ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅުނު 200 މާސްޓާ ކާޓަން ނުވަތަ ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ދިވެހި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖުމުލަ 200 މާސްޓާ ކާޓަން ނުވަތަ 3،199،200 ސިނގިރޭޓު އަތުލައިގެންފައިވަނީ ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކަސްޓަމުން ބުނީ، މިދިޔަ މަހުގެ 19 ގައި އައި ޝިޕްމަންޓެއް 343 ކާޓަންގެ ޕޭޕާ ޓިޝޫ ކަމުގައި ޑިކްލެއާކޮށްފައިވާ ކަމަށެވެ. އަދި، އެ ޝިޕްމަންޓާ ގުޅޭ ގޮތުން ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެ ޝިޕްމަންޓު ބަލައި ފާސްކުރީ މި މަހު 13 ވަނަ ދުވަހު ކަމަށް ކަސްޓަމުން ބުނެއެވެ.

ކަސްޓަމުން ބުނިގޮތުގައި އެ ޝިޕްމަންޓު ބަލައި ފާސްކުރިއިރު 143 ކާޓަންގެ ޕޭޕާ ޓިޝޫއާއި 200 މާސްޓާ ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށެވެ.

އެ ޝިޕްމަންޓުގައި ހިމެނޭ މުދާތައް ވަނީ ހިފަހައްޓާފައެވެ. ކަސްޓަމުން ބުނީ، މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ މައްސަލައަކަށްވާތީ މި މައްސަލަ މިހާރު ކަސްޓަމުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކަސްޓަމުން ބުނިގޮތުގައި ރާއްޖެ އެތެރެކުރާ މުދާ ބަލައި ފާސްކުރުމުގެ ކަންކަން ކަސްޓަމުން ކުރަނީ ހިރާސް ނިޒާމު ނުވަތަ ރިސްކް މެނޭޖްމަންޓު ނިޒާމުގެ ތެރެއިންނެެވެ. އަދި، އިންޓެލިޖެންސް މައުލޫމާތާއި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ހިރާސް އެކުލެވޭ މިންވަރަކަށް ރިއާޔަތްކޮށް މުދާ ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން