އިނގިރޭސިވިލާތުގެ ލަންޑަންގައި ކޯވިޑްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވީ 9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންޑަނާއި އެ ސިޓީއާ ޖެހިގެން އޮންނަ އެސެކްސްގެ އެލާޓް ލެވަލް އޮކްޓޯބަރުމަހުގެ 16ވަނަ ދުވަހުން ފެށިގެން އިތުރުކުރާނެކަމަށެވެ. އެއާއެކު އެއް ގޭބިސީގައި ދިރިއުޅޭ މީހުން އެހެން ގޭބިސީއެއްގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރުން މަނާވާނެއެވެ. އަދި އެއްތަނުން އަނެއްތަނަށް ދަތުރުކުރުންވެސް ވަރަށް ބޮޑަށް މަދުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.



ހެންކޮކް ވިދާޅުވީ ޤައުމުގެ ޙާލަތު ރަނގަޅުވުމުގެ ކުރިން އަދި އިތުރަށް ގޯސްވާނެކަމަށާއި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޙާލަތު ރަނގަޅުވާނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށެވެ. އަދި ބައްޔާއި ދެކޮޅަށް ސައިންސުވެރިން ފަރުވާއެއް ހޯދާނެކަމާއި މެދު އުންމީދު ބޮޑުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލަންޑަންގެ އިތުރުން މެންޗެސްޓަރގެ ފިޔަވަޅުތައްވެސް ވަރުގަދަކުރުމާ ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުންނެވެ. އެ ސިޓީގެ ސަމާލުގެ މިންވަރު "ހައި" އިން "ވެރީ ހައި" އަށް މަތިކުރުމަށް ދަނީ ވިސްނަމުންނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ އެމަނިކުފާނުގެ ސަރުކާރުން ކޯވިޑް-19އާ ދެކޮޅަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާއި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވާއިރު ސާޅީސް ތިން ހާސް މީހުން ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން