އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްޢަތު
އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްޢަތު
ރާއްޖޭގައި ޤާއިމްވެގެންދިޔަ އާބިޓްރޭޝަން ސެންޓަރާއެކު މަދަނީ ވިޔަފާރީގެ މައްސަލަތަކަށް ޚަރަދު ކުޑަ ހައްލެއް ލިބޭނެ ކަމަށް އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއަދުން ފެށިގެން، ގާނޫނުގައިވާ ގޮތުގެ މަތިން އާބިޓްރޭޝަންގެ ކަންކަމާ ގުޅުންހުރި ހިދުމަތްތައް އެ ސެންޓަރުން ރަސްމީކޮށް ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށާއި، އެ ސެންޓަރުން ވާޗުއަލް ހިދުމަތްތައް ވެސް ތައާރަފްކޮށްފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ.

އެކަމާ ގުޅިގެން އޭޖީ ރިފްޢަތު ވިދާޅުވީ، "ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބޭނެ" ކަމަށެވެ.

އަދި އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް ރަސްމީކޮށް ފަށައިގަނެވުމުން ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓޭނެ ކަމަށް އޭޖީ ވިދާޅުވިއެވެ.

އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ހިންގުމަށް ފަހި މާހައުލެއް ތަނަވަސްކޮށްދީ އަދި އާބިޓްރޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ. މީގެ އިތުރުންވެސް މައްސަލަތައް ހައްލުކުރުމުގައި އާބިޓްރޭޝަންގެ މަގު އިހްތިޔާރުކުރަން ހިތްވަރު ދީ، އާބިޓްރޭޝަންގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމުގެ މަސްއޫލިއްޔަތު އޮންނަ ސެންޓަރަކީވެސް އާބިޓްރޭޝަން ސެންޓަރެވެ. އަދި މީ މަދަނީ ޝަރުއީ މަރުހަލާއަށް ނުގޮސް، ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ ނިޒާމެވެ. މި ސެންޓަރު އުފައްދާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން