ސައުދީ އަރަބިއްޔާގެ މައްކާ އާއި މަދީނާގައި މިއަހަރަގެ ހައްޖުގެ އަޅުކަން ފަށާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދަނީ ބައިވެރިވަމުނެވެ. ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަމާ ދިމާކޮށް ހައްޖާޖީންނަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ސައުދީ އަރަބިއްޔާއިން އެތައް މަސައްކަތެއް ކުރެއެވެ.

އެގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި މުޤައްދަސް ތަންތަނަށް ޙައްޖުވެރިން އެއްވެ އުޅޭއިރު، ހައްޖުވެރިންނަށް ރައްކާތެރި، އަދި ފުރިހަމަ ދަތުރެއް ކަށަވަރުކޮށްދީ ހައްޖުގެ އަޅުކަން ލުއިފަސޭހަކޮށްދިނުމަށް ސައުދީން ހައި ޓެކް އީޖާދުތައް ނުވަތަ ޒަމާނީ މަސްނޫޢީ އައު އީޖާދުތައް ބޭނުންކުރުމަކީ ފާހަގަ ކުރެވުނު މުހިއްމު ކަމެކެވެ.

ޙައްޖު ދަތުރު ފެށުން

ހައްޖު ދަތުރު ފެށީ މިނާގެ ބޮޑު ޓެންޓް ކޭމްޕަށް ހައްޖުވެރިން އެއްވެ، ހައްޖު 2024 ރަސްމީކޮށް އިފްތިތާހު ކުރުމާއެކުއެވެ. އެގޮތުން މިހާރުވެސް މައްކާއަށް 1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން އެއްވެފައިވާއިރު، އެ އަދަދު 2 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް ލަފާކޮށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހައްޖުވެރިންނަށް އެތަކެއް ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ތައްޔާރުވެފައެވެ.



ހައްޖުވެރިންނަށް ލުއިފަސޭހަކުރުމަށް ޓެކްނޮލޮޖީ އިންޓަގްރޭޓްކުރުން

ހައްޖުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަމާޒުކޮށްގެން ހިންގާ އެކިއެކި މަސައްކަތްތަކުން، ޓެކްނޮލޮޖީ ދާއިރާއިން ސައުދީ އަރަބިއްޔާ ކުރިއަރާފައިވާ މިންވަރު ހާމަވެގެންދެއެވެ. އެގޮތުން ހައްޖާޖީންނަށް ތަޢާރަފްކޮށްފައިވާ "މުރުޝިދު" އެޕް އަކީ ވެސް ޓެކްނޮލޮޖީ ދާއިރާއިން ސައުދީ ކުރިއަރަމުންދާ މިންވަރު ހާމަވެގެންދިޔަ ކަމެކެވެ.

މިއެޕަކީ ހައްޖުވެރިންނަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން އެތައް ބަހަކުން ފޯރުކޮށްދޭ ފަސޭހައިން ބޭނުންކޮށްލެވޭ އެޕެކެވެ. އަދި މި އެޕް ބޭނުންކޮށް ހައްޖުވެރިންނަށް ފަސޭހަކަމާއެކު މުޤައްދަސް ތަންތަނުގައި ދަތުރުކުރުމަށް އެހީތެރިކަން ލިބިދެއެވެ.

މީގެ އިތުރުން ސައުދީގެ ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އޮތޯރިޓީން ތައާރަފްކޮށްފައިވާ "ތަވައްކަލްނާ" އެޕް މެދުވެރިކޮށް ހައްޖުވެރިންގެ ދަތުރުގައި އެހީތެރިވުމަށް ބޭނުންވާ ހިދުމަތްތައް ޑިޖިޓަލް ކޮށް ލިބިގެންދާނެއެވެ.

އޭއައި ޕަވަރޑް ޓްރެފިކް މެނޭޖްމަންޓް

ހައްޖު ދުވަސްވަރު ޓްރެފިކް ރަނގަޅަށް ބެލެހެއްޓުމަކީ ހައްޖުވެރިންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ސައުދީ އަރަބިއްޔާއިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދަތުރުފަތުރުގެ ނެޓްވޯކްތައް ސްޓްރީމްލައިންކޮށްފަ އެވެ. ރިއަލް ޓައިމް މޮނިޓަރިން އާއިއެކު އެޑެޕްޓިވް ސިގްނަލް ކޮންޓްރޯލް ސިސްޓަމްތަކާއި ސަވައިލެންސް ކެމެރާތަކަށް ޒަމާނީ އެލްގޮރިޒަމްތައް ތައާރަފްކޮށް ތޮއްޖެހުން ކުޑަކުރުމަށް އެހީވެދެއެވެ. މިއާއިއެކު ހައްޖުވެރިންގެ ދަތުރުފަތުރުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދެވޭނެއެވެ.

އެޑްވާންސްޑް ހެލްތްކެއާ ފެސިލިޓީސް އެންޑް ސާވިސަސް

ހައްޖުވެރިންނަށް ފުރިހަމަ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ސައުދީގެ ހެލްތު މިނިސްޓްރީން އެއްވެސް މަސައްކަތެއް ދޫކޮށްލާފައެއް ނުވެއެވެ. އެގޮތުން ބޭނުންޖެހިއްޖެ ހާލަތެއްގައި ސިއްހީ ސާމާނު އަވަހަށް ގެންދިއުމަށް ޑްރޯންގެ ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުއްލި ހާލަތްތަކުގައި އިޖާބަދިނުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް އޮތީ ތައްޔާރުވެފައެވެ. މީގެއިތުރުން ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ ހީޓް އެގްޒޯޝަން އަދި ސަންސްޓްރޯކް ސެންޓަރުތައް ހައްޖުވެރިންގެ ސިއްހީ ބޭނުންތަކަށް ތައްޔާރަށް ވަނީ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައެވެ.



ސްމާޓް ރޮބޮޓް ސާވިސް އަދި ވޮލަންޓިއަރ ސަޕޯޓް

މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީއަށް ޒިޔާރަތްކުރާ ހައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން ސްމާޓް ރޮބޮޓްގެ ހިދުމަތެއްވެސް ވަނީ ތައާރަފްކޮށްފައެވެ، މިހިދުމަތާއިއެކު ހައްޖުވެރިންނަށް އެތައް ބަހަކުން މުހިންމު މައުލޫމާތާއި އެހީތެރިކަން ލިބިގެންދެއެވެ. މީގެ އިތުރުން ހައްޖުވެރިންގެ އެކި ކަންކަމުގައި އެހީތެރިވެދީ ކުއްލި ހާލަތުގައި ޚިދުމަތް ދިނުމަށް އެކަމަށް ހާއްސަ ވޮލަންޓިއަރ ޓީމުތައް އެކި ސަރަހައްދުތަކުގައި ތައްޔާރައް ތިބޭކަންވެސް ފާހަގަކޮށްލެވެއެވެ.



މިހުރިހާ އިންތިޒާމު ތަކުންވެސް ހާމަވެގެންދަނީ ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ލުއިފަސޭހަކޮށްދިނުމަށް، އެންމެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށް ތަފާތު އީޖާދުތައް ބޭނުންކޮށް، ސައުދީ ސަރުކާރުން ރައްކާތެރި މާހައުލެއްގައި ހައްޖުގެ އަޅުކަން ފަހިކޮށްދިނުމަށް ކުރާ މަސައްކަތް ތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން