ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް
ހުޅުމާލޭ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ސަފާރީއެއްގައި ކެންޏާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުވާ ކުރަން ފޮނުވި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ބޭނުންވާ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

އެ ދެމީހުނަށް ދައުވާ ނުކުރާނެކަން ޕީޖީ އޮފީހުގެ މީޑިޔާ އޮފިޝަލް ކަށަވަރުކޮށްދެއްވި ނަމަވެސް، އެ މީހުންގެ ވަނަވަރެއް އޭނާ އަދި ޕީޖީ އޮފީހުން ވެސް ހާމައެއް ނުކުރެއެވެ.

ތިން މީހުންގެ ތެރެއިން ދެމީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން ދެން މިމައްސަލައިގައި ދައުވާ ކުރަނީ ލ. ގަން، ތުނޑި، ނޫރާންގެ، އަބްދުﷲ ޝާންގެ މައްޗަށެވެ.

ޝާންގެ މައްޗަށް ވަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި ދައުވާކުރަން ހުށަހަޅާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް، މި މަހު 6 ގައެވެ.

ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ހުސްވި އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ.

މި މައްސަލައިގެ ތަޙްޤީޤަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވިއެވެ.

މި މައްސަލައިގައި ހިމެނެނީ "ރޯޔަލް" ބައެއް ކަމަށް ބުނެ މި މައްސަލައިގައި އިންސާފު ލިބޭނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަދި ވިކްޓިމް އޭނާގެ ގައުމަށް ފުރުވާލާފައި މައްސަލައިގެ ހެކި ހޯދަނީ ކިހިނެއްތޯ ބުނެ ވެސް ގިނަ ބަޔަކު ސަރުކާރަށާއި ޕީޖީ ޝަމީމަށް ސުވާލު އަމާޒުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން