ރައްޔިތުންނާއި ގުޅުންހުރި މުހިންމު މައްސަލަތައް އެމްޑީޕީން މަޖިލީހަށް ހުށަނާޅާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަތީފް (އިންމު) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަތީފް (އިންމު) ވިދާޅުވީ، ސަރުކާރަށް ސުޕަމެޖޯރިޓީ އޮތް ނަމަވެސް ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޮތް ބިރަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އެ ޒިންމާ އަދާނުކޮށްފާނެ ކަމުގެ ބިރު ކަމަށް އިމްރާން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހަަށް ހުށައަޅާ މައްސަލަތަައް ބަހުސަކަށް ގޮސްފިނަމަ ފެންނާނީ ވޭތުވެ ދިޔަ އެމްޑީޕީގެ ސަރުކާރުގެ އިހުމާލު ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ރައްޔިތުންނާއި ގުޅުންހުރި މުހިންމު މައްސަލަތައް އެމްޑީޕީން މަޖިލީހަށް ހުށަނާޅާނެ ކަމުގެ ބިރު އޮތް ކަަަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ބިރެއް އެބައޮތް، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންތައްތައް އެމްޑީޕީން މަޖިލީހަށް ހުށަނާޅާފާނެ ކަމުގެ ބިރު އެބައޮތް. އެވިސްނުމަކީ ވެސް ނުގެންގުޅެވޭނެ ވިސްނުމެއް ނޫން. އެއީ އެފަދަ މައްސަލައެއް އައިސްފިނަމަ އެމައްސަލަ ރަނގަޅަށް ބަލައި ސްޑަޓީ ކޮށްލާއިރު ވޭތުވެ ދިޔަ ސަރުކާރުގައި އިހުމާލު ފެންނާނީ، އެވެސް އޮތް ބިރެއް." އިންމު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އިމްރާން ވިދާޅުވީ ސަރުކާރަށް ސުޕަ މެޖޯރިޓީ އޮތްނަމަވެސް އިދިކޮޅު ފަރާތްތަކަށް ދަތިކޮށް ޖެއްސުމުގެ އަމަލުތައް މަޖިލީހުން ނުފެންނާނެ ކަމަށެވެ. އަދި 19 ވަނަ މަޖިލީހުގައި ފެނިގެންދިޔަ ސިޔާސީ ހަލަބޮލިކަން ދެން އާ މަޖިލީހުން ނުފެންނާނެ ކަމަށާއި އެގޮތް ދިވެހި ރައްޔިތުން ބޭނުންނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ގައުމީ އެއްބައިވަންތަކަން އާލާކޮށް ގައުމިއްޔަތު އާލާކޮށް މިކަންތައްތައް ކުރަމުން މިދަނީ. އެހެންވީމަ ރައްޔިތުން އެއަށް އެ އޮތީ އާއެކޭ ބުނެފައި. ރައްޔިތުން ބޭނުންނުވާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެމްބަރުން އަޅުގަނޑަށް ހީނުވޭ އެއްގޮތަކަށް ވެސް ބުއްދި ސަލާމަތުން ހުރިނަމަ ކުރާނެ ހެން، ރައްޔިތުން ބޭނުންނުވާ ގޮތަށް މަޖިލިސް ބަދަލުވާތަނެއް، އަޅުގަނޑަކަށް ނުފެނޭ އެފަދަ މަޖިލީހެއް ނޫން މިފަހަރު ހޮވިފައި މިއޮތީ." އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން