ްްއިސްލާމިކް މިނިސްޓަރ
ްްއިސްލާމިކް މިނިސްޓަރ
އިސްލާމިކް މިނިސްޓަރ ރޭގައި އެދެއްވީ ޚަބަރަކީ ވަރަށް ވެސް ހިތާމެވެރި ހިތްދަތި ޚަބަރެކެވެ. މިފެށޭ ބަރަކާތްތެރި ރަމަޟާން މަހުގެ މާތް ދުވަސްތަކާއި ރޭތަކުގެ ޚާއްޞަ މާތް އަޅަުކަމަށްވެސް މިސްކިތްތަކުގައި، ޖަމާއަތް ނުހެދޭ ކަމުގެ ހިތާމަވެރި ވާހަކައެވެ. މިއީ މިދިވެހި މުސްލިމު އުއްމަތަށް ލިބިގެންދާނެ ވަރަށްބޮޑު ހިތާމައަކާއި ހިތްދަތި ކަމެކެވެ. މި ކޮރޯނާވައިރަހުގެ ރޯގާގެ ބަލާއާފާތުގައި ގޭގައި ބަންދުވެފައި ތިބުމަށްވުރެވެސް ހިތާމަވެރި ހިތްދަތި ޚަބަރެކެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ނޫސްވެރިންނަށް މަޢޫލޫމާތު ދެއްވަމުން ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މާލޭގައި މިހާރު އޮތް ލޮކްޑައުންގެ ހާލަތު ދިގުލައިގެން ގޮސްފިނަމަ، ރަމަޟާން މަހު މާލޭގައި ތަރާވީހު ނަމާދު މިސްކިތުގައި ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އަދި އޮތްގޮތުން އަތޮޅުތެރޭގެ ހާލަތު ގޯސް ނުވާނަމަ އަތޮޅުތެރޭގައި ތަރާވީހު ނަމާދު ޖަމާއަތުގައި ކުރެވޭނެއެވެ.

"މާލެގައި މިހާލަތުގައި ދެމިގެން ގޮސްފި ތަރާވީހު ނަމާދު ޖަމާއަތުގައި ނުކުރެވޭނެ. ގޭގައި ކުރަން ޖެހޭނީ. ދެން އަތޮޅު ތެރޭގައި މިދާގޮތަށް ރީއްޗަށް ގޮސްފިނަމަ އިރާދަކުރެވިއްޔާ ތަރާވީހު ނަމާދު ކުރެވޭނެ. ނަމަވެސް ހާލަތު ބަދަލުވެއްޖެނަމަ އަތޮޅުތެރޭގައިވެސް ތަރާވީހު ނަމާދު ކުރަން ޖެހޭނީ ގޭގައީ." އިސްލާމިކް މިނިސްޓަރު ރޭ ވިދާޅުވެފައި ވެއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ރޭ އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިހާރު މިއޮތް ހާލަތުގައި ރަމަޟާން މަހުގެ ތަރާވީހު ނަމާދަށް މިސްކިތްތަކުގައި ޖަމާއަތް ހަދަން ފުރުޞަތު ހުޅުވައި ނުލެވޭނެ ކަމަށެވެ. އެހެންވީމާ ކުރިއަށް އޮތް ބަރަކާތްތެރި މައްސަރުގެ ހިތްހަމަ ޖެހުމާއި ފިނިކަން ހޯދުމުގެ ފުރުޞަތު މިފަހަރު މިވަނީ ގާތްގަނޑަކަށް ގެއްލިފައެވެ. އެއްގޮތަކަށްވެސް މިދެންނެވީ ގޭގައި ތިބެގެން އެފުރުޞަތު ހޯދެން ނެތް ވާހަކައެއް ނޫނެވެ. މިސްކިތުގައި ޖަމާއަތް ހަދައިގެން އަޅުކަން ކޮށްލުމުން އެލިބޭ އުފާވެރިކަމާއި ހިތްހަމަ ޖެހުން މިފަހަރު ލިބެން ނެތް ވާހަކައެވެ.

އެކަމަކު އަދިވެސް އަޅުގަނޑުމެން ގުޅިގެން އެކުއެކީގައި މަސައްކަތްތަކެއް ކޮށްލައިގެން "އެހެން އާދައިގެ" ދިރިއުޅުމަކުން އެކަން ހާސިލު ކުރެވިދާނެ ކަމުގެ އުއްމީދެއް އެބައޮތެވެ. އެކަމަކު އެއީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެންނެވެ. ދުވަސްކޮޅަކަށެވެ. ޞިއްޙީ މާހިރުންގެ ބަސް ގަބޫލުކުރައްވައިގެން ގޭގައި ތިއްބެވުމެވެ. ތިމާގެ ގަޔަށް ވެސް އެނުބައި ވައިރަސް އަރާފައި ހުންނާނެ ކަމަށް ބަލައިގެން އަމިއްލައަށް ގޭގައި މަޑުކޮށްލުމެވެ. ވީހާވެސް އެހެން މީހުންނާ ކައިރި ނުވެ އުޅުމެވެ. ގޭގައި އުޅުނަސް އަދި މީހަކާ ބައްދަލު ވިޔަސް އަދި ޒަރޫރީ ކަމެއްގައި ނުކުމެލާން ޖެހުނަސް ގައިދުރު ކޮށްގެން އުޅުމެވެ. ކިނބިއްސެއް އެޅިދާނެތީ ނޫނީ ކެއްސާ ލެވިދާނެތީ ނޫންނަމަ ވާހަކަ ދައްކާއިރު ވެސް ކުޅުކޮޅަކާއެކު އެ ވައިރަސް ނުކުމެ އެހެން މީހަކަށް ހަމަލާ ދީފާނެ ކަމަށް މާސްކް އަޅައިގެން ނުކުތުމެވެ.

ތިމާއަށް ބަލި ޖެހިފައި ހުރެދާނެ ކަމަށް ބަލައިގެން އެހެން މީހަކަށް ބަލި އެރިޔަ ނުދޭން މަސައްކަތް ކުރާށެވެ. ތިމާއާއި ބައްދަލުވާ މީހާގެ ގައިގައިވެސް ބަލި ހުރެދާނެ ކަމަށް ބަލައިގެން އުޅޭށެވެ. އެއްޗެއް ގަންނަން ދާ ފިހާރައިގައި އިންނަ މީހާ ގައިގާ ވެސް ބަލި ހުރެދާނެ ކަމަށް ވިސްނައިގެން އުޅޭށެވެ. މިގޮތަށް އުޅެން ޖެހޭ އަނެއް ސަބަބަކީ ބަލީގެ ނިޝާންތައް ފެނުމުގެ ކުރީން ބަލިޖެހިފައި ހުންނަ ދުވަސް ވަރަކީ އެންމެ ފަސޭހައިން ބަލި ފެތުރޭ ނޫނީ ފެތުރެން މެދުވެރިވާ ދުވަސްވަރުކަން ދިރާސާތަކުން ދައްކާފައިވާތީއެވެ. ބަލީގެ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަންނަތާ ތިން ހަތަރު ދުވަސް ވާންދެންވެސް ބަލީގެ އަލާމާތެއް ނުފެނި ހުންނަނީއެވެ. އެހެންވީމާ ބަލީގެ ވައިރަސް ހިފައިގެން ދަތުރުކުރާ މީހަކަށް އޭނާ ވަނީއެވެ. އެހެންވީމާ އޭނާ އުޅެނީވެސް އެއްވެސް ރައްކާތެރިކަމެއް ނެތިއެވެ. މި ތިން ހަތަރު ދުވަހުގެ ތެރޭގައި މިދެންނެވި މީހާއާއި ބައްދަލުވާ ހަމަ ކޮންމެ މީހަކު ބަލީގެ ޝިކާރައަކަށް ވަނީއެވެ.

އެހެންވީމާ ބަލީގެ އަލާމާތެއް ނުފެނުނަސް މިހާރު ދިރިއުޅެން ޖެހޭނީ ތިމާގެ ގައިގާ އެ ވައިރަސް ހުރި ކަމަށް ބަލައިގެންނެވެ. ތިމާއާއި ބައްދަލުވާ މީހާގެ ކިބައިގައިވެސް ބަލި ހުންނާނެ ކަމަށް ބަލައިގެންނެވެ. "އެހެން ނޯމަލް" ދިރިއުޅުމެއް ޚިޔާރު ކޮށްގެންނެވެ. މިއަދު އަޅުގަނޑުމެން މިވަނީ ކޮރޯނާވައިރަހާއެކުގައި ވެސް އުޅެން އާދަކުރަން ޖެހިފައެވެ.

އޭރުން އަޅުގަނޑުމެން މިކުރާ އުއްމީދާއި ހަމައަށް ވާސިލުވެވިދާނެއެވެ. ރަމަޟާން މަހުގެ ކޮންމެވެސް ހިސާބެއްގައި މިސްކިތުގައި ތަރާވީސްނަމާދާއި ދަމު ނަމާދު ކޮށްލުމުގެ ފުރުޞަދު ﷲ ގެ މިނވަރުފުޅުން ފަހިވެގެން ވެސް ހަމަ ހިނގައިދާނެއެވެ. އެކަމަކު މިހާރު ކޮންމެވެސް ވަރެއްގެ ޤުރުބާނީއެއް ވެގެންނެވެ. ކެއްތެރިކަން އިސްކޮށްގެންނެވެ. އިރުޝާދުތަކަށް ފުރިހަމައަށް ބޯ ލަނބައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


5

ފަހުމް

19-Apr-2020

ވަރަށް ވެސް ހިތާމަވެެރި. އަޅުގަނޑުމެންނަށް އޮތީ މާތް ﷲ އަށް ދުޢާ ދެންނެވުން ގިނަ ކުރުން . ކުދިބޮޑުއެންމެވެސް ނަމާދަށް ފަރުވާތެރިވެ ކީރިތި ޤްރުޢާން ކިޔެވުން ގިނަކުރުން. ޢަޅުމެން އެންމެހާއިންސާނުންގެ ކިބައިން މިބަލި މަޑުކަން ފިއްލަވާދޭނވެ އާމީން.



ޓްރެންޑިން