އިއްޔެ ހައި ކޯޓުގައި ބޭއްވި ޝަރީއަތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ހޯދަން ކުރި ދައުވާ އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ.

މިލީނިއަމް ކެޕިޓަލްސް މެނޭޖްމަންޓާ ދެކޮޅަށް އެމްއެމްޕީއާރުސީން ދައުވާކުރީ 2014 ވަނަ އަހަރު ޕްރޮމިސަރީ ނޯޓެއްގެ ދަށުން ދޫކުރި ފަސް މިލިއަން ޑޮލަރާއި އަނބުރާ ދައްކާ ގޮތަށް ދޫކުރި 1.5 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު އަނބުރާ ނުދީ އޮތް ކަމަށް ބުނެ އެވެ.

މީގެ ކުރިން މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅިނަމަވެސް އެ ކޯޓުން 2019 ވަނަ އަހަރު ހުކުމްކުރީ އެ ދައުވާ ސާބިތުނުވާތީ އެ ފައިސާ ދޭން މިލޭނިއަމްގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ. އެއާއި އެކު އެމްއެމްޕީއާރުސީން ހައި ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފްވާ ގޮތެއް އެމްއެމްޕީއާރުސީއަށް ހައި ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވާގޮތުން ސިވިލް ކޯޓަށް ހުށަނާޅާ ލިޔުމެއް އެމްއެމްޕީއާރުސީ އިން ހައި ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލު ކުރަން އެދިފައި ވިޔަސް، އެ ލިޔުމަކީ ކުރިން ވެސް ސިވިލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ލިޔުމެއް ކަމަށެވެ. އަދި އެ މައްސަލަ ހިނގި އިރު ލިޔުން ހުށަނޭޅުނު ސަބަބެއްވެސް ބުނެދެވިފައި ނުވާ ކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން