަޝްރޫއު މި ދެންނެވި ހުރިހާ ދާއިރާއަކުން އެކަނި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު އެބަ ހިނގާ" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން