ރައްޔިތުން މުޒާހަރާކުރަމުންދާތީ ހަރަދުކުޑަކުރުމުގެ ގޮތުން ކެންޔާގެ ފަސްޓް ލޭޑީގެ އޮފީހުގެ ބަޖެޓް ކަނޑާލައިފިކަން އެގައުމުގެ ރައީސް އިއުލާން ކުރައްވައިފިއެވެ.

މިކަން އިއުލާން ކުރައްވަމުން ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ނިންމާފައިވާކަންވެސް އިއުލާން ކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ކެންޔާ ސަރުކާރުން ހަރަދު ކުޑަކުރުމަށް މިފަދަ ނިންމުމެއް ނިންމީ އެގައުމުގެ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ބިލެއް ހުށައެޅުމުން ރައްޔިތުން ވަރުގަދަ މުޒާހަރާތަކެއް ފެށުމުންނެވެ.

އާ ބިލު ހުށައެޅުމުން ކެންޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ މަޖިލީހާވެސް ބައެއް މެމްބަރު ވަނީ ހިލާފުވެފައެވެ. އަދި އެ ބިލާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މުޒާހަރާކޮށްފައިވާއިރު މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން 23 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށްވެސް އޮފިޝަލުންނާ ހަވާލަދީ އެގައުމުގެ މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ހުކުރު ދުވަހު ކެންޔާގެ ރައްޔިތުންނާއެކު އެކްސް ސްޕޭސް އިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ރޫޓޯ ވިދާޅުވީ ބިލުގައި "ދޮގު ވާހަކަތަކާއި ޕްރޮޕެގެންޑާ" ތަކަށް ޖާގަ ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ ބިލުގައި އިތުރު ވަޒީފާތައް އުފެދި ކެންޔާގެ ސިނާއަތްތައް ހިމާޔަތް ކުރެވޭނެ ފަދަ ދާއިރާތައް ހިމަނާފައިވާނޭ ކަމަށެވެ.

ކެންޔާގެ އާންމު ދަރަނި މިހާރު ހުރީ ޖީޑީޕީގެ 68 ޕަސެންޓުގައި ކަމަށާއި އެއީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާދީފައިވާ 55 ޕަސެންޓަށް ވުރެ މާ ބޮޑު އަދަދެއްގައި ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން