ކޮވިޑް ވެކްސިން ޖެހި ހުރިހާ އެންމެންގެ ސިއްހީ ހާލަތު ވަރަށް ގާތުން ބަލާ މޮނިޓަރކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ގޮވާލައްވައިފިއެވެ.

ހަމީދު މިހެން ގޮވާލެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފްް ހުށައެޅުއްވި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގެ ތެރެއިންނެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ހަމީދު ވިދާޅުވީ ކޮވިޑް ވެކްސިނަކީ މިހާތަނަށް އެންމެ ރަނގަޅަށް ތަހުލީލުކުރެވިފައިވާ ވެކްސިނެއް ނޫންކަން ބައިނަލަޤްވާމީ އެކި އިދާރާތަކުން ބުނަމުން އަންނަކަމަށެވެ. އަދި އެ ވެކްސިން ޖެހި ފަހުން ރާއްޖޭގައި ގޮތް ނޭނގޭ މަރުތަކާއި ބަލިތައް އިތުރުވަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ތެރޭގައި ގޮތް ނޭގޭ ބަލިތައް، ގޮތްނޭގޭ މަރުތައް އިންތިހާއަށް މިއަދު މިދަނީ އިތުރުވަމުން. އެނގޭ ކަމަކީ އަޅުގަނޑުމެން ތެރެއިން ވަރަށް ގިނަ ބަޔަކު ކުއްލިއަކަށް ވަކިވެގެންދާކަން. ހާއްސަކޮށް ކޮވިޑްގެ އާލަމީ ވަބާގައި އަޅުގަނޑުމެން ބޭނުންކުރި ވެކްސިނަށްފަހު މިކަން އިންތިހާއަށް އިތުރުވެފައި އޮތީ." ހަމީދު ވިދާޅުވިއެވެ.

ރާއްޖޭގައި ގިނަބަޔަކު ޖެހީ ކޮވިޝީލްޑް ވެކްސިނެވެ. އިނގިރޭސިވިލާތާއި ސްވިޑެންގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން އުފެއްދީ އޮކްސްފޯޑް ޔުނިވާރސިޓީ އާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް ގުޅިގެންނެވެ. އެ ވެކްސިން ބޭނުންކުރުމުން ލޭ ގަނޑުވާ ކަމަށް ލަންޑަންގެ ހައިކޯޓު އޮފް ޖަސްޓިސްގައި ކުރިޔަށްދާ މައްސަލައެއްގައި އެސްޓްރާޒެނެކާއިން ވަނީ އެއްބަސްވެފައެވެ.

"ކޮވިޑް ވެކްސިން ދީފައި ތިބި މީހުންގެ ހާލަތު ވަރަށް ރަނގަޅަށް މޮނީޓަރ ކުރަން އެބަޖެހޭ. އަޅުގަނޑު މިހެން ދަންނަވާއިރު ވެސް އެނގޭ ވެކްސިން ނުޖަހާ މަދު ބޭފުޅެއްކަން ހުންނާނީ. މި ހުރިހާ ބޭފުޅުންގެ ސިއްޚީ ހާލަތު ދެނެގަންނަން އެބަޖެހޭ." ހަމީދު ވިދާޅުވިއެވެ.

ކޮވިޝީލްޑް ޖެހުމުގެ ސަބަބުން ތްރޮމްބޮސިސް ވިތު ތްރޮމްބޮސައިޓޯޕެނިއާ ސިންޑްރޯމް (ޓީޓީއެސް) ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާރު ކޮވިޝީލްޑް ވެކްސިން އުފައްދައި ވިއްކުން ވަނީ ހުއްޓާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން