08 ވަނަ ބައި
..................
ރަމްލާ ކޮޓަރިއަށް އައީ ވަރުބަލިކަމުގެ ބަހަނާ ދައްކައި ގެންނެވެ. އޭނާގެ ފޮށި ކޮޓަރީގެ އެއްކަނެއްގައި އަދިވެސް އެބަހުއްޓެވެ. އޭނާ މިގެއަށް އައީ ފިނިފެންމާ ކުލައިގެ ސާޅީއެއް އަޅައިގެންނެވެ. އަދި ދެއްކުމުގެ ގޮތުން ކުޑަގޮތަކަށް މޭކަޕްވެސް ކުރިއެވެ. ކަންބޮޑުވެފައިވާ މޫނު ފެނުމުން މައިދައިތަގެ ހިތެއް ހަމައެއް ނުޖެހޭނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. މިހާރު އޭނާ އެއިނީ ހެދުން ބަދަލުކޮށްގެން ނިދަން ތައްޔާރު ވެގެންނެވެ.
އޭނާ ނިދާކޮޓަރި ވަރަށް ސާފުތާހިރެވެ. ކޮޓަރީގައިވާ ކޮންމެ އެއްޗަކުން ވިދުން އަރައެވެ. ހަމައެއާއެކު ރީތިވާ މޭޒުގެެ ކޮންމެ ލޯގަނޑެއް ސާފުވެފައި ރީއްޗެވެ. އޭނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އޭނާ ހޮސްޕިޓަލަށް ދިޔަދުވަހު މިކޮޓަރީގެ ތަރުތީބު އޮތީ މުޅިން އޮޅިފައެވެ. އެއްޗެހިތައް ހުރީ އެތައް މިތަނުގައެވެ. އެހެނީ ރީތިވާ މޭޒު ތަރުތީބު ކުރުމަކީ އޭނާގެ އާދައެއް ނޫނެވެ. އެކަމަކު މިހާރު މޫނުބަލާ ލޯގަނޑު، ބިއްލޫރިގަހެއް ފަދައިން ވިދާ ބަބުޅައެވެ. އަލަމާރި ހުޅުވާފައި ބަލައިލިއިރު ހުރިހާ ހެދުންތައް ތަރުތީބުން ބެހެއްޓިފައި ހުއްޓެވެ. މިގޮތަށް ހެދުންތައް ފަށްޖަހާފައި ގަވައިދުން އަލަމާރީގައި ބެހެއްޓުމަކީ އޭނާކުރާ ކަމެއް ނޫނެވެ. އޭނާގެ މިއާދައާމެދު ކިތަންމެ ފަހަރަކު މަންމަ އަޑުލާފައިވެއެވެ. އެއްދުވަހަކު ކޮންމެވެސް ހެދުމެއް ހޯދަންވެގެން އޭނާ އަލަމާރިއަށް އަތްކޮށްޕައިގެން އުޅެނިކޮށް ގުޅައަކަށް ޖަހާފައިހުރި ހުރިހާ ހެދުމެއް އެއްފަހަރާ ފައިބައިގަތެވެ.... އެކަމަކު މިއަދު އޭނާގެ އަލަމާރީގައި ހެދުންތައް ހުރީ ތަރުތީބުން ބެހެއްޓިފައެވެ.
މިއީ ހިމަ މައިދައިތަ ކުރިކަމެއް ހެއްޔެވެ.
އޭނާ ހިތާހިތުން ވިސްނާލިއެވެ.... ނޫނެކެވެ. އޭނާގެ ހިތުން އަޑުއައެވެ. މައިދައިތަ އެއްގޮތަކަށްވެސް ހެދުން އަލަމާރިއަކު އަތެއް ނުލައެވެ. އޭނާ މިއަދާ ހަމައަށްވެސް ހެދުންއަޅާފައި ބަހައްޓަނީ ފޮށްޓެއްގައެވެ. މިއީ މުޢާޒުގެ ކަމެއްނޫން ކަމެއްވެސް ނޭނގެއެވެ. މިހިރަ ރީތި މާތައް ގެނެސް ކޮޓަރި ޒީނަތްތެރިކުރީ ހަމަ މުޢާޒެވެ. ފިނިފެންމަލުގެ ބައެއް ފިޔަ އޭނާގެ އެނދުގައި ހުއްޓެވެ. ރަމްލާ ބެޑްކަވަރު ހިއްލައިލުމާއެކު ސިހުނެވެ. ތަރުތީބުން ބެހެއްޓިފައިހުރި ފިނިފެން މަލުގެ ފިޔަތަކަށް ބަލާލުމުން އޭނާއަށް ހުރިހާ ކަމެއް އެނގިއްޖެއެވެ. ފިޔަތަކުން ބަލީހުގައި ލިޔެފައި އޮތީ ރަމްލާގެ ނަމެވެ.
ރަމްލާ ރުއްސުމަށްޓަކާ އޭނާ ކޮށްފައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ.
ރަމްލާ ފިނި ނޭވާއެއްލިޔެވެ. ދެން ކުރިމައްޗަށް ބަލައިލިއިރު ހަމަ އެނދާދިމާއަށް ފާރުގައި ރީތި ކުޑަކުއްޖެއްގެ ފޮޓޯއެއް ބަހައްޓާފައި ހުއްޓެވެ. މިއީ ކުރިން މިކޮޓަރީގައި ހުރި ފޮޓޯގަނޑެއް ނޫނެވެ. އަންހެނުން ބަލިވެއިންނަ ދުވަސްވަރު އެންމެ ގިނައިން ބަލާ އެއްޗަކީ ކުޑަކުދިންގެ ފޮޓޯއެވެ. ރަމްލާއަށްވެސް މިކަން އެނގެއެވެ. އެފޮޓޯއާއިމެދު ގިނަގިނައިން އަންހެނުން ވިސްނައެވެ. އެފޮޓޯގެ ހިޔަންޏަކީ ބަނޑުގައި އޮންނަ ކުއްޖާ ކަމުގައި ވެދެއެވެ.... ރަމްލާ ތުރުތުރު އަޅައިގަތެވެ.
މިއަދު ހަތަރުދަމު ރަމްލާ ވޭތުކޮށްލީ މުޢާޒުއާ ބެހޭގޮތުން ވިސްނުމުގައެވެ. އެކަމަކު އެއީ މުޅިން ބޭކާރު ވިސްނުން ތަކެކެވެ. އޭގައި ނަފްރަތު ފިޔަވާ އެހެން އެކައްޗެއްވެސް ނުވެއެވެ.
މުޢާޒުއާއި މެދު ރަމްލާގެ ހިތުގައި ރަޙުމް އުފެދިއްޖެއެވެ. އޭނާ ރީތި ކުޑަކުއްޖެއްގެ ފޮޓޯގަނޑެއް ގެނެސް ކޮޓަރީގައި އެޅުވީތީއެވެ. އޭނާވެސް އެދެނީ އޭނާގެ ދަރިފުޅު މިފޮޓޯގަނޑުގައިވާ ކުއްޖާ ފަދައިން ރީތިވުމަށެވެ. އޭނާ ކަހަލަ ސިފަހުތުރު މީހަކަށް ނުވުމަށެވެ... މިކަމުގެ ބިރުހީވެފައި ރަމްލާ ފަހަރެއްގައިވެސް މުޢާޒުގެ މޫނަށް ނަޒަރު ހުއްޓައެއް ނުލައެވެ. ހިތި ގޮތަކަށް ބަލައިލާފައި އެކަން ސިއްރު ކޮށްލަނީއެވެ.
މިފަހަރު ލިބޭނީ އަންހެން ކުއްޖަކު ކަމުގައި ބައެއް ފަހަރަށް އޭނާގެ ހިތަށް އަރައެވެ. އަދި އެކުއްޖާގެ ސިފަ މުޢާޒުއާ މުޅިން އެއްގޮތް ވެއްޖެއްޔާ ވާނީ ކިހިނެއް ބާވައެވެ.... ނޫނެކެވެ... އެނާ ކަންބޮޑުވެދެއެވެ. އެ އަންހެން ކުއްޖާގެ ސިފަ މުޢާޒުގެ މައްޗަށް ލެނބިއްޖެއްޔާ އޭނާ ރޭގަނޑު ދަންވަރު އެކުއްޖާފުޅުގެ ކަރުގައި ހިފާ މަރާލާނެއެވެ.
އެކަމަކު އެއީ ކުރެވިދާނެ ކަމެއް ހެއްޔެވެ...؟
ހާސްކަމުގެ ތެރޭގައި ރަމްލާގެ ލޯ މުޅި ކޮޓަރިއަށް ހިންގަމުން ދިޔައެވެ.
މުޅި ކޮޓަރީގެ މާޙައުލު ބިރުވެރިކަމާ ވަހުމުގެ ޝިކާރައަކަށް ވަމުން ދަނީއެވެ. ކޮޓަރީގައިވާ ހުރިހާ އެއްޗެއް ސާފުވެފައި ތާހިރެވެ. މާތަކުގެ މަޑުމީރުވަސް އޭނާގެ ޖަޒުބާތުތަކާ ކުޅެމުން ގެންދަނީއެވެ.
ވަށައިގެންވަނީ ކޮންފަދަ ރީތިކަމެއް ހެއްޔެވެ...؟ ޚާއްޞަކޮށް އޭނާގެ ނިދާ އެނދެވެ.
އެނދުގައި އަޅާފައިއޮތީ ފިނިފެންމާ ކުލައިގެ ފަށުއި ފަލަނގު ފޭއްޔެކެވެ. އޭގެ އެތަންމިތަނުގައި ތީރުޖަހާފައިވާ ހިތްތަކެއް ކުރަހާފައިވެއެވެ. މުޢާޒަކީ ޚިޔާލު ތަނަވަސް މީހެކެވެ. ދިރިއުޅުމުގައި ރީތިކަން އުފެއްދުމުގެ ގޮތްގަނޑު އޭނާ ރަނގަޅަށް ދަނެއެވެ.
އެކަމަކު.... ޚުދް އޭނާ އެހާރީތިނަމަ ކޮންފަދަ ހެއްޔެވެ.
އޭނާ އެނދުގައި އިނދެގެން ބާޣީ ޖަޒުބާތުތަކާ ހަނގުރާމަ ކުރަމުން ދަނިކޮށް މުޢާޒު އަތުވެއްޖެއެވެ. އޭނާ ހަމަ ފެނުމާއެކު ރަމްލާއަށް ހާސްކަން އިޙްސާސް ކުރެވުނެވެ. މުޢާޒު ނިދާ ހެދުން ހިފައިގެން ފެންވަރާ ކޮޓަރިއަށް ވަނުމާއެކު ރަމްލާ ބޭއިޚްތިޔާރުގައި ތެދުވެގެންގޮސް އޭނާ ގެއިން ގެނައި ފޮށިކައިރީގައި އިށީނދެއްޖެއެވެ. އަދި އޭގައިހުރި ހެދުންތައް ނަގާ އަލަމާރިއަށް ލާން ފަށައިފިއެވެ.
[އަހަރެންގެ ފުރާނައާއެވެ. ތިޔަކުރަނީ ކީއްހެއްޔެވެ؟] މުޢާޒު އައިސް ރަމްލާގެ އަތުގައި ހިފައިފިއެވެ. [ތިޔަ މަސައްކަތް ނުކުރާށެވެ. އަހަރެން ހެނދުނު ތިޔަކަންތައް ކޮށްލަފާނަމެވެ.]
[އެކަމަކު މިއީ އަޅުގަނޑުގެ ކަމެއް ނޫންތޯއެވެ. މިއީ މަސައްކަތެއް ނޫނެވެ.]
[ނޫނެކެވެ....] އޭނާ ރަމްލާ ގޮވައިގެންގޮސް އެނދުގައި ބައިންދައިފިއެވެ. [އަހަރެން ގޭގައި ނުހުންނަ ވަގުތު މަސައްކަތް ކުރާށެވެ.]
ރަމްލާ ހިމޭން ވެއްޖެއެވެ. މުޢާޒު ރަމްލާގެ ހެދުންތައް ދެވަނަ ފަހަރަށް ހަމަ އެތާގައި ބަހައްޓައިފިއެވެ.
ރަމްލާގެ ހިތް ހާސްކަމުގެ ތެރެއަށް ގެނބެން ފަށައިފިއެވެ. އޭނާ މަޑުމަޑުން އެނދުގައި އޮށޯވެއްޖެއެވެ. އަދި ވިސްނަން ފެށިއެވެ.... މިރޭގެ ހުރަގެއިން ސަލާމަތްވާނީ ކިހިނެއް ބާވައެވެ. ބަރާބަރު ތިންމަސްދުވަސް ވަންދެން އޭނާ މުޢާޒުއާ ދުރުގައި އިނެވެ. އެތިން މަސްދުވަސް އޭނާ ހޭދަކޮށްލީ އަމާންކަމާއި އެކުގައެވެ. އެކަމަކު މިރޭ އަނެއްކާވެސް އޭނާ ބިރުގަންނަން ފަށައިފިއެވެ.
މުޢާޒު އަމިއްލަ ކުދިކުދި ކަންތައްތައް ކޮށްލާފައި ރަމްލާގެ ގާތަށް އަތުވެއްޖެއެވެ. އަދި ހިނިތުން ވެލާފައި އެނދުގައި އިށީނދެއްޖެއެވެ.
ރަމްލާ ދެލޯމަރާ ތަގުޅި ކޮށްލިއެވެ.
ވޭންދެނިވި މިހިނދުކޮޅު ކުރިންވެސް އޭނާއަށް ޙަމަލާ ދިނެވެ. ވޭތުވެދިޔަ ތިންމަސް ދުވަހުއްސުރެ އޭނާ މި ހިނދުކޮޅާމެދު ކަންބޮޑުވެއެވެ.
އޭނާއަށް އެނގެއެވެ. މިއީ ހަމަތަޤްދީރުގައި ހުރިގޮތެވެ. އޭނާއަށް މަޖުބޫރު ވެދާނެއެވެ. ތިމާގެ އަމިއްލަ ވުޖޫދު ހުސްކޮށް ކުޑަ ހިނދުކޮޅަކަށް އިޙްސާސްގެ ކަށްވަޅުގައި މަޑުކޮށްލަން ޖެހޭނެއެވެ. ތިމާގެ ހިތް ހަށިގަނޑާ ވަކިކޮށްލަން ޖެހޭނެއެވެ. ހަށިގަނޑު ދެބައިކޮށްލަން ޖެހޭނެއެވެ. ހިތްނުރުހޭ މީހެއްގެ އަތްމައްޗަށް ހަށިގަނޑު ދޫކޮށްލަން ޖެހޭނެއެވެ. ކުރިންވެސް އޭނާއޮތީ އެތައް ފަހަރެއްގެ މަތިން އަމިއްލަ ހަށިގަނޑު ހުސްކޮށްފައެވެ. ހަށިގަނޑުން ރޫޙާއި އިޙްސާސް ނެރެ ބުރަހެލިވާން ފެށުމުން އަމިއްލަ ވުޖޫދު ދެކެވެސް އޭނާ ނުރުހުންވާން ފަށައިފިއެވެ....
ނިދީގައި ހަށިގަނޑުން ރޫޙު އަމިއްލައަށް ނިކުމެގެން ހިނގައިދެއެވެ. އެކަމަކު ހޭލާ ހުންނައިރު އަމިއްލަ ރޫޙު ހަށިގަނޑުން ނެރެލުމަކީ ކިހާ ދަތި އުނދަގޫކަމެއް ހެއްޔެވެ.
މިފަދަ ހިނދުކޮޅުތަކެއް ކުރިންވެސް އެތައް ފަހަރަކު އޭނާ ވޭތުކޮށްފިއެވެ. އެކަމަކު މިއަދު އަނެއްކާވެސް....
ރަމްލާގެ ކައިރީގައި މުޢާޒު އޮށޯތުމުން އޭނާ ބުންޏެވެ.
[ބޮކި ނިވާލަ ދެއްވަންވީ ނޫންތޯއެވެ.]
[ބޮކި ނިވާލަފާނަމެވެ. އޭގެ ކުރީގައި ކުޑަކޮށް ވާހަކަ ދެއްކާލަން ތިބޭނީއެވެ... އަހަންނާ ވަކިން ރަމްލާ އުޅޭތާ ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ.]
[ނޫނެކެވެ.... ނޫނެކެވެ.] ރަމްލާ ބުންޏެވެ. [ފުރަތަމަ ބޮކި ނިވާލައްވާށެވެ. މިގޮތަށް އަލިވެފައި އޮތުން އަޅުގަނޑަކަށް ރަނގަޅެއް ނޫނެވެ.]
[އަޖައިބެއް ކަހަލަ ކަމެކެވެ....] މުޢާޒު ތެދުވެގެންގޮސް ބޮކި ނިވާލައިފިއެވެ. ދެންއަނެއްކާވެސް އައިސް އޮށޯވެއްޖެއެވެ. އަދި މަސްތުން ފުރިފައިވާ އަޑަކުން ބުންޏެވެ.
[މިހާ ރީތި އަންހެންކުއްޖަކު އަމިއްލަ ކޮޓަރީގައި ހިތަކަށް ލިބިފައިވާއިރު އަހަރެން އޮންނަން މިޖެހެނީ އެރީތި ސިފަ ފެނުމުން މަޙްރޫމް ވެފައެވެ. މިއަނިޔާ އަހަންނަށް ތިޔަދެނީ ކީއްވެގެން ހެއްޔެވެ.]
ރަމްލާ ހިމޭނުން އޮތެވެ.
[އަހަރެން ރަމްލާއާ ވާހަކަ ދައްކާ ވަގުތު ރަމްލާގެ ސިފަ ދެކެން ބޭނުމެވެ.]
[އަނދިރީގައި ވާހަކަ ދެއްކުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެކެވެ.]
[އެކަމަކު އަނދިރީގައިވެސް ރަމްލާ ވާހަކަދެއްކީ ކޮންއިރަކު ހެއްޔެވެ؟ ރަމްލާ އަބަދުވެސް އޮންނަނީ މަރުވެފައި އޮންނަ މީހަކު ފަދައިންނެވެ.]
ރަމްލާ ހިމޭން ވެއްޖެއެވެ.
[ނިދީ ހެއްޔެވެ...؟] މުޢާޒު އަނެއްކާވެސް ސުވާލު ކުރިއެވެ.
[ނޫނެކެވެ... ނުނިދަމެވެ.]
[އަޅުގަނޑު މިއޮތީ މުޢާޒުގެ ވާހަކަ އަޑުއަހާށެވެ.... ވާހަކަ ދައްކާ އަޑު އެހުމަކީ އަޅުގަނޑުގެ އުފަލެކެވެ.]
[އަޑުއަހަން އޮންނަ މީހާވެސް އާނ، ހޫނ ބުނެއެއްނޫން ހެއްޔެވެ.]
[އަޅުގަނޑު އާނ، ހޫނ ބުނާއަޑު ނާއްސަވަމުތޯއެވެ.]
މުޢާޒު ރަމްލާއާ ދިމާއަށް އެނބުރިލައިފިއެވެ. ރަމްލާގެ ނޭވާ މޭގައި ތާށިވާން ފެށި ކަހަލައެވެ. މުޢާޒުގެ އަތް ހީވަނީ ދަގަނޑު ފަރުބަދައެއް ހެންނެވެ. ހޫނުކަމުން ހީވަނީ އަލިފާންގަނޑެއް ހެންނެވެ... ނޭވާގައި ހުރީ މީރު ވަހެކެވެ.... އޭނާގެ ހަށިގަނޑުން އަނިޔާ ދެނިވި ދިލަފަށެއް ނުކުމެ ނުކުމެ ހުއްޓެވެ.... ރަމްލާގެ އަތް އޭނާގެ މޫނުމަތީގައި ޖެހިއްޖެއެވެ... ހަމަ އެހުތުރު މޫނެވެ.... އެއަޑިގުޑަން މޫނެވެ.... އެބިހި ތަކެވެ....
ރަމްލާ ހަށިގަނޑު ފިނިވެއްޖެއެވެ. އޭނާއަށް ހީވީ ޑްރެކިއުލާ މަޑުމަޑުން އޭނާއާ ދިމާއަށް އަންނަނީ ކަމުގައެވެ... އެ ދިގު ދަތްތައް އޭނާގެ ކަރަށް ހަރާލަނީ ކަމުގައެވެ.... އޭނާގެ ލޭބޮނީ ކަމުގައެވެ....
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ
**********************
* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު