އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކް
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކް
އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރުމުގެ ފުރުސަތު އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކަށް ނުދިނުމަށް އެޕާޓީން ނިންމައިފިއެވެ.

އެކަމާ ގުޅިގެން ރީކޯ މޫސަ މިއަދު ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުން އޭނާއަށް އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ނުދީ، "މިހާވަރެއް" ކުރަންޖެހޭ ސަބަބު ނުވިސްނޭ ކަމަށެވެ.

“އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ކުޑަވެސް ފުރުސަތެއް ނެތް. 2014 ގައި ޕާޓީން ކަނޑާލީވެސް ނަޝީދަށް ވެރިކަން ލިބުމުގައި ހުރަހަކަށް ވާތީކަން ޔަޤީން. މިހާރުވެސް އެބިރު.” ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.

މޫސަ ވަނީ އެމްޑީޕީން އޭނާގެ ކެންޑިޑެސީ ބަލައިނުގަނެ އޭނާއަށް ފޮނުވާފައިވާ ލިޔުންވެސް މީސް މީޑިއާގައި ޙިއްސާ ކުރަށްވާފައެވެ.

އެގޮތުން އެލިޔުމުގައި ވަނީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅި މޫސަގެ މައްސަލަ ބެލުމަށް ފަހު، އެ ޕާޓީން އޭނާ ވަކިކުރުމަށް ނިންމި ނިންމުމުގައި، އޭނާ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށް ބަޔާން ކޮށްފައެވެ.

“މި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ނިންމާފައިވާތީ.” އެމްޑީޕީން މޫސައަށް ފޮނުވި ލިޔުމުގައިވެއެވެ.

އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީން މޫސައަށް އަންގާފައިވަނީ 09 ނޮވެމްބަރ 2022 އިން ފެށިގެން ފަސް އަހަރުގެ މުއްދަތަށް، އެ ޕާޓީގެ އެއްވެސް އިންތިޚާބެއްގައި އަދި ޕްރައިމަރީއެއްގައި ވެސް މޫސައަށް ބައިވެރިނުވެވޭނެ ކަމަށެވެ.

އެ ގޮތުން އެމްޑީޕީގެ މާލެ ސިޓީ ދާއިރާގެ ރައީސް ކަމަށް އޭނާގެ ހުށަހެޅުއްވުން ގަބޫލު ނުކުރާކަން ވެސް ވަނީ އަންގާފައެވެ.

މީގެކުރިން އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު އަދާކުރެއްވި މޫސަ އެމްޑީޕީން ވަކިކޮށްފައިވަނީ 2016 ގައެވެ. މޫސަ ވަނީ 2017 ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމް ގައިވެސް މަސައްކަތް ކުރަށްވާފައެވެ. އަދި 2018 ގައި ރައީސް ޔާމިނަށް ވެރިކަން ހޯދައިދިނުމަށް ވެސް މޫސަ ވަނީ މަސައްކަތް ކުރައްވާފައެވެ.

ރީކޯ މޫސަ އެމްޑީޕީއަށް އަލުން ސޮއި ކުރެއްވީ ރައީސް ޞާލިޙްގެ ވެރިކަމުގައި 09 ނޮވެމްބަރ 2022 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން