ޞާދިރު ޢަލީދީދީ   19 ޑިސެމްބަރު 2020 - 12:18
ވޭނީކަރުނަ
ވޭނީކަރުނަ
04 ވަނަ ބައި

..................

އެމުޢާޒަކީ ރަމްލާ އިންތިހާދަރަޖައަށް ފޫހިވާ މުޢާޒެވެ. އޭނާ ރަމްލާގެ ގާތަށް އަންނަހިނދު މޭނުބައި ކުރެއެވެ. މުޢާޒުއާ ދިމާއަށް ފުރިހަމަ ނަޒަރަކުން ބަލާލާހާ ހިތްވަރެއް އޭނާގެ ނުވެއެވެ. މުޢާޒުގެ ކޮންމެ ސުވާލަކަށް ރަމްލާ ޖަވާބުދެނީ ލޯމަރައިގެން ހުރެ ކޮންމެވެސް ބިރުވެރި ހަޅޭކެއްގެ އަޑު އޮއްބާލަން މަސައްކަތްކުރާ ކަހަލަ ގޮތަކަށެވެ. އެއްދުވަހުގެ ތެރޭގައި އޭނާގެ މޫނުމަތިން އެއްމަސް ދުވަހުގެ ހާސްކަން ފާޅުވެއްޖެއެވެ. މޫނުމަތީގެ ފެން ދެމިއްޖެއެވެ. ލޮލުގެ ވަށައިގެން ކަޅުރޮނގެއް އުފެދިއްޖެއެވެ. އެއްވެސް އެއްޗެއް ކާހިތެއް ބޯހިތެއް ނުވެއެވެ. ދުވާލު ހަތަރުދަމު އޭނާ ވޭތުކޮށްލަނީ މައިދައިތަގެ ކައިރީގައެވެ. ހަވީރުގެ ވަގުތުގައި ވަރަށްގިނަ ރައްޓެހިން އައިސް އުޅެއެވެ. އެހެން ނަމަވެސް ރޭގަނޑުގެ ދަންތައް ހޭދަކޮށްލަން ޖެހެނީ މުޢާޒުގެ ކައިރީގައެވެ. އެކަނިވެރި ގޮތެއްގައެވެ. ހާސްކަމުގެ މާޙައުލެއްގައެވެ.

ކޮންމެ ރެއަކު އެނދުމައްޗަށް ވެއްޓިގަތުމާއެކު މަރުވެފައި ހެނދުނުވާއިރު ދުނިޔޭގެ ލޯތަކަށް އޭނާ ދިރިހުއްޓާ ފެންނާނެނަމަ ކޮންފަދަ ހެއްޔެވެ.... ރަމްލާގެ ހިމޭންކަމާއި މޫނުމަތީގެ ރީނދޫކުލަވަރު މައިދައިތަ ދެނެގަންނަން މަސައްކަތް ކުރެއެވެ. ހާވާލެވިފައި އޮންނަ އިސްތަށިގަނޑު ފެނުމުން ލޯތްބާއެކު އެކަން އިސްލާޙު ކުރުމަށް ވާހަކަ ދައްކައެވެ.

މީހުނާ އިނުމަށްފަހު ވަރަށްއަވަސް އަވަހަށް ތަފާތު ކަންތައްތަކާ ކުރިމަތިވެއެވެ. އެތައް ސިފައެއް އިޚްތިޔާރު ކުރެއެވެ. އޭނާގެ ޠަބީޢަތަށް މިއައީ ކޮންފަދަ ބަދަލެއްކަމެއް ނޭނގެއެވެ.

އެއްދުވަހު ރަމްލާ މަސްތެލުލުމުގެ މަސައްކަތުގައި ބަދިގޭގައި އުޅެނިކޮށް ކުއްލިއަކަށް އޯކަށްދެމެން ފަށައިފިއެވެ. އޭނާ ބިރުގެންފިއެވެ. އޭނާގެ ހިތުގައި ފޮރުވާފައިވާ ނަފްރަތުގެ ދިޔަ ބޭރުވާން އުޅެނީ ކަހަލައެވެ. އެހެން ނަމަވެސް މުޢާޒުގެ މަންމަ ހިނިތުން ވެލާފައި ވިސްނާދިނެވެ.

[ކަންބޮޑު ނުވާށެވެ.... ތިޔަހެން ވާނެއެވެ.]

ރަމްލާ ލަދުގެންފިއެވެ.

ކުޑަ އިރުކޮޅަކަށްފަހު މައިދައިތަ ލުބޯހުތު ފަނިތަށްޓެއް ހިފައިގެން ކޮޓަރިއަށް އަތުވެއްޖެއެވެ.

[އަހަރެން މިއަށް ކުޑަލޮނުކޮޅެއްވެސް އެޅީމެވެ. ކޯވަރަކުން ކޯވަރަކުން ބޯލާށެވެ. ރަނގަޅު ވެދާނެއެވެ. މާބޮޑަށް މޭނުބައި ކުރަންޏާ ލޮނުފެން ގިނަގިނައިން ބޭނުން ކުރަންވާނެއެވެ.]

ލުބޯހުތު ފަންޏަކީ އޭނާއަށް ވަރަށްކަމުދާ މީރު އެއްޗެކެވެ. އެހެންކަމުން އެތިއެތި ފޮދުން ބުއިމުގެ ބަދަލުގައި އެއްނޭވާއިން ދަމާލައިފިއެވެ.

ކޮންފަދަ މީރު އެއްޗެއް ހެއްޔެވެ... ކިހާބޮޑު ހަމަޖެހުމެއް ލިބިއްޖެ ހެއްޔެވެ... އެކަމަކު އޭގައި އޮތީ ކޮންފައިދާއެއް ހެއްޔެވެ.

ދެމިނެޓެއްހާ އިރުވުމަށްފަހު ބުއި ހުރިހާ އެއްޗެއް ހޮޑަށް ލެވިއްޖެއެވެ.

ހަވީރުވީއިރު އޭނާގެ ޙާލު ވަރަށް ދެރަވެއްޖެއެވެ. ރޮއިރޮއި ދެލޯ ރަތްވެއްޖެއެވެ. މުޢާޒު ގެއަށް އައުމާއެކު ހަމައަވަހަށް އަންހެނުންގެ ޑަކްޓަރު ގެނައުމަށް މަންމަ ބުންޏެވެ. މިހާތަނުން ރަމްލާއަށް ފާޑުފާޑުގެ ޚިޔާލުކުރެވެން ފަށައިފިއެވެ.

އަންހެނުންގެ ޑަކްޓަރު ހީނލާފައި މަންމަގެ ވާހަކައަށް ތާއިދުކުރުމުން ރަމްލާ އިސްދަށަށް ޖަހާލިއެވެ. ހަމައެވަގުތު މުޢާޒުގެ އަނދިރި މޫނުމަތިން ވިދާބަބުޅާ ތަރިއެއް ފާޅުވިއެވެ.

ރަމްލާގެ ފުރާނަ އުދުހިގަތް ކަހަލައެވެ. ހުރިހާކަމެއް އެފުށް މިފުށަށްޖެހެނީ ކަމުގައި ހީކުރެވުނެވެ. އޭނާގެ ހިތަށް އެރިއެވެ.

[މިއީ ކޮންކަހަލަ ބައްޔެއް ހެއްޔެވެ.... މިއީ ކޮންކަހަލަ ބައްޔެއް ހެއްޔެވެ....؟]

އޭނާ ހެނދުނުއްސުރެ އޮންނަނީ ވަރުބަލި ވެފައެވެ. ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. ފެންތިކެއްހާ މިންވަރުވެސް އެތެރައަކަށް ނުދެއެވެ. މިޙާލުގައި އޭނާ އޮންނައިރު އެހެން މީހުން ކޮޅުކޮޅަށް ދުވެދުވެފައި ހީނ މަޖާނަގަނީއެވެ. އޭނާ ބަލިވެ އޮތްތަން ފެނިފައި އެންމެން އުފާ ކުރަނީއެވެ.... މާތްކަލާކޯއެވެ. މިއީ ކޮންފަދަ އަޖައިބު ކުރުވަނިވި ދުނިޔެއެއް ތޯއެވެ.

އޭނާގެ ޠަބީޢަތަށް ބަދަލެއް އަތުވެއްޖެ ކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ. އެކަމަކު މިވަނީ ކީއްކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ. ތަންމައްޗަށް ވެއްޓިފައި އޮންނައިރު ހީވަނީ ދެން އެއްގޮތަކަށްވެސް ނުތެދުވެވޭނެ ހެންނެވެ. ކަރުތެރޭން ނުކުންނަމުންދާ ވެނީ ކުކުރުމުގެ އަޑުގައިވަނީވެސް މުޅިން އެހެންރާގެކެވެ. އެތެރެކުރާ އެއްވެސް ކަހަލަ ކާބޯއެއްޗެއް ގިނައިރަކު ބަނޑުތެރެއަކު ނުހުރެއެވެ. ހީވަނީ ހަށިގަނޑުގެ ހުރިހާ އިންތިޒާމުތަކެއް އޭނާއާ ދެކޮޅު ހަދަނީ ހެންނެވެ. އެހެންނޫނީ އެނާގެ ހަނުހުރުމުގެ ބަދަލު ހިފަނީއެވެ.

ނަތީޖާއެއްގެ ގޮތުން އެއްހަފްތާގެ ތެރޭގައި އޭނާގެ ހަށިގަނޑުން ވަރަށް ބޮޑަށް ފެން މަދުވެއްޖެއެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދިއުމަށް ޑޮކްޓަރު މަޝްވަރާ ދިނެވެ. އާދެ، ރަމްލާ ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. އޭނާގެ ހެއެއް ނެތެވެ. ހަށިގަނޑުގައި އެއްވެސް ކަހަލަ ޙަރަކާތެއް ނެތެވެ. ހިމޭން ކުކުރުމެއްގެ އަޑު އަނގައިން ނުކުމެ ނުކުމެ ހުއްޓެވެ.

ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި އޭނާ ޤަތުލުކުރަން ގެންދިޔަ ނަމަވެސް އޭނާއަށް އެއްވެސް ކަހަލަ ހިތާމައެއް ކެކުޅުމެއް ނުލިބުނީހެވެ. އޭނާ ބޭނުންވަނީ ހެޔޮހިތުން ދަންޖައްސާ މަޅިގަނޑު ކަރަށް ވައްޓާލުމަށެވެ.

ހޮސްޕިޓަލުގައި އޮތްދުވަސްކޮޅުގެ ތެރޭގައި އޭނާއަށް ފަރުވާކުރެވުނީ ވަރަށް ބެލުންތެރި ކަމާއެކުގައެވެ. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާގެ ޙާލު އާދައިގެ ފެންވަރަކަށް އެޅިއްޖެއެވެ. އެހެން ނަމަވެސް ޑަކްޓަރުންގެ މަޝްވަރާގެ މަތިން އޭނާ ދެމަސްދުވަސް ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހިއްޖެއެވެ. އެހެންކަމުން މުޢާޒު ހޮސްޕިޓަލުގެ ޕްރައިވެޓް ވާރޑަކުން ފެންވަރު ރަނގަޅު ކޮޓަރިއެއް ހޯދައިފިއެވެ. އެކޮޓަރީގެ ކުޑަދޮރުތައް ހުޅުވެނީ މާތަކުން ޒީނަތްތެރިވެފައިވާ ހޮސްޕިޓަލުގެ ގޯތި ތެރެއަށެވެ. ރަމްލާއަށް ޚާއްޞަ ކުރެވިފައިވާ ނަރުހަކުވެސް ހުރެއެވެ.

އޭނާ ބައެއް ފަހަރަށް ހިނިތުން ވެލާފައި ބުނެލައެވެ.... [ރަމްލާގެ ފިރިކަލުން ރަމްލާ ދެކެ ވަރަށް ލޯބިވޭ ދޮގެއްތޯއެވެ.]

އެއަޑު އަހާފައި ރަމްލާ ލޯމަރާލިއެވެ.

އަނެއްކާވެސް އޭނާ ބުނެއެވެ.... އޭނާ ހުންނަވަނީ ރަމްލާދެކެ ވެލައްވާ ލޯބީން މޮޔަވެފައެވެ.... ރަމްލާ ނިދިކުރައްވާފައި އޮންނަވާ ވަގުތަކު ދުރުވެއްޖެއްޔާ އެތައް އިރެއްވަންދެން ބައްލަވަން އިންނަވައެވެ. އަޅުގަނޑު ހޭލައްވާލަންތޯ ސުވާލު ކޮށްފިއްޔާ ބުނުއްވައެވެ. [ނޫން. އޭނާ ނިދިޔަދީ- ވަރަށް ނާޒުކު ކުއްޖެއް...]

މިއަޑު އިވިފައި ރަމްލާ ބޭއިޚްތިޔާރުގައި ރޯންފަށައެވެ.

[ރަމްލާވެސް ފިރިކަލުން ދެކެ ހަމައެހާވަރަށް ލޯބި ވެލައްވަމުތޯއެވެ.....]

ރަމްލާއަށް ހީވަނީ ނަރުސް އޭނާއާ ސަމާސާކުރަނީ ކަމުގައެވެ. އަދި ސާފުބަހުން ބުނާ ކަހަލައެވެ. ކަލޭފަދަ ރީތި އަންހެނަކާމެދު އޭނާ މޮޔަވުމަކީ އަޖައިބުކުރުވާ ކަމެއްނޫނެވެ. ހެއްވާކަމަކީ ކަލޭވެސް އެފަދަ ސިފަހުތުރު މީހަކުދެކެ ލޯބިވިކަމެވެ. ތިމާގެ އީމާނަކީ އެމީހާ ކަމުގައި ދެކޭކަމެވެ. މީހަކު ދެކެ ލޯބިވާން މިނޫން މީހަކު ކަލެއަށް ހަމަނުލިބުނީ ހެއްޔެވެ.... ކަލޭގެ މައިންބަފައިންގެ ލޮލުގެ ފެނުމުގެ ބާރު ދެރައީ ހެއްޔެވެ.

[ރަމްލާއާމެދު އަޅުގަނޑު ފަޚްރުވެރިވަމެވެ.]

އެންމެފަހުން ރަމްލާ ބޮޑަށް އުނދަގޫވުމާއެކު ރުޅި އައިސްފައި އޭނާއާ ދިމާއަށް ކަޅިއަޅައި ގަނެއެވެ. އޭނާ ނަރުސް ކުއްޖާ ގާތުގައިބުނަން ހިތަށް އަރައެވެ.

ކަލޭ އަހަރެންގެ ފިރިމީހާ ގެންދާށެވެ. ކޮންމެވެސް އެހެން ތާކަށް ގެންދާށެވެ. ކަލެއާ އޭނާއާ ވަރަށް ގުޅެއެވެ. އޭނާއަކީވެސް ކަޅުމީހެކެވެ. ކަލެއަކީވެސް ކަޅުމީހެކެވެ. ކޮންމެ ހުތުރު ފިރިހެނަކު ތިމާގެ ރީތި އަނބިމީހާދެކެ އިންތިހާ ދަރަޖައަށް ލޯބިވާނެއެވެ.

[ފިރިކަލުން ދުރުވާ ވަގުތު ރަމްލާ ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯއެވެ.] ނަރުސް ބުންޏެވެ.

[ކުޑަކޮށް ލަދުގަންނަގޮތް ވަނީއެވެ.]

[ނިކަން ބައްލަވާށެވެ.] ނަރުސް އަންހެން ކުއްޖާ އޭނާގެ ގާތަށް އައިސް އިސްތަށިގަނޑުގައި އަތްފުނާ އަޅަން ފަށިއެވެ. [ކައިވެންޏެއްގެ ބޭނުމަކީ ދަރިއަކު ހޯދުމެވެ. ކައިވެންޏަށްފަހު ދަރިއަކު ނުލިބޭ މީހުން އުޅެނީ އަބަދުމެ ހަމަނުޖެހުން ގަނޑެއްގެ ތެރޭގައެވެ. އަޅުގަނޑު ރެޔާދުވާލު މިތަނުން މިދެކެނީ މިކުޅިގަނޑެވެ. ކައިވެންޏަށްފަހު ގިނަދުވަސް ތަކެއްނުވެ ބަލިވެއިންނަ މީހުން ރަމްލާ ފަދައިން ޙާލު ދެރަވެއެވެ. އެކަމަކު ފުރަތަމަ ކުއްޖާއަށްފަހު ދެތިން ހަތަރު އަހަރު ވާންދެން އަރާމު ކުރުމަށް އަޅުގަނޑު ރަމްލާއަށް ނަޞޭޙަތްތެރި ވަމެވެ. މިހެން ހެއްދެވުމުން ދަރިންގެ ހިތުގައި މައިން ބަފައިންގެ ލޯބި އިތުރުވާނެއެވެ.]

ރަމްލާ މޯޅިއަކަށް ދެމިލާފައި އާފުރިލައެވެ.

[ރަމްލާ ވަރަށް ރީއްޗެވެ.] ނަރުސް މަޑުމަޑުން ބުނެލައެވެ. [އެންމެކުއްޖަކު ލިބުމަކުން ރީތިކަމަކަށް ކުޑަވެސް ފަރަގެއް ނާންނާނެއެވެ.]

ދެން ހޮސްޕިޓަލުގެ ތެރޭގައި ހިނގާ މަޖާ ކަންތައްތަކުގެ ވާހަކަ ކިޔައި ދިނުމަށްފަހު ބުނެއެވެ.

[މިއަދު ހަވީރު ރަމްލާގެ ފިރިކަލުން ދުރުވާނެ ނޫންތޯއެވެ. ހަމަދުރުވުމާއެކު ހީނލާފައި އޭނާއާ ވާހަކަ ދައްކަވާށެވެ. އޭރުން އޭނާ ވަރަށް ކަންބޮޑުވާނެއެވެ.]

އެއާއެކު ރަމްލާ ތުންފަތުގައި ހިތި ހިނިތުންވުމެއް ދުވެލައެވެ.

[އޭނާ ދުރުވުމާއެކު އަޅުގަނޑު އަވަސް އަވަހަށް ބޭރަށްދަނީ ރަމްލާއަށް އެކަހަލަ ދަނޑިއަޅު ދޭންވެގެންނެވެ.]

ރަމްލާއަށް އެކަން އެނގެއެވެ.

މުޢާޒު ހަމައައުމާއެކު އޭނާ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ބޭރަށް ނިކުމެއެވެ. ދެން އޭނާ އަންނަނީ މުޢާޒު އެނބުރިދާ ވަގުތު ޖެހުމުންނެވެ. އާދެ، އެވަގުތު މުޢާޒުގެ މޫނު މަތީގައި ހުންނަނީ ކޮންކަހަލަ ކުލައެއްތޯ ބެލުމަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

**********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން