ރިޔާސީ އިންތިހާބުގައި ވައުދުވީގޮތަށް، މި ގައުމު ހިންގާނީ ފައިސާ ޗާޕު ނުކޮށްކަމަށާއި އެކަން ހަޖަމު ނުވަންޏާ ނުވާންވީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިރޭ ހިޔާ ފުލެޓް ސަރަހައްދުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ އިގުތިސާދު ވައްޓާލާފައިވާ ނާޒުކު ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ކަންކުރާނީ މިދިޔަ ފަސް އަހަރުގައި ކަން ކުރި ގޮތަކަށް ނޫން ކަމަށާއި މިދިޔަ ފަސް އަހަރު ކަންކަން ކުރީ ފައިސާ ޗާޕުކޮށްގެން ކަމަށެވެ.

އެގޮތުން، މިދިޔަ ސަރުކާރުގައި ފަސް އަހަރުތެރޭ އެކަނި 8 ބިލިއަން ރުފިޔާ ޗާޕުކުރި ކަމަށާއި އެކަމަކު އޭގެ ކުރިން 40 އަހަރުތެރޭ ވެސް ޗާޕްކޮށްފައި ހުރީ 50 މިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުންވާނީ ވައުދުވީގޮތަށް ފައިސާ ޗާޕުކުރުން ހުއްޓާލާފައި ކަމަށާއި އެއާއިއެކު އަންނަ ހެޔޮ ބަދަލު ފެންނަމުން ދާކަމަށާއި، އެގޮތުން، ސަރުކާރާއި ހަވާލުވިއިރު އެންމެ 2 މިލިއަން ޑޮލަރު ހުރި ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް މިހާރުވާނީ 35 މިލިއަން ޑޮލަރު ޖަމާކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި އަހަރު ނިމޭއިރު ލޯނުތައް ދެއްކުމަށް 100 މިލިއަން ޑޮލަރު ހަމަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެކަން (ފައިސާ ޗާޕުކުރުން) ވާނީ ހުއްޓާލާފަ ވައުދުވީ ގޮތަށް. ދެން މިކަން ހަޖަމު ނުވަންޏާ ނުވާންވީ. އެކަން އެ އޮތީ ކޮށްފައި. އެކަން އެ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ގަބޫލުކޮށްފައި، ވޯލްޑް ބޭންކުން އެކަން ވަނީ ފާހަގަކޮށްފައި." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން