ކޮރޯނާ ވައިރަހަކީ އެއްގޮތަކަށް ވެސް ބިރުވެރިކަން ކުޑަ ނުރައްކާތެރިކަން ނެތް ވައިރަހެކޭ ދަންނަވަނީއަކީ ނޫނެވެ. މިކަމަށް އަދި ޑޮކްޓަރީ އެއްވެސް ބޭހެއް ނުވަތަ ވެކްސިނެއްވެސް ހޯދިފައެއް ނެތެވެ. އެންމެ މުހިންމު ކަމަކީ ބަލި ނުޖެހޭނެ ގޮތްގޮތަށް ސަމާލުކަން ދީގެން ދިރި އުޅުމެވެ. އެންމެ ފުރަތަމަ ކަމަކީ އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމެވެ. މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ވޭތޯ ބެލުމެވެ. ބޭކާރު ގޮތުގައި ގެއިން ބޭރަށް ގޮސް ނުހެދުމެވެ. ބައްދަލުވާ މީހުން މަދުކުރުމެވެ. ގިނަގިއިން އަތް ދޮވުމެވެ. އަތް ނުދޮވެ އެންމެ ފަހަރަކުވެސް އަނގައާއި ނޭފަތާއި ލޮލުގައި އަތް ނުލުމެވެ. ސައިބޯނިލައިގެން އަތް ދޮންނާށެވެ. ނޫނީ ރަނގަޅު ސެނިޓައިޒަރއެއް ބޭނުން ކޮށްގެން ރަނގަޅަށް އަތް ސާފުކޮށްލާށެވެ. އަދި އެންމެ މުހިންމު ކަމަކީ އަބަދުވެސް އެހެން މީހަކާއި ބައްދަލުވާއިރު މާސްކް އަޅައިގެން ހުރުމެވެ. ރައްކާތެރި މާސްކެއް ރައްކާތެރި ގޮތުގައި އަޅާށެވެ. ނަމަކަށް ނޫނެވެ. އަނގަޔާއި ނޭފަތް ރަނގަޅަށް ފޮރުވޭ ގޮތަށެވެ. ބޭރުގައި ނޫނަސް ގޭގައި ގިނަ މީހުންނާއެކު ދިރިއުޅޭނަމަ މީހުންގެ ތެރެއަށް ނުކުންނައިރު މާސްކް އަޅައިގެން އުޅޭށެވެ. މާސްކް އަޅައިގެން ހުއްޓަސް އެހެން މީހުންނާއި ތިން ފޫޓު ދުރުގައި ހުރެގެން މުއާމަލާތް ކުރާށެވެ.

ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނުމުން ކަންތައް ކުރާނީ ކިހިނެއް؟

ކޯވިޑް-19 އަކީ ނޮވެލް ކޮރޯނާ ވައިރަހުން ޖެހޭ ރޯގާއެކެވެ. މި ރޯގާ ނުރައްކާވަނީ މިބަލި ޖައްސާ ވައިރަހަކީ މުޅިން އަލަށް ތަޢާރަފުވެގެން އުޅޭ ވައިރަހަކަށް ވެފައި ވައިރަސް ހަށިގަނޑަށް ވަނުމުން އެ ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރާ ހަށިގަނޑުގެ ދިފާޢީ ބާރު ފުރިހަމައަށް މަސައްކަތް ނުކުރުމެވެ. އެހެންވީމާ ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަ ކުރެވިއްޖެއްޔާ މި ވައިރަހަކީ މާބޮޑު ނުރައްކަލެއް ނޫނެވެ.

ބަލީގެ އަލާމާތްތައް ފެނުމުން ބިރުން ހަދާނެގޮތް ހުސްވެގެން ޑޮކްޓަރަށް ދައްކަން ދުއްވައި ނުގަންނާށެވެ. ބަލީގެ އަލާމާތްތައް ފެނުމަކީ އަދި އެހާ ހާސްވެ ތެޅިގަންނަންވީ ކަމެއް ނޫނެވެ. ބައްޔަށް ޝައްކު ކުރެވޭއިރަށް ނޫނީ ތިމާ ބަލި ޖެހިފައި ހުރި މީހަކާ ސީދާ ބައްދަލުވެފައިވާކަން އެނގޭ ހިސާބުން އަވަހަށް އެކަހެރިވާށެވެ. މީހުންގެ ތެރެއަށް ނުކުމެ ނޫޅޭށެވެ. އަވަހަށް އަމިއްލަ ފަރުވާ ފަށާށެވެ. ގޭގެ އެހެން މީހުންނާ ވީހާވެސް ވަކިވެ ދުރުގައިއުޅޭށެވެ. ވަކިން ނޫޅެވޭ ހާލަތުގައި ވެސް މާސްކް އަޅައިގެން އުޅޭށެވެ. ގައިދުރުކަން ބަހައްޓާށެވެ. އެއްފާޚާނާއެއް ބޭނުން ކުރަން ޖެހުނަސް ބޭނުންކޮށްފައި ޑިސްއިންފެކްޓް ކޮށްލާށެވެ. ކައިބޮއި އުޅުމުގައި ވެސް އެހެން މީހުންނާ ވަކިވާށެވެ.

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ޖެހުމުން ފެންނާނެ އެންމެ އާންމު އަލާމާތްތަކަކީ ހުންއައުމާއި ކެއްސުމާއި ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުމެވެ.

ހުމުގެ ފަރުވާ:

ހުން ގަދަވާނަމަ ހުން މަޑުކުރަން ބޭނުން ކުރާ އާދައިގެ ބޭހެއް ބޭނުން ކުރާށެވެ. އާންމުކޮށް ހުމަށް ބޭނުން ކުރާ އެސިޓޮމިނޯފިން ބޭނުން ކޮށްލުމުން ރަނގަޅުވާނެއެވެ. އިބުޕްރޫފަން އަކީވެސް ހުމަށް ބޭނުންކޮށް އުޅޭ ބޭހެކެވެ. ނަމަވެސް މި ބޭސް ކޮރޯނާވައިރަސްގެ ހުމަށް ބޭނުން ކުރުން ރަނގަޅު ނޫންކަމަށް ބައެއް ހޯދުންތަކުން ދައްކައެވެ. އަދި އިތުރު ދިރާސާތަކަށް ބޭނުންވާތީ މިބޭސް ބޭނުން ކުރުން އެހާ ރަނގަޅެއް ނޫނެވެ.

ހުން އައުމަކީ ހަށިގަނޑު ޑީހައިޑްރޭޓްވާ ކަމެކެވެ. އެހެންވީމާ ގިނައިން ދިޔާ އެއްޗެހި ބޭނުންކޮށްގެން ހަށިގަނޑުން ފެންމަދުވިޔަ ނުދިނުން ވަރަށް މުހިންމެވެ. ފެން ގިނައިން ބޯށެވެ. ޖޫސް ފަދަ ދިޔާ އެއްޗެހިވެސް ރަނގަޅު ވާނެއެވެ. އެކަމަކު ހަކުރު މާގިނައިން ހުންނަ ބުއިންތަކާއި ފިޒީ ބުއިންތަކާއި ކެފެއިން ހުންނަ ބުއިންތައް ބޭނުން ނުކުރާށެވެ. އެފަދަ ބުއިންތަކުން އިތުރަށް ކަރުހިއްކާގޮތް ވާނެއެވެ.

ވައިރަހުން ދިފާޢުވުމަށް ހަށިގަނޑު އޭގެ ޒާތުގައި އަމިއްލައަށް މަސައްކަތް ކުރަމުންދާއިރު ގިނައިން އަރާމު ކުރާށެވެ. ހަށިގަނޑުގެ ހަކަތަ ބޭނުންކޮށްގެން ވައިރަހާއި ހަނގުރާމަ ކުރަން ފުރުސަތު ދޭށެވެ.

ކެއްސާނަމަ ހަދާނީ ކިހިނެއް؟

ކެއްސުމަށް އެންމެ ރަނގަޅު ފަރުވައަކީ އަބަދުވެސް ކަރުތެރެ ހިކުނަނުދީ ތެންމާފައި ބެހެއްޓުމަށް އަބަދުވެސް ފެން ބުއިމެވެ. ދޭތެރެ އަވަސްކޮށް، އަވަސް އަވަހަށް ފެން ބޮމުން ގެންދާށެވެ. މުޅި ދުވަހު ހުއްޓާނުލާ އަބަދުވެސް އެތިއެތި ފޮދުން ފެން ބޮމުން ގެންދާށެވެ.

ހޫނުކޮށް ދިޔާ އެއްޗެއްހި ގިނަގިނައިން ބޯށެވެ. ހޫނުފެނާ ހޫނު ސަޔާއި ހޫނު ބަތްޕެން ފަދަ އެއްޗެހި މަދުމަދުން އަވަސް އަވަހަށް ބޭނުން ކުރާށެވެ. އޭރުން ކަރުތެރޭގައި އުފެދޭ ދަވަ ސާފުކޮށްދީ ކަރުތެރޭގެ މަސްތަކަށް އަރާމުލިބި ކަރުތެރެ ހުޅުވޭނެއެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި މިވައިރަސް ފުރަތަމަ ވަދެ އިންނަނީ ކަރުތެރޭގައެވެ. ނޭފަތާއި އަނގައިގެ ބުޑު ނުވަތަ އެދެގުނަވަން ގުޅޭ ސަރަހައްދުގައެވެ. ސައިނަސްއާއި އެޑެނޮއިޑްވެސް ހުންނަ ހިސާބުގައެވެ. ޑޮކްޓަރުން ބުނަނީ ނޭވާލާ ނިޒާމާއި ހަމައަށް ވާސިލުވަނީ އެހިސާބުގައި ދެތިން ހަތަރު ދުވަހު ވައިރަސް އިނުމަށް ފަހުގައި ކަމަށެވެ. އެހެންވީމާ ކަރުތެރެއާއި ހަމައިން މި ވައިރަސް ނައްތާލުމަށް މަސައްކަތް ކުރުމަށް ކަމުގެ މާހިރުން ލަފާދެއެވެ.

ހޫނުފެނަށް ނުވަތަ ސަޔަށް މާމުއި އަޅައިގެން ބޭނުން ކުރާށެވެ. މާމުއިގެ ސަބަބުން ބެދޭގޮތްވެ ހިކިގެން ހިންދިރުވާން އުނދަގޫވެފައި ހުންނަ ކަރުތެރެ ހުޅުވި ކަރުތެރޭގެ މަސްތައް މަޑުވެ އަރާމު ލިބިގެންދާނެއެވެ. ނަމަވެސް އަހަރު ނުވާ ކުދިންނަށް މި ފަރުވާ ބޭނުން ނުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.

ބައެއް ދިރާސާވެރިން ބުނާ ގޮތުން ހޫނުފެނަށް ނުވަތަ ހޫނު ސަޔަށް ލުނބޯ އަޅައިގެން ބުއިމަކީ ވެސް ވަރަށް އަވަހަށް ކަރުތެރޭގެ އުނދަގޫތަށް ފަސޭހަކޮށްދޭ ފަރުވާއެކެވެ. ދެތިން ފޮތި ލުނބޯ ހޫނުފެން ނުވަތަ ހޫނު ސައި ޖޯޑަކަށް އަޅައިގެން މަދުމަދު ބޮއި ހުސްކުރާށެވެ. ކަރުތެރެ ރަނގަޅުވާންދެން އަވަސް އަވަހަށް މި ފަރުވާ ބޭނުން ކުރާށެވެ.

ހޫނުފެނުން އާވި އަރުވާށެވެ. އާވިއެރުވުމަށް ތައްޔާރުކޮށްފައި ހުންނަ ހިއުމިޑިފަޔަރ ނުވަތަ ވެޕޮރައިޒަރ ކަހަލަ މެޝިނެއްގެ އެހީގައިވެސް އާވި އެރުވިދާނެއެވެ. އާވި އެރުވުމުން ކަރުތެރެއަށް އަރާމުވެ ނޭވާލާ ނިޒާމު ހުޅުވި ނޭވާލާން ވެސް ފަސޭހަވާނެއެވެ.

ލޮނުފެނުން ކަރުތެރެ ދޮންނާށެވެ. ސައިންސްވެރިންނަށް އަދި މާބޮޑު ހޯދުންތަކެއް ހޯދިފައި ނެތަސް ހޫނުފެނަށް ނޫނީ ތާފަނާ ފެނަށް ލޮނުކޮޅެއް އަޅައިގެން ކަރުތެރެ ދޮވުމަކީ ވަރަށް ނަތީޖާ ރަނގަޅު ހަކީމީ ބޭހެކެވެ. މިގޮތަށް ދޮވެލުމުން ކަރުތެރެ ސާފުކޮށްދީ އަރާމުކޮށްދެއެވެ. މިއީ ދިވެހީންވެސް ވަރަށް ގިނައިން ބޭނުން ކުރާ ފަރުވާއެކެވެ. އަށް އައުންސް ހޫނު ފެނަށް ނޫނީ ކަރުތެރެ ނުފިހޭ ވަރުގެ ތާފަނާ ފެނަށް ލޮނު ސަމްސަލެއް އަޅައިގެން ކަރުތެރެ ދޮންނާށެވެ. ކަރުތެރެ ދޮންނަ ލޮނުފެން އެތެރެއަށް ދިޔަ ނުދީ ބޭރުކުރަން ވާނެއެވެ.

ކެއްސާތީ ބޭނުންކުރާ ކޯފް ޑްރޮޕެއް ދޫމައްޗަށް ލައިގެން ބޯށެވެ. ދިވެހިން އާންމުކޮށް ބޭނުންކޮށް އުޅެނީ ސްޓްރެޕްސިލްސް ނުވަތަ ވިކްސް ކޯފް ޑްރޮޕްސް ކަހަލަ ކޯފް ޑްރޮޕް އެކެވެ. ކޯފް ޑްރޮޕް އެއް ބޭނުން ކުރުމުން އަނގައިގެ ތެރެއާއި ކަރުތެރެ އަބަދުވެސް ތެތްކަންމަތީގައި ބަހައްޓައިދިނުމަށް އެހީތެރިވެދޭނެއެވެ.

މާގަދައަށް ތެތް ކެއްސުމެއް ކެއްސައި ކަރުތެރެއިން ދަވަ ނުވަތަ އަރިދަފުސް ކަހަލަ އެއްޗެއް އަންނަ ނަމަ އާދައިގެ ކޯފް އެކްސްޕެކްޓޮރަންޓެއް ބޭނުން ކުރެވިދާނެއެވެ. ހިކި ކެއްސުމެއް ނަމަ ކޯފް ސަޕްރެސެންޓެއް ރަނގަޅުވާނެއެވެ. އެ ކެއްސުމަކާއި ގުޅޭ ބޭހެއް އިހުތިޔާރު ކުރުން މުހިއްމެވެ.

ނޭވާކުރުވެ ނޭވާލާން އުނދަގޫވާނަމަ ހަދާނީ ކިހިނެއް؟

ނޭވާކުރުވެ ނޭވާލާން އުނދަގޫވާނަމަ ލަސްލަހުން ނޭވާލާށެވެ. ލަސްލަހުން ރިލެކްސް ކޮށް ނޫނީ އަރާމު ވާގޮތަށް ނޭވާލާން ފެށުމުން ނޭވާކުރުވުން ހައްލުވެ އާދައިގެ ހާލަތަކަށް ވަރަށް އަވަހަށް ބަދަލުވާނެއެވެ. ގިނަ ޑޮކްޓަރުން ބުނާ ގޮތުން ނޭވާލާން އުނދަގޫވާން ފަށަނީ ނޭވާލާ ނިޒާމަށް ވައިރަހުގެ އަސަރު ފޯރުމުންނެވެ.

ނޭވާ ކުރުވާން ފެށުމުން ހަދާ އާދައިގެ އެކްސަސައިޒްތައް ނުވަތަ ކަސްރަތުތައް ވެސް ހުރެއެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މާބޮޑަށް ނޭވާލާން އުނދަގޫ ވާނަމަ ނަމާދު ކުރާއިރު ސަޖިދައަށް ދާގޮތަށް އަތްމަތީގައި ގިނައިރު އޮތުމުން ނޭވާލުން ފަސޭހަވެއެވެ. މިނޫނަސް ނޭވާލުމަށް ފަސޭހަވާނެހެން ރިލެކްސް ކުރާށެވެ.

ތަޖުރިބާކާރުން ލަފާދޭ ގޮތުގައި ކަނޑައެޅިގެން އަދި ބޭހެއް ނެތް ކޮރޯނާ ވައިރަސް ޖެހިގެން ވަރަށް މަދު މީހަކަށް ނޫނީ ހާލުދެރަވެ މާބޮޑު އުނދަގޫތަކެއް ނުވެއެވެ. ބަލިޖެހޭ ގިނަ މީހުންގެ ކިބައިން ފެންނަނީ ވަރަށް އާދައިގެ މާބޮޑު އުނދަގޫތަކެއް ނުވާ، ވަރަށް ކުދިކުދި އަލާމާތްތަކެކެވެ.

ވިސްނުން ބަހައްޓަންވީ މުހިންމު ކަންކަން

ކުރިން ވެސް ދެންނެވިހެން ކޮރޯނާ ވައިރަހަކަށް އަދި ބޭހެއް ހޯދިފައެއް ނެތެވެ. އެކަމަކު މިދެންނެވި ފަދަ އާދައިގެ އާންމު ފަރުވާތަކުން ވަރަށް އަވަހަށް ބަލިން ރަނގަޅު ވެއެވެ. އާންމުކޮށް މިފަދަ ފަރުވާތަކުން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަލި މުޅިން ފަސޭހަވެއެވެ. ބަލީގެ އަލާމާތެއް ނެތް ނަމަވެސް 14 ދުވަސް ނުވަނީސް ނުކުމެ ނޫޅުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.

ހުންއައުމާއި ކެއްސުމާއި ނޭވާ ކުރުވުމަށް މިދެންނެވި ފަރުވާތައް ބޭނުން ކުރާށެވެ. ހަފުތާއެއްގެ ތެރޭގައި ބަލިން ރަނގަޅުވާނެއެވެ. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ އަދި ފަރުވާތެރިވާން ޖެހޭ ކަމަކީ ބަލީގެ އަލާމާތްތައް ފެނުމާއެކު އަވަހަށް އެކަހެރިވެ އަމިއްލައަށް ކަރަންޓީންވެ އެހެންމީހުންނާ ކައިރި ނުވެ އުޅުމެވެ.

ބަލިފެތުރޭ ސަރަހައްދެއްގައި އުޅޭނަމަ ގިނަގިނައިން ހޫނުފެން ނުވަތަ ހޫނުސައި ބޭނުން ކުރާށެވެ. އާވި އަރުވާށެވެ. ވިޓަމިންސީއާއި ދިޔާ އެއްޗެހި ގިނައިން ބޭނުން ކުރާށެވެ. އަބަދުވެސް ކަރުތެރެ ތެންމާފައި ބަހައްޓާށެވެ. ބަލީގެ އަލާމާތްތައް ފެނުމުން ހާސްވެގެން ތެޅިފޮޅި ނުގަންނާށެވެ. މިދެންނެވި ފަރުވާތައް މަޑުމަޑުން ބޭނުން ކުރާށެވެ. ތިމާއާއި އެހެން މީހުންގެ ރައްކާތެރި ކަމަށް ވިސްނައިގެން މިގޮތަށް ކަންތައް ކުރުމުން ބަލި ފެތުރުން މުޅިން ކޮންޓްރޯލް ކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން