މިދިޔަ ހަފުތާގައި ޑެންގީގެ 68 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މި މަހުގެ 5 އިން 11 ގެ ނިޔަލަށް ޑެންގީގެ 68 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި މިއަހަރުގެ މިހާތަނަށް 774 ޑެންގީ ހުމުގެ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ވަކިވަކި އަތޮޅުތަކާއި ސިޓީތަކަށް ބަލާއިރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހުޅުމާލެ އިން ކަމަށް އެޗްޕިއޭ އިން ބުނެއެވެ.

އެގޮތުން ހުޅުމާލެއިން 192 ކޭސް ރިޕޯޓްކޮށްފައިވާއިރު މާލެ އިން 88 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މީގެ އިތުރުން ކ. އަތޮޅުން 66 ކޭސް، ހދ. އަތޮޅުން 32 ކޭސް އަދި އައްޑޫ ސިޓީން 30 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

ޑެންގޫ ޖެހިގެން ތުއްތު ކުދިންތަކެއް ވަނީ އެޑްމިޓްވެސް ކޮށްފައެވެ.

ޗިކުންގުންޔާ ވެސް މިދިޔަ މަހުން ފެށިގެން ފެތުރެމުންދާ އިރު، މިދިޔަ ހަފްތާގައި އެކަނި ޗިކުންގުންޔާގެ 104 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ޗިކުންގުންޔާ ޖެހިގެން މާލެ އިން 309 ކޭސް އަދި ހުޅުމާލެ އިން 66 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

ޑެންގޫ އާއި ޗިކުންގުންޔާ އަކީ ވެސް މަދިރީގެ ޒަރީރާ އިން ޖެހޭ ބަލިތަކަށްވާތީ މަދިރިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން