ސެންޗޫރިއަން މުދާގެންނަ ކާގޯ އުޅަނދެއް
ސެންޗޫރިއަން މުދާގެންނަ ކާގޯ އުޅަނދެއް
ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަން އިން މުދާއެތެރެކުރާ ކަސްޓަމަރުން އަތުން ނަގާ އޭޕީސީއާރް ޗާޖް ނެގުން ހުއްޓާލަން ނިއްމައިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަން އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާގޮތުގައި އޭޕީސީއާރް ޗާޖް ނެގުން ހުއްޓާލަން އެކުންފުނިން ނިންމީ، ރާއްޖޭގެ ވިޔަފާރި މައިބަނދަރުކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނަގަމުން އައި 30 އިންސައްތަ ސާޗާޖް ނެގުން ހުއްޓާލަން ނިންމި ނިންމުމާއިއެކު ސެންޗޫރިއަންގެ ފީޑަރ ވެސެލް އޮޕަރޭޓަރުން ނަގަމުންއައި އޭޕީސީއާރް ޗާޖް ނެގުން ހުއްޓާލަން އެފަރާތްތަކުންވެސް ނިންމުމާގުޅިގެންނެވެ.

އެމްޕީއެލް އިން ވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އެކުންފުނީގެ ބެލުމުގެ ދަށުގައިވާ ބަނދަރުތަކުން ނަގާ ހޭންޑަލިންގް އަދި ވޯފޭޖް ޗާޖުތައް އުވާލައި އަދި ރޭގަނޑު 23:30ން ހެނދުނު 07:30 އާއި ދެމެދު ދެވޭ ހިދުމަތްތަކުން ނަގާ 30 އިންސައްތައިގެ ސާޗާޖް އުވާލުމަށް ނިންމާފައެވެ.

އެމްޕީއެލް އިން މިގެނައި ބަދަލާއި ގުޅިގެން ސެންޗޫރިއަށް އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަން މެދުވެެރިކޮށް ރާއްޖެ މުދާ ކޮންޓެއިނަރ އެތެރެކުރާ އެއްވެސް ފަރާތްތެއްގެ އަތުން އޭޕީސީއާރް ޗާޖް ނުނަގާނެ ކަމަށެވެ.

ރަސް އޮންލައިން އަށް މައުލޫމާތު ދެއްވަމުން ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަންގެ ފްރައިޓް އޮޕަރޭޝަންގެ ޖެނެރަލް މެނޭޖަރ ޒަފަރު ޒިއާ ވިދާޅުވީ ކޮވިޑް19ގެ މިހާލަތުގައި މުދާތަށް ކްލިއަރ ނުކުރެވި ގިނަ އަދަދެއްގެ މުވައްޒަފުން ނެރެގެން 24 ގަޑިއިރު ވެސް މަސައްކަތް ކުރަންޖެހުނު ކަމަށެވެ. އަދި މީގެ އިތުރުން އެހެނިހެން ޚަރަދުތައް ކުރަންޖެހުނު ކަމަށެވެ. އަދި އޭޕީސީއާރު ޗާޖަކީ އެފަދަ ޚަރަދުތައް ފޫބެއްދުމަށް ނަގަމުންއައި ޗާޖެއްކަމުގައިވީ ނަމަވެސް އެމްޕީއެލް އިން 30 ޕަސެންޓް ސާވިސް ޗާޖް އުނިކުރުމުން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް އެ ޗާޖް އުނިކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ގެންނަ ކޮންޓެއިނަރު ތަކުން ނަގާ ޗާޖްތައް ކުޑަކޮށް، އުނިކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި އެމްޕީއެލް އާއި މޯލްޑިވްސް ފްރެއިޓް ފޯރވާޑަރސް އެސޯސިއޭޝަންގެ އިތުރުން ފީޑަރ ވެސަލް އޮޕަރޭޓަރސް އިން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކޮށް ސެންޗޫރިއަން އިން ބުނެފައިވަނީ މި ކަންކަމުގެ ސަބަބުން ވިޔަފާރި ތަކަށާއި މުޖުތަމައުއަށް ފައިދާ ކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން