ޞާދިރު ޢަލީދީދީ   15 އޮކްޓޯބަރު 2020 - 14:33
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 03

................

[ނަޝްވާ...މަރުޙަބާ...ނަޝްވާގެ ތި ކާމިޔާބަށް އަހަރެންވެސް ވަރަށް އުފާކުރަން. ނަޝްވާ އަހަރެން އިންތިޒާރު ކުރާނަން....] ރީޙާން ނަޝްވާއާ ވާހަކަ ދެއްކީ ފޯނުންނެވެ.

[ރީޙާން އިންތިޒާރު ކުރިޔަސް، ތަޤްދީރުގައި ލިޔެވިފައި ނެތް ކަމެއް ނުވާނެ. އަހަންނާ ރީޙާންގެ ކައިވެނި، ތަޤްދީރުގައި ލިޔެވިފައިވާނަމަ، ރީޙާންގެ އުންމީދުތައް ފުރިހަމަވާނެ.] ނަޝްވާ ބުންޏެވެ.

[އިރާދަކުރެއްވިއްޔާ، އަހަންނާ ނަޝްވާގެ ކައިވެނި، ތަޤްދީރުގައި ލިޔެވޭނެ. ނަޝްވާ އަހަންނަށް ލިބޭނެ.] ރީޙާން ބުންޏެވެ.

[ރީޙާން...މިވަގުތު އަހަރެން ކުޑަކޮށް ބިޒީވެއްޖެ. ބާއްވަނީ....ފަހުން ގުޅާނީދޯ.] ނަޝްވާ ފޯނު ބޭއްވިއެވެ.

މިހާރު ނަޝްވާ ތައްޔާރުވަމުން ދަނީ މާލެ ދިޔުމަށްޓަކައެވެ. ނަޝްވާ ފުރާ ދުވަސް ކައިރިވަމުންދާ ވަރަކަށް، ރީޙާންގެ ހިތް އަވަސްވެ، މާޔޫސްވަމުން ދަނީއެވެ. އޭނާގެ ހިތް އެންމެ ބޮޑަށް ނުތަނަވަސްވެފައިވަނީ، ވަކިގޮތަކަށް ޖަވާބުނުދީ ނަޝްވާ ދާތީއެވެ. ނަޝްވާ އޭނާ ދިއްކުރި ލޯބީގެ އަތުގައި ހިފުމަށްފަހު، ފުރައިގެންދާނަމަ، އޭނާ ވަރަށް އުފާވީސްކަން ކަށަވަރެވެ. ނަޝްވާ އަދިވެސް ބުނަމުން އެދަނީ، އޭނާ އަދި އެފަދަ ކަމަކަށް ނުވިސްނާ ކަމަށެވެ. ނަޝްވާގެ ވިސްނުމަށް، ނަޝްވާ ބޮޑުވެ ފުރާވަރަށް ނާރަނީބާއެވެ. ނޫނެކެވެ. ވެދާނެއެވެ. ނަޝްވާގެ ޙަޔާތަށް އޭނާ އެހެން ކޮންމެވެސް ބައިވެރިޔަކު ޚިޔާރު ކޮށްފައި ވަނީއެވެ. އެކަމަކު ނަޝްވާ ބުނެފައިވެއެވެ. އޭނާ އަދި އެކަހަލަ ކަމަކަށް ނުވިސްނައެވެ. އޭނާ އެފަދަ ކަމަކަށް ވިސްނަން ބޭނުންވަނީ، ތަޢުލީމީ ގޮތުން އޭނާ ޙާޞިލް ކުރަން ބޭނުންވާ އުސްމިންތައް ޙާޞިލްވީ ދުވަހަކުންނެވެ.

[ބޭނުމެއް ނޫން...ވަރަށްގިނަ ފިރިހެން ކުދިން އަހަންނާ ރައްޓެހިވާން އެބައަހާ...ހަމަ ޙަޤީޤަތުގައިވެސް އަހަރެން އަދި ބޭނުމެއްނުވޭ. މިސާލަކަށް، ފުރަތަމަވެސް އަހަރެން މިދަނީ ފަސްއަހަރު ދުވަހަށް...ތިއިން އެކަކުވެސް ފަސް އަހަރު ވަންދެން އިންތިޒާރެއް ނުކުރާނެ.] ނަޝްވާ ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ނަޖްވާއާ އެވެ. އެދެކުދިން ވާހަކަ ދައްކަން ތިބީ، ލިންކް ރޯޑްގެ މޫދާވީ ފަރާތުގައި ހުންނަ ފާރުބުރި މަތީގައެވެ.

[ލޯބިވާ މީހަކު އިންތިޒާރު ކޮށްފާނެ. ނަޝްވާ ތިހެން ތިބުނަނީ، ނަޝްވާޔަށް އަދި އެއްވެސް މީހަކު ދެކެ ލޯބިނުވެެވޭތީ....]

[އަހަންނަށް ރަނގަޅީ ލޯބި ނުވެވުނިއްޔާ...އަދި އެއްވެސް މީހަކުދެކެ ލޯބިވާކަށް އަހަރެން ބޭނުމެއް ނޫން...އަހަންނަށް އެބަ ފެނެޔޭ، ނަޖްވާމެން މީހުންދެކެ ލޯބިވެގެން އުޅޭ ޙާލު...އެންމެ ރަނގަޅު، ނަޖްވާ ލޯބިވާކަން ނިހާލަށް މިހާރު އަންގައިފިންތަ؟] ނަޝްވާ ބުންޏެވެ.

[ނޫނޭ...އަހަންނަކަށް ނުކެރޭނެ...ކެތްނުވާވަރުވީ ދުވަހަކުން ކުރިމައްޗަށް އަރާ ބުނާނީ...] އެވަގުތު ކަޅު ކުލައިގެ ޕަލްސާ ސައިކަލެއްގައި ނިހާލް އެދިމާއަށް އަންނަތަން ނަޝްވާއަށް ފެނުނެވެ. ނަޝްވާ ވަގުތުން ނިހާލަށް ހަނާ އަޅާލިއެވެ. ނިހާލް ސައިކަލް މަޑުކުރިއެވެ.

[ނަޝްވާ...ނަޖްވާ....މިތާ ކީއްތިކުރަނީ؟] ސައިކަލް މަޑުކޮށްލަމުން، ނިހާލް ވާހަކަ ދެއްކިއެވެ. ރަކި ހިނިތުންވުމަކާއެކު ނިހާލް އިސްއޮބާލިއެވެ.

[ނަޖްވާ....ނިހާލް ނުފެނިގެން އުޅޭތީ ނިހާލް ފެނޭތޯ....ދޯ ނަޖްވާ؟] ނަޝްވާ ނަޖްވާއަށް ދޯއެއްލަމުން މިހެން ބުނީމާ، ނަޖްވާ ލަދުން އަނެއްފަރާތަށް އެނބުރުނެވެ. ނިހާލް ހިނިތުންވެލިއެވެ.

]ތެދެއް ނަޖްވާ! ނަޖްވާ ހާދަ ލަދުރަކިކޮށް ތިއިންނަނީ...މިރަށު އަންހެން ކުއްޖެއްހެންވެސް ހިއެއްނުވޭ.] ނިހާލް ނަޖްވާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ. ނަޖްވާ އިސްއުފުލައި، ނިހާލްގެ މޫނަށް ބަލައިލިއެވެ. އެހިނދު ނިހާލާއި ނަޖްވާގެ ހަތަރުކަޅި ބައްދަލުވިއެވެ.

[ނިހާލް ކިހިނެއް؟] ސީދާ ނިހާލްގެ ލޮލަށް ބަލަން އިނދެފައި ނަޖްވާ ވާހަކަ ދެއްކިއެވެ.

[ވަރަށް ރަނގަޅު...މިވަގުތު މިދަނީ ވަރަށް އަވަސް ތަނަކަށްދާން.] ނިހާލް ސައިކަލް ދުއްވާލިއެވެ. ނިހާލް ދިޔުމާއެކު، ނަޖްވާ ނަޝްވާގެ ގައިގައި ވިކައިގަތެވެ.

[ނަޝްވާ ތިކުރި ކަމަކުން ކިރިޔާ ލަދުން ހަލާކުނުވީ.] ނަޖްވާ ބުންޏެވެ.

[ރަނގަޅެއްނު...އަހަރެން ނަޖްވާއަށް މަގު ހުޅުވައިދިނީ...އިތުރަށް ކުރިޔަށް ދިޔުމަކީ ނަޖްވާގެ ކަމެއް...ދެން ހިނގާ ދާން...] ނަޝްވާ ތެދުވެގެން ހިނގައިގެންފިއެވެ.

މިހާރު ރީޙާން އެގެޔާ ދިމާ އަތިރިއަށް ނުދާތާ ހަތަރުވަރަކަށް ދުވަސް ވެއްޖެއެވެ. ޝަބާބާ ބައްދަލުކުރަން ބޭނުންނުވާތީ އޭނާ ނުދަނީއެވެ.

[ރީޙާން ކީއްވެތަ، މިހާރު އެތަނަށް ނުދަނީ...] ގޭ ދޮރުމަތީގައި ހުރި ރީޙާން ސިއްސައިގެންދިޔައީ، އޭނާގެ ފުރަގަހުން އައިސް ހުއްޓުނު ޝަބާބްގެ އަޑުންނެވެ. ޝަބާބް ހުރީ ހިނިއައިސްފައެވެ.

[ކަމެއްނުވޭ...މަންމައާއި ބައްޕަ ބުނީ އެ ގަޑީގައި އެތަނަށް ދިޔުމަކީ މާ ރައްކާތެރި ކަމެއް ނޫން ކަމަށް.] ސިހިފައި ރީޙާން ބުންޏެވެ.

[އަހަރެން ކޮންމެ ރެޔަކުވެސް އެތަނަށް ދަން. އަހަރެން ބިރެއްވެސްނުގެނޭ. އަޅެ ހިނގާބަލަ، އަހަންނާއެކު އެތަނަށް ކުޑަކޮށް ވާހަކަ ދައްކާ ހަދާލަން.] ޝަބާބް އެދުނެވެ.

[އަހަންނަށް އެނގޭ، ޝަބާބް ދައްކަން އުޅެނީ ކޮން ވާހަކައެއްކަން. ފުރަތަމަ ދުވަހުވެސް އަހަރެން ބުނީމެއްނު، އަހަރެން ނަޝްވާޔަށް އިންތިޒާރު ކުރާނީއޭ....ތިހެން ތި ޢުމުރުގެ އަންހެން ކުއްޖަކު ނިކުމެ އުޅުމަކީ، ވަރަށް ގޯސް ކަމެއް.] ރީޙާން އުޅުނީ، މިހެން ބުނެފައި އެތެރެއަށް ވަންނާށެވެ. ނަމަވެސް، އެވަގުތު ޝަބާބް އެއްލި އަތުން ހިފުނީ، ރީޙާން ލައިގެންހުރި ޓީޝާޓްގައެވެ.

[ރީޙާން...އަޅެ އާދޭސްކުރަން ރީޙާން...އަހަންނާއެކު ކުޑަވަގުތުކޮޅަކަށް ހިނގާބަލަ....ކުޑަކުޑަ ވަގުތުކޮޅަކަށް.] އާދޭސް ކުރަމުން ޝަބާބް، ރީޙާންގެ އަތުގައިވެސް ހިފައިފިއެވެ. ރީޙާން މަޑުމަޑުން ޝަބާބްގެ ފަހަތުން ހިނގައިގެންފިއެވެ. އެއީ އިރިފުސްމެ ވަގުތެވެ. ޝަބާބް ރީޙާން ގޮވައިގެން ދިޔައީ އަބަދުވެސް އެވަގުތުތަކުގައި ރީޙާން ހިތް އުފާކޮށްލުމަށްޓަކައި ދާ މަންޒިލަށެވެ.

[މިތިބީ މިތަނަށް އާދެވިފަ...ދެން ތި ދައްކަން އުޅޭ ވާހަކަ ދައްކަބަލަ.] ރީޙާން އޭނާ އަބަދުވެސް އިށީންނަ ލަކުޑިގަނޑުމަތީގައި ޖައްސާލިއެވެ. ޝަބާބްދެކެ ލޯބިނުވެވުނަސް، ޝަބާބްގެ ކިބައިގައިވާ ސިފަތަކާމެދު އޭނާގެ ހިތުގައި ގިނަގުނަ ސުވާލުތަކެއް އުފެދެއެވެ. އޭނާގެ ކިބައިގައި ވަނީ އާދަޔާ ޚިލާފު ރީތި ސިފަތަކެކެވެ. ހިންދުސްތާނު ފިލްމްތަކުންނާއި، ޓެލެޑްރާމާތަކުން ފެންނަމުންދާ ކުދިންނަށްވުރެންވެސް އޭނާގެ ސިފަ މާ ނަލައެވެ.

[މިޖެހޭ ހިތްގައިމު ރޯޅިން ހިތް އުފާކޮށްލަން އިރުކޮޅަކު މިތާ ތިއްބަސް ވަރިހަމަނު.] ޝަބާބް މިހެން ބުނެފައި، ރީޙާންގެ މޫނަށް ބަލައިލިއެވެ.

[އަހަންނަކަށް ވަގުތެއް ނެތް...އަހަރެން އެބަޖެހޭ، މިރޭ ނަޝްވާއާ ބައްދަލުކުރަން އެގެޔަށް ޖައްސާލަންވެސް.] ރީޙާން ބުންޏެވެ.

[މިރޭ ކިހާއިރަކުތަ ފޭދޫއަށް ދާން ތިއުޅެނީ؟] ޝަބާބް އެއްސެވެ.

[ނުވަގަޑިބައި ދިހައެއްޖަހާކަންހާއިރު...] ރީޙާން ޖަވާބުދިނެވެ.

[ފޭދޫއަށްދާއިރު އަހަރެން މަރަދޫއަށް ގެންގޮސްދީފާނަންތަ؟] ޝަބާބް އެދުނެވެ.

[އާނ، އަހަރެން އެބަ އަންނަން ތައްޔާރުވެގެން. ޝަބާބް މިތާ ހުރޭ...] ގަޑިއަށް ބަލައިލުމަށްފަހު، ރީޙާން ދިޔައީ ގެޔަށެވެ. އޭނާ ބޭނުންވީ ކުޑަކޮށް ފެންވަރާ ތާޒާވެލާށެވެ. އޭނާގެ ގެޔަކީ އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެއްކަމުން، ފެންވެރުމަށްޓަކައި ބޭނުންކުރަނީ މަތި ހާމަޔަށް ހުންނަ ގިފިއްޔެކެވެ. އޭނާ ގިފިއްޔަށް ވަދެ ފެންވަރަން ފެށި ވަގުތު، އިތުރު މީހަކު އެތާތެރޭ ހުރިކަމުގެ އިޙްސާސްތަކެއް ކުރެވުނެވެ. އޭނާ ދާނިން ބޮލަށް ފެން އަޅަމުންދާއިރު، އެހެން މީހަކު އެހެން ދާންޏަކުން ފެން ނަގާހެންވެސް ހީވެއެވެ. ނަމަވެސް، އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވުމާއެކު، އޭނާ ނިންމީ އެއީ އޭނާޔަށް ހީވި ހީވުމެއް ކަމަށެވެ.

ފެންވަރައި ނަލަހެދިލައިގެން ރީޙާން ނިކުތްއިރު، އެގޭ ދޮރުމަތީގައި ޝަބާބް ހުއްޓެވެ. ޝަބާބް އެހުމަކާނުލައި ރީޙާންގެ ސައިކަލް ފަހަތަށް އަރައިފިއެވެ. އޭރު ދިހައެއް ޖަހައިފިއެވެ. ނަމަވެސް ރީޙާން ބޭނުންވަނީ އެރޭ ނަޝްވާޔާ ބައްދަލުކުރާށެވެ. ނަޝްވާ ފުރާ ދުވަސްވެސް ކައިރިވަމުންދާތީއާ އެކުގައެވެ. ރީޙާން ނިކަން ބާރަށް ސައިކަލް ދުއްވާފައި ގޮސް ހިތަދޫ ހުސްކޮށް އާރު.އޭ.އެފް ސަރަޙައްދަށް އަރައިފިއެވެ. އެ ސަރަޙައްދަށް އެރުމާއެކު، ސައިކަލް ކުރިޔަށްނުދާހެން އޭނާއަށް ހީވާން ފެށިއެވެ.

[ޝަބާބް....މި ސައިކަލް ކުރިޔަށް އެބަދޭތަ؟] ރީޙާން އަނެއްކާވެސް ސްޕީޑް ބާރުކޮށްލިއެވެ. ކިތަންމެ ދުވެލި ބާރުވިޔަސް، ފެންނަމުންދަނީ އެއް މަންޒަރުތަކެކެވެ.

[އަހަންނަށްވެސް ހީވަނީ ކުރިޔަކަށްނުދޭހެން....އަޅެ ކުޑައިރުކޮޅަކަށް މަޑުކޮށްލަންވީނު.] އޭރުވެސް އެތައް ސައިކަލަކާއި ކާރުތަކެއް އެމީހުން ފަސްދީ ހިނގައްޖެއެވެ. ރީޙާން ސައިކަލް މަޑުކޮށްލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ލިންކްރޯޑްގެ އެންމެ ފިނި ސަރަޙައްދުގައެވެ. ރީޙާން އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. މިހާރު އެމީހުން ސައިކަލްގައި ދަތުރުކުރާތާ ދޮޅުގަޑިއިރުވިއެވެ. އަދިވެސް މަރަދުއާ ހަމަޔަށް ނުދެވެއެވެ.

[އެގާރަގަޑި ބައިވީ...ދެން މިރެޔަކު މަރަދުއަކަށް ނުދެވޭނެ. ހިނގާ އަނބުރާލާފައި ރަށަށް ދަމާ...ޝަބާބްގެ މީހުން ޝަބާބް ވީނުވީތަނެއް ނޭނގިގެން ހޯދާނެއެއްނު.] ރީޙާން އުޅުނީ ސައިކަލް ދުއްވާލާށެވެ. ނަމަވެސް މިފަހަރު ސައިކަލް ސްޓާޓްވެސް ނުވިއެވެ. ގާތްގަނޑަކަށް ސާޅީސް ފަސްމިނެޓެއްހާއިރު މަސައްކަތް ކުރެވުނުއިރުވެސް ސައިކަލް ސްޓާޓެއް ނުވިއެވެ. ދެން ރީޙާން ވިސްނީ ހައިޝަމަށް ގުޅާށެވެ. ގުޅަން ފޯނު ނަގަން ބެލިއިރު އާދެވުނީ ފޯނު ގޭގައި ބާއްވާފައެވެ.

[ރީޙާން ލޯމަރާ....އަހަރެން ސްޓާޓް ކުރާނަން.] މިހެން ބުނެފައި ޝަބާބް ރީޙާންގެ މޫނުގައި އަތްއެޅިއެވެ. އެޔާއެކު، މަންޒަރު ބަދަލުވެގެންދިޔައެވެ. މިހާރު ރީޙާނާއި ޝަބާބް އެތިބީ ކުޑަކުޑަ ބަގީޗާއެއްގެ ތެރޭގައެވެ.

[ދެން ލޯ ހުޅުވާލަބަލަ...] ޝަބާބް ކުޑަކޮށް ރީޙާނާ ދުރަށް ޖެހިލިއެވެ. ރީޙާން ލޯ ހުޅުވާލިއެވެ. އެޔާއެކު، ފެނުނު މަންޒަރުން އޭނާގެ ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ. އޭނާގެ ވަށައިގެންވަނީ މާމެލާމެލީގެ ގުލްދަސްތާތަކެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ހިތްގައިމު ކޭކެވެ. މުޅި ހިސާބުގަނޑުގައި ފެތުރިފައިވަނީ، ވަށައިގެން ދިއްލާފައިވާ އުއްބައްތިތަކުގެ އައްޔެވެ.

[ހެޕީ ބާރތްޑޭ ރީޙާން...] ރީޙާން ހުރީ ޙައިރާންވެ އަންތަރީސްވެފައެވެ.

[ޝަބާބް!؟ ކިހިނެއް އަހަރެންގެ އުފަންދުވަސް އެނގުނީ...ތޭންކްސް.] އަދިވެސް ރީޙާން ވަށައިގެން ނަޒަރު ހިންގަމުންދިޔައެވެ. ޙަޤީޤަތުގައި އޭނާ ވަރަށް ބޮޑަށް ޙައިރާންވެއްޖެއެވެ.

[އަހަންނަށް އެނގެނީ، ރީޙާންގެ އުފަން ދުވަސް އެކަންޏެއް ނޫން. ހުރިހާ ކަމެއްވެސް އަހަންނަށް އެނގޭ....] ކޭކު ގެނެސް ރީޙާންގެ ކުރިމަތީގައި ބަހައްޓަމުން ޝަބާބް ބުންޏެވެ.

[ކާކު މިހާ ފުރިހަމަޔަށް މިތަން ތައްޔާރުކޮށްދިނީ!؟] އަނެއްކާވެސް ރީޙާންގެ ސުވާލެކެވެ.

[ރައްޓެހި ކުދިންތަކެއްގެ މަސައްކަތް މީ...އަވަހަށް ކޭކު ފަޅާލާފައި، ހިނގާ ގެޔަށް ދަމާ...އަހަރެންގެ މަންމަވެސް އަހަރެން ހޯދާނެ...] ޝަބާބް ކުޑަކުޑަ ފިޔޮއްސެއް ރީޙާންގެ އަތަށްދިނެވެ. ހިނިތުންވެލުމަށްފަހު ރީޙާން ކޭކު ފަޅާލިއެވެ. އޭނާ ފުރަތަމަ ކޭކުކޮޅު ލެވީ ޝަބާބްގެ އަނގަޔަށެވެ.

އެރޭ ޝަބާބްގެ ފަރާތުން ފެނުނު އާދަޔާ ޚިލާފު މަސައްކަތުގެ ސަބަބުން ރީޙާންގެ ޚިޔާލާއި ވިސްނުމަކަށް ބަދަލެއްނައެވެ.

[ގެޔަކަށް ކޭކު ނުގެންދާނަންތަ؟] ރީޙާން ދާން ހިނގައިގަތުމުން ޝަބާބް އެއްސެވެ.

[އާނ...އަވަހަށް ހިނގާ ދާން..މިހާރުވެސް މާލަސްވެއްޖެ...އެކެއް ޖަހަނީ...] އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު، ރީޙާން ބުންޏެވެ. ޝަބާބް ރީޙާންގެ އުފަންދުވަހަށްޓަކައި ތައްޔާރު ކޮށްފައިވަނީ ކޮން ތަނެއްކަން ރީޙާނަށް އެނގުނީ، މަގަށް ނިކުމެ އެދިމާއަށް ބަލައިލެވުނީމައެވެ.

އޭނާ ތައްޔާރުކޮށްފައި ވަނީ އައްޑުއަތޮޅުގައި އިނގިރޭސިން އުޅުނު ދުވަސްވަރު ނުވަތަ އެއަށްވުރެން ކުރިން ފަޅުރަށުގައި އުޅޭ މީހުން ނަމާދު ކުރުމަށްޓަކައި ރާނާފައި ހުންނަ ކުޑަކުޑަ ނަމާދުގެއެވެ. ގިނަބަޔަކު އިއްތިފާޤުވާ ގޮތުގައި އެއީ ކުރިން އެރަށް ވަރުވާއަށް ލިޔުއްވައިގެން އުޅުނު ފަރާތުން އަޅާފައިވާ ނަމާދުގެއެކެވެ. ދުވަސްވުމުގެ ސަބަބުން ވީރާނާވެ ފުރާޅެއްވެސް ނެތް އެތަން ޝަބާބް ތައްޔާރުކޮށްފައި ވަނީ ވަރަށް ފުރިހަމައަށެވެ. އެތަނުގެ ތަޅުންގަނޑު ފޮރުވިފައިވަނީ އެކި ޒާތްޒާތުގެ މާމެލާމެލިންނެވެ.

[ޝަބާބް ތިކުރީ ވަރަށް ބުރަ މަސައްކަތެއް.] ރީޙާން ސައިކަލް ސްޓާޓް ކޮށްލުމުގެ ކުރިން އަދިވެސް އެދިމާއަށް ބަލައިލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން