މިއީ އަޅުގަނޑުގެ ޙަޔާތުގައިވެސް މުޅި ދުނިޔެއާއި ކުރިމަތިލާން ޖެހިފައިވާ، އެންމެ ގޮންޖެހުންބޮޑު އެންމެ ހިތާމަވެރި ސިއްހީ ބަލިމަޑުކަމުގެ ކާރިސާއެއް ކުރިމަތިވެފައިވާ ނުރައްކާތެރި ދަނޑިވަޅެވެ. ދުނިޔޭގެ ބޮޑެތިބާރުތައް އެ ވައިރަހެއްގެ ސަބަބުން މާޔޫސްވެ އަމިއްލަ ބާރު ކެނޑި، ގޮތް ހުސްވެފައިވާ މިޙާލަތުގައި އަޅުގަނޑުމެންގެ މި ކުޑަކުޑަ އާބާދީ ތެރެއަށްވެސް މިވަނީ މިބަލި ފެތުރި ނާމާން ކަމާއި ކުރިމަތި ވެފައެވެ. މި ނާމާންކަމާއި ބިރުވެރި ކާރިސާއިން ލިބޭ ގެއްލުން ކުޑަކޮށް ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދީ އަމާންކަން ކަށަވަރު ކޮށްދިނުމަށް ދިވެހި ސަރުކާރުން އަންނަނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅުއްވަމުންނެވެ.

މިކަމުގައި ފުރާނަ އަތްމައްޗަށްލައިގެން ތިއްބަވައިގެން ރައްޔަތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރެއާއި ދުވާލު އެންމެ ބުރަ އެންމެ ރިސްކީ މަސައްކަތް ކުރައްވަމުން ގެންދަވާ ބަޔަކީ ސިއްހީ ދާއިރާގެ އެންމެ ކުރީސަފުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެ ދާއިރާގައި މަސައްކަތް ކުރަށްވާ އެންމެހާ ފަރާތްތަކެވެ. މީގެ އިތުރުން ދިވެހި ސިފައިންނާއި ފުލުހުންވެސް މެއެވެ. ޔަޤީންވެ ކަށަވަރުވާ ކަމަކީ މިފަދަ ދަނޑިވަޅެއްގައި ސިއްހީ ޚިދުމަތްތެރިން އަޅުއްވާ ކޮންމެ ފިޔަވަޅެއްވެސް ވެގެންދާނީ އަޅުގަނޑުމެންގެ މުޅި މުޖްތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އަޅުއްވާ ހިކުމަތްތެރި ފިޔަވަޅު ތަކަކަށެވެ.

ނަމަވެސް މިފަދަ ހައްސާސް ވަގުތެއްގައި މި އަގުހުރި ދިވެހި ދަރިން އަދި ދިވެހިންނޫނަސް އެ ދާއިރާގެ ހަރަކާތްތެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ބަދަލުގައި ތިމާ މީހާގެ ވަގުތީ ހިތްހަމަޖެހުމަށްޓަކައި ހިތުހުރި އެއްޗެއް ކިޔާލާ ތަންދޮރު ނުދަންނަ ޖާހިލިއްޔަ ވިސްނުން ހުރި ބަޔަކުވެސް އަދިވެސް މި ތަހުޒީބީ މުޖުތަމަޢުން ފެންނަކަމެވެ.

ފާއިތުވެ މިދިޔަ ދުވަސްތަކުގައި އެފަދަ މަންޒަރުތަކެއް އަޅުގަނޑުމެން ލޯމަތީންވަނީ ފެނިގެންގޮސްފައިވެއެވެ. މިދެންނެވި ޖާހިލިއްޔަ ނާތަހުޒީބު ވިސްނުމުގެ އެކަކަށް އުނދަގޫވީ ކޯވިޑް-19 ގެ ހުރި ނުރައްކާތެރިކަން ހާމަކޮށްދީ ރައްޔިތުންނާ ހަމައަށް ސައްޙަ މަޢުލޫމާތު ފޯރުކޮށް ދެއްވުމަށް އެޗްޕީއޭގެ ބަސް ވިދާޅުވުމަށް ޓީވީއަށް އަރާވަޑައިގެން އިންނަވާ ނޫނީ ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރެއްވުމުގައި އެންމެ އަވަދިނެތި އުޅުއްވާތަން ފެންނަ އެއް މޫނު ކަމުގައިވާ ތަޖުރިބާކާރު ޑޮކްޓަރ ނަޒްލާ މޭކަޕް ނުކުރަށްވާތީއެވެ. ނޫނީ ޑޮކްޓަރ ނަޒްލާ ތިއްތި ދެއްކެން ތުންފަތުގައި ރަތް ދަވާދު ނޫނީ ފިޔާތޮށި ކުލަގަނޑެއް ހާކާނުލާ އަރާވަޑައިގަންނަވާތީއެވެ. އޭނާ އެގޮތަށް ޓީވީޓް ކުރުމުން އަޅުގަނޑު ހަމަ ހިތައް އައީ އެއީ ކޮންފަދަ ޖާހިލިއްޔަ ވިސްނުމެއްގެ ވެރިއެއްބާވައެވެ؟ މިއޮއްފަދަ ތަރައްޤީ ޒަމާނުގައިވެސް ހަމަ ފަސްކުޅަނދު މަދު މީހުން އުޅެނީ ބާވައެވެ. ހަގީގަތުގައި ފަސްކުޅަނދު މަދު މީހުން ކަމުގައި އަޅުގަނޑު މިއަދު ސިފަކުރާނީ އެފަދަ މީހުންނެވެ.

އެ އަންހެން މީހާގެ އެ ނާތަހުޒީބު އަމަލުގެ ސަބަބުން ސޯޝަލް މީޑިގައި ވަރަށް ގިނަ ބަޔަކު އޭނާ އަށް ފާޑު ކިޔައި ޑޮކްޓަރ ނަޒްލާގެ މަސައްކަތަށް ތަޢުރީފް އޮއްސާލިވެސް މެއެވެ. މީކީ ހެޔޮ ވިސްނޭ ދިވެހި އެއްވެސް ރައްޔަތަކު ބަލައިގަންނާނޭ ސިފައެއްނޫނެވެ. ވަރަށް މަޑުމަތިރި މިޒާޖެއްގެ ވަރަށް ސާދާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ޑޮކްޓަރ ނަޒުލާގެ ދޫ ފަރިތަކަމާއި ވާހަކަ ދައްކަވާ ލެއްވުމުގައި އެގެން ގުޅުއްވާ އޯގާތެރިކަމުގެ ސަބަބުން އެމަގާމުގައި އިންނަވާއިރުވެސް އެކަމަނާއަށް ލިބިވަޑައިގެންފައިވާ ތަޢުލީމާއި ތަރުބިއްޔަތު ހާމަވެގެން ދެއެވެ. ޑޮކްޓަރ ނަޒްލާ 24 ގަޑިއިރު ޓީވީއަށް އަރާ އިންނަވައިގެން މައުލޫމާތު ދެއްވިއަސް އަޅުގަނޑުމެން ބަލާ ފޫއްސެއް ނުވާނެއެވެ. އެކަމަނާ އެއިންނަވަނީ ހަމަ އެންމެ ރީތިކޮށެވެ.

ދެން މިފަހަކުން ފެނިގެން ދިޔަ މިފަދަ ނާތަހުޒީބް އަމަލެއް ފެނިގެން ދިޔައީ އެސްޓީއޯގެ ފިހާރައެއްގެ ތެރެއިންނެވެ. އެފިހާރައިން މުދާ ގަތުމަށްޓަކައި އެކަކު އަނެކަކު ގަޔާގައި ޖެހޭ ހިސާނުގައި ބޮނޑިވެ ތިބި މާހައުލަށް ދެވުނު ޑޮކްޓަރަކު އެމީހުންނަށް ދެއްވި އިރުޝާދަކީ އެމީހުންގެ އާއި އަދި އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ދެއްވި އަގުހުރި ނަސޭހަތެކެވެ. މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް އޮތް ހަމައެކަނި ފަރުވާ ކަމުގައިވާ އިޖުތިމަޢީ ގައިދުރުކަން ޚިޔާރުކޮށް ސަފުތައް ހެދުމަށެވެ.

ނަމަވެސް އެތަނުންވެސް ގޯސްވީ ޑޮކްޓަރެވެ. ކޮށި ވިސްނުމުގެ މީހަކު އެ ޑޮކްޓަރަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔެފައިވަނިކޮށް ފެނުނެވެ.

ޖާހިލިއްޔަ ކޮށި ވިސްނުމުގެ މިފަދަ ތިންވަނަ ހާދިސާއެއްވެސް އިހައްދުވަހު މިވަނީ އަޅުގަނޑުމެންގެ ސީދާ ލޯމަތީގައި ފެނިގެން ގޮސްފައެވެ.

އައިޖީއެމްއެޗް ގައި މަސައްކަތް ކުރަށްވާ 3 ޑޮކްޓަރުންނާ 2 ނަރުހަކާއި މިނިސްޓްރީގެ ބޭފުޅަކު ހިމެނޭ ޓީމެއް މޯލްޑިވިއަންގެ ފްލައިޓަކުން ހައްދުންމައްޗަށް ވަޑައިގެންނެވުމަށް ތިއްބެވީ ފްލައިޓްގައެވެ. ކޮވިޑާ ގުޅޭ ތަމްރީނުތަކެއް އެ އަތޮޅުގެ ސިއްހީ އެހީތެރިންނަށް ފޯރުކޮށްދީ ތަމްރީނު ދިނުމަށެވެ. ނަމަވެސް ބޯޓް އުދުއްސާލި ފަހުން ފަސިންޖަރެއްގެ ފަރާތުން ލިބުނު މަޢުލޫމާތަކާއެކު އެވަގުތު އެ ބޯޓުގައި ރާއްޖެއިން ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ސީދާ ބައްދަލުވެ ނޫނީ އެނޫން ގޮތަކަށްވެސް ގާތްކަމެއް ހުރި މީހަކު ހުރި ކަމަށްލިބުނު މައުލޫމާތަކާއެކު ޑޮކްޓަރުން މަޝްވަރާ ކުރެއްވުމަށްފަހު ފްލައިޓްގެ މިސްރާބު ބަދަލު ކުރުމަށް އަންގަވައި އަނބުރާ ވެލަނާ އެއަރޕޯޓަށް ބޯޓު ޖެސީއެވެ. މިކަން ހިނގާ ދިޔަގޮތް އެވަގުތު ބޯޓުގައި އިން އަންހެނަކު ވަނީ ވަރަށް ސާފުކޮށް ފޭސްބުކްގައި ކިޔައިދީފައެވެ. ބޯޓުގައި އޭނާގެ ފަހަތުގައި އިން ޒުވާން އަންހެނަކު މީހަކަށް ފޯނުން ވާހަކަ ދައްކަމުން އޭނާއާއި މާލެތެރެއިން އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވް ވި މީހާއާއި ކޮންޓެކްޓް ވެފައިވާ ކަމުގައި އޭނާ ވަރަށް ސާފުކޮށް ފޯނުން އެވާހަކަ ދެއްކި މީހެއްގެ ކައިރީގައި ފޮނިވެލާފައި ބުނި އަޑު އެހީ އޭނާ ކަމުގައި ބުންޏެވެ. އަދި އެވަގުތު އޭނާއަށް ކުރެވުނު އިހުސާސް ތަކާއި ބިރު ގަތްވަރު އޭނާ ވަނީ ސިފަކޮށްފައެވެ. އަދި ބޯޓު ޖައްސަން ފަސް ވަރަކަށް މިނެޓަށްވެފައި ހުއްޓާ ބޯޓު އަނބުރާލީ އޭނާ ދިން މައުލޫމާތުގެ އަލީގައި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެވާހަކަ ދެއްކި މީހާ އެވާހަކަ އެގޮތަށް ދެއްކި ކަމަށް ފަހުން އެއްބަސް ނުވި ނަމަވެސް އެކަން ދޮގު ނުކުރެވޭނެ ކަމަށާއި އެމައްސަލަ ތަހުގީގު ކުރުމަށްވެސް ފޭސް ބުކްގައި އޭވާހަކަ ލިހުނު އަންހެން މީހާ ގޮވާލާފައިވެއެވެ. އޭނާވެސް ބުނެފައި ވަނީ އެވަގުތު އެ ފްލައިޓްގައި ތިބި ޑޮކްޓަރުންގެ ޓީމުން ކަންކުރީ އެވަގުތު ކަންކުރަން ޖެހޭ އެންމެ ޕްރޮފެޝަނަލް ގޮތަށް ކަމަށެވެ. އޭނާގެ މި ވާހަކަތަކަށް އެތައް ބަޔަކު ތާއީދުކޮށްފައިވެއެވެ.



ޑޮކްޓަރުންގެ ޓީމުގެ މި ނިންމެވުމަކީ ކަން ކުރަންޖެހޭ އުސޫލާއި ހަމަތަކުގެ މަތިން ރައްޔަތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅެކެވެ. ނަމަވެސް މިކަން އެ ފްލައިޓުގައި ތިބި މަދުބަޔަކަށް ވީ ކަޑަކަމަކަށެވެ. އެފަދަ މީހުންގެ ވިސްނުމަކީ ތިމާ ބޭނުންވާ ގޮތަށް އަބަދުވެސް ކަންވުމެވެ. މިސާލަކަށް

އެ ފްލައިޓްގައި ބަލި މީހަކު ހުރެމެ ތިމާގެ ފަރާތުން ތިމާގެ އާއިލާއަށް އެބަލި ޖެހުނު ނަމަ ދެން ނުކުންނާނެ ނަތީޖާ އަކާއިމެދު ވިސްނުމެއް ނެތެވެ. ހަމައެކަނި ފެންނަނީ ނޭފަތު ކުރިއެވެ. ތިމާއަށް ލިބޭނެ މޮޅަކަށެވެ. މުޖުތަމަޢާއި އެހެން މީހުންނާމެދު ވިސްނާ ނުލާތާނގައި ތިމާގެ އާއިލާއާއި މެދުވެސް ވިސްނުމެއް އަގަލެއް ނެތެވެ. މިދެންނެވި މަދު ބަޔަކަށް ބަލި ނުޖެހިދާނެކަން ޔަގީންކަން މާބޮޑީވެސް ކަންނޭނގެއެވެ. އެ ބަލީގެ ނުރައްކާތެރި ކަމާއި ދުނިޔޭގައި ބަލި ފެތުރެމުން އެދާ މިންވަރު ހިތައް ވެސް ނާރަނީއެވެ. ތިމާ ބޭނުންވާ އެއްޗެއް ނޫނިއްޔާ އަޑުވެސް ނާހަނީއެވެ. ދެން މިއަށް ޖާހިލިއްޔަ ނޫން އެހެން އެއްޗެއް ކިޔޭނެ ހެއްޔެވެ.

ފަހުން މައުލޫމާތު ލިބުނު ގޮތުގައި މިކަން ވީ ހަމަ ބޯޓުގައި ދަތުރުކުރެއްވި ބޭފުޅުންނަށާއި އެބޭފުޅުންގެ އާއިލާ ތަކުގެ މެންބަރުންނަށް ހަމަ ވަރަށް ބޮޑު ނަސީބަކަށެވެ. ބައްޔަށް ޕޮޒިޓިވް ވި އެއަރޕޯރޓުގެ މުވައްޒަފާއި ސަލާން ކޮށްފައި ބޯޓަށް އެރި ސީދާ ކޮންޓެކްޓްސް އެ ބޯޓުގައި ތިއްބިކަމަށް ވެއެވެ.

ބައެއް ދިވެހިން ގަމާރުކަންމަތީ އަދިވެސް އެބަތިބިކަމަށް ބުނެވެނީ މިފަދަ މީހުން އުޅޭތީއެވެ.

އެތަނުން މީހަކުވަނީ އެބޯޓުން ދަތުރުކުރި އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރ ސާރިއުގެ ފޮޓޯނަގައި ދިމާކޮށް ފުރައްސާރަކުރުމުގެއިތުރުން ޑޮކްޓަރުގެ ފޮޓޯ ފޭސްބުކްގައި ޝެއަރކޮށް ޑޮކްޓަރާ މެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފައްދަން މަސައްކަތްވެސް ކޮށްފައެވެ. މި ނާތަހުޒީބު އަމަލު ކުށްވެރިކޮށް މޯލްޑިވްސްމެޑިކަލް އެސޯސިއޭޝަނުން ވިދާޅުވެފައިވަނީ ޑޮކްޓަރުގެނިންމެވުމާއި މެދުފަހުރުވެރިވާކަމަށާއި ޑޮކްޓަރަށް ފުރައްސާރަ ކުރުމަކީވަރަށް ދަށުދަރަޖައިގެކަމެއް ކަމަށެވެ. މިފަދަ ޖާހިލިއްޔަ ނާތަހުޒީބު ވިސްނުމުގެ މީހުނާމެދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅުއްވަން ޖެހޭނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލްމީޑިއާގައި އަޑުއުފުލަމުންނެވެ.

މިހާދިސާއާއި ގުޅިގެން “ރަސް އޮންލައިން” ގެ ފަރާތުން ސުވާލު ކުރުމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ މި ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަމީން ވިދާޅުވީ “ޑޮކްޓަރަކު ރަސްމީ ޑިއުޓީގައިވެސް އަދި ނުރަސްމީ ގަޑީގައިވެސް ދެއްވާ އިރުޝާދާއި ނިންމަވާ ނިންމެވުން ވެގެންދާނީ މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ ނިންމަވާ ނިންމުމަކަށް. އެފަދަ ކަންކަން އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ" ކަމަށެވެ.



މިކަމާ ގުޅިގެން ކޯވިޑް-19 އާއި ގުޅޭ މައުލޫމާތު ހާމަކުރައްވާ ތަރުޖަމާން، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒްވެސް ވަނީ މި އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. މަބްރޫކް ވަނީ، މިއަދު ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ގެއަށް ވަދެއްޖެއްޔާ ބަލިމީހުންނަށް ފަރުވާ ކުރާނެ ބައެއް ތިބޭނެތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

"މިއަދު ޑޮކްޓަރުންގެ ކުލައާއި ސިފަޔަށް ފާޑުކިޔައި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ޑޮކްޓަރުން އަޅުއްވާ މުހިންމު ފިޔަވަޅު ތަކަށް ފާޑުކިޔައި ޑޮކްޓަރުންނަށް ފުރައްސާރަކޮށް، ފޮޓޯ ނަގައި، ހާރުވަމުން ދުވުމަކީ ޖާހިލިއްޔަ ވިސްނުމުގެ ނާތަހުޒީބު،، އެހާމެ ހަޑިމުޑުދާރު އަމަލެއް. މިއީ ދިވެހި އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން." މަބްރޫކް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފްލައިޓްގެ މި ހާދިސާގައި އެމީހާ ޑޮކްޓަރުގެ ފޮޓޯއާ އެކު ކުރި ޕޯސްޓްގައި ޑޮކްޓަރު މާފަށް އެދުނުކަމަށް ލިޔެފައިވަނީވެސް ފިތުނަ އުފެއްދުމުގެ މަޤުޞަދުގައެވެ. މިމައުލޫމާތުލިބިގެން “ރަސް އޮންލައިން”ގެ ފަރާތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑޮކްޓަރ ސާރިޢު އަލިދީދީ ވިދާޅުވީ ކަންކުރަންޖެހޭ ރައްކާތެރި މަގުން ކުރި ކަމަކަށް މަޢާފަށް އެދެންޖެހޭ ސަބަބެއް ނެތް ކަމަށާއި، އެފަދަ ފިޔަވަޅުތަކަކީ މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅުއްވާ ފިޔަވަޅު ތަކެއް ކަމަށް ވީ ހިނދު މި ދަނޑިވަޅަކީ ދަތި އުނދަގޫ ތައް ކުރިމަތި ވިޔަސް އެންމެން އެކުވެ އަތް ގުޅާލައިގެން ކުރިމަތި ވެފައިވާ މި ބަލިމަޑުކަމުން ރައްކާތެރިކަން ހޯދަން މަސައްކަތް ކުރަންވީ ވަގުތު ކަމުގައެވެ. އަދިވެސް ޑޮކްޓަރ ސާރިއު ވިދާޅުވީ މީ ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައިގެން ތިމާއާއި ތިމާގެ އާއިލާ، ތިމާއާއި ތިމާގެ އަޚާގެ ރައްކާތެރިކަމަށް ވިސްނަވައިގެން ޢަމަލުތައް ބަހައްޓަންވީ ވަގުތުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


7

މުހައްމަދު

23-Apr-2020

ޑޮކްޓަރު ސާރިޢު އަކީ އަޅުގަނޑު ދެފަހަރެއްގެ މަތިން ބެއްލެވި ޑަކްޓަރެއް. ވަރަށް ހިތް ހެޔޮ ވަރަށް ރަނގަޅު ޑޮކްޓަރެއް. އަޅުގަނޑަށް ފާހަނގަ ކުރެވޭ ގޮތުގައި މިހާރު ރާއްޖޭގައި ތިބި އެތެރެހާށީގެ ހާއްސަ ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ އެންމެ ޒުވާން އެންމެރަނގަޅު ޑޮކްޓަރު


17

މޯޑް

21-Apr-2020

ރަސް އޮންލައިން ރިޕޯޓް ލިޔަން ހާދަ ފްރިތައޭ ދޯ..! ސާބަސް


6

ކިޔުންތެރިޔާ

19-Apr-2020

ސުރުޚީ ވަރަށް ނުގުޅޭ.. ނަމަވެސް ރިޕޯޓް ވަރަށް ފުރިހަމަ..


-3

ސަރީފް

19-Apr-2020

ނަޒްލާ އަކީ ރުންކުރު ގޮތަކަށް ބޮޑާ ކަމާއެކީ ވާހަކަ ދައްކާ މީހެއް. އެކަން އިސްލާހުކުރަންޖެހޭ ރައްޔިތުންނަށް ޚިދުމަތްކުރާނަމަ. މޭކަޕް ކުރުމާނުކުރުމާ އެއީ އޭނާގެ އަމިއްލަ ކަމެއް.


7

ދަވާލި19

18-Apr-2020

މަގޭ ހަޔާތުގަ މިވީ 50 އަހަރުތެރޭ ނޫހަކުން މަދެކުނު އެމްމެ ފުރިހަމަ އާޓިކަލޭ ދެންނެވިޔަސްް ދޮގަކައްނުވާނެ މިއާޓިކަލް ލިއުނު މީހަކައް އައްސަރިބަހާސާބަސް އިތުރަކައް ބުނާނެ އެއްޗެއްނެއް


-4

ބީވާ

18-Apr-2020

ސެލިއުޓް ފޯ ދި އެކްޝަން އޮފް ހެލްތް ޓީމް


14

🧐

18-Apr-2020

މި ރިޕޯރޓް ލިޔުނު ޖާނަލިސްއޓްގެ ނަން ނެތީ ކީއްވެ


16

ާނތހ

18-Apr-2020

ބައެއް މީހުންގެ ބޮޑާކަމާ ބޯ ހަރުކަން ޢަޖައިބުވޭ


9

އާދަމް

18-Apr-2020

ޑޮކްޓަރްޝާރިއު އެ އެޅުއްވިފިޔަވަޅަކީ ދިވެހީން ޝުކުރުވެރިކަމާއި އެކު ބަލައިގަންނަންޖެހޭ ހަރުދަނާފިޔަވަޅެއްކަމުގައި އަޅުގަނޑުދެކެން


-12

ސަޢީދު

18-Apr-2020

ޑޮކްޓަރު ނަޒުލާޔައްފާޑުކީއަންހެންމީހާއަކީއިސްލާމްދީނުގެޒައްރެެއްގެމިންވަރުވެސްނެތްމީހެއްކަމާމެދުޝައްކެއްވެސްނެތް އަންހެނުންގެޒީނަތްތެރިކަންހިލޭމީހުންނަދެއްކުމަކީއިސްލާމްދީންހުއްނުކުރާކަމެއްކަންވެސްނޭގުނީތީހިތާމަކުރަން .



ޓްރެންޑިން