ޞާދިރު ޢަލީދީދީ   28 ފެބްރުއަރީ 2021 - 14:4
ވޭނީކަރުނަ
ވޭނީކަރުނަ
52 ވަނަ ބައި

..................

]ނޫނެކެވެ. ޖައްޔިދާއެވެ.] ރަމްލާ އިސްއުފުލާލާފައި ބަލާލިއެވެ. [އަހަރެން ނުދާނަމެވެ....] [ނުދާނީ ކީއްވެގެން ހެއްޔެވެ؟] ޖައްޔިދާ ބުންޏެވެ. [ނުދާންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟]

[ދަރިފުޅު ކުޑަކަމުންނެވެ.]

[ކުޑަކުދިން ގެންގުޅޭ އެއްވެސް މަޔަކު އުފާނުކުރަނީ ހެއްޔެވެ؟] [އަހަރެން ބުރުޖަހަންގޮސް އުޅޭހިތެއް ނުވެއެވެ. ދުނިޔޭގައި ކުދިންނަށްވުރެ ވަކި އަގުހުރި އެއްޗެއް ނުވެއެވެ.]

[ދެން އެންމެ ރަނގަޅެވެ. މާބޮޑަށް ހަރުގޮތް ދައްކާނެކަމެއް ނެތެވެ.] ޖައްޔިދާ ބުންޏެވެ.

[ހިތް ބަރާބަރަށް މަސައްކަތް ކުރަންޏާ ހުރިހާގޮތަކުން އިންސާނާ އުފާކުރާނެއެވެ. އަހަރެން މިއައީ މަންމައާ ވާހަކަ ދައްކާފައެވެ. މަންމަ މަޢޫޒު ބަލާ ދޭނެއެވެ.]

ޖައްޔިދާ ކޮޅަށް ތެދުވިތަނާ މަންމަ އެތެރެއަށް އަތުވެއްޖެއެވެ. ޖައްޔިދާ އުފާވެފައި ބުންޏެވެ.

]މަންމާއެވެ. އަޅުގަނޑު ރަމްލާ ގާތުގައި މިދައްކަނީ އަޅުގަނުމެންނާ އެކުގައި ސިނަމާއަށްދާ ވާހަކައެވެ. އެކަމަކު އެއްގޮތަކަށްވެސް ދާކަށް އެއްބަހެއް ނުވިއެވެ.]

މަންމަ ފަރުވާތެރި ކަމާއެކު ރަމްލާއަށް ބަލާލިއެވެ.

އޭނާ ކިހާބޮޑަކަށް ހަށިދެރަވެއްޖެ ހެއްޔެވެ. މުޅި ދުނިޔޭގައިވާ ހިތާމަތަކެއްވަނީ އޭނާގެ މޫނު މައްޗަށް ޖަމާވެފައެވެ. މީހަކާ އިނުމުގެ ކުރީގައި އެންމެ އިރުކޮޅަކުވެސް އަނގަހިމޭނުން ނުބާއްވާ އުޅުނު ރަމްލާއަށް މިހާރުވެފައި މިވަނީ ކީއްހެއްޔެވެ. މީހަކާ އިނުމަށްފަހުގައި އެއްގޮތަކަށްވެސް މީހުންނާ ވާހަކަ ދައްކާ އުފާކޮށް އުޅޭތަނެއް ނުފެނެއެވެ. މިހާރަކަށް އައިސް އެއްގޮތަކަށްވެސް އޭނާއަށް ހަމަޖެހުމެއް ނުލިބެއެވެ.

މަންމަގެ ހުރިހާ މައިވަންތަކަމެއް އޭނާގެ ލޮލުގައި ޤަރާރުވެއްޖެއެވެ. އޭނާ ރަމްލާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

[ދަރިފުޅާއެވެ...... ދާށެވެ.]

[މަންމާއެވެ.....] ރަމްލާ ތެޅިގެންފައި ބުންޏެވެ. [އެހާގިނައިރު ވަންދެން މަޢޫޒު މަތަކުރެވޭނީ ކިހިނެއްތޯއެވެ.]

[އަހަރެން އޭނާ ލޮއްސަފާނަމެވެ.] މަންމަ ލޯތްބާއެކު ބުންޏެވެ.

[މިގެއަށް އައިފަހުން ތިޔައޮންނަނީ ކޮޓަރި ތެރޭގައެވެ. ނިކަން ތެދުވެގެންގޮސް ހެދުން ބަދަލުކޮށްލައިގެން އައިސް ބަލާށެވެ.]

މަންމަވެސް ހީކޮށްގެން އުޅުނީ ރަމްލާއަށް މިހެންވެގެން މިއުޅެނީ މުޢާޒު ފުރައިގެން ދިއުމުގެ ސަބަބުން ކަމުގައެވެ..... އެވަގުތު އެމީހުންގެ ކުރިމަތީގައި ހަޅޭއްލައި ގަތުމަށް ރަމްލާގެ ހިތަށް އެރިއެވެ.

އޭނާ އެކަނި އޮތުމަށް މިމީހުން ދޫކޮށް ނުލައިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ. އޭނާ އަމިއްލަ ނަފްސާ ހަނގުރާމަ ކުރުމަށް ދޫކޮށް ނުލާންވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

އޭނާއަށް އަމިއްލަ ރުހުމާ އެއްގޮތަށް ދިރިނުހުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

އޭނާއަށް އަމިއްލަ ރުހުމާއެއްގޮތަށް މަރުނުވެވިގެން މިއުޅެނީ ކީންވެގެން ހެއްޔެވެ؟

ރަމްލާ ހެމުން ގެއަށްވަދެގެން އައިރު ފެންޑާގައި ޠޫބާ ދައްތަ އިނެވެ. އޭނާ ވަރަށް ވިސްނުންތެރިކަމާއެކު ރަމްލާއަށް ބަލާލިއެވެ. އަދި ނުގޮތަކަށް އޭނާގެ ސިފައަށް ބަލާލަމުން ބުންޏެވެ.

[ރަމްލާއެވެ. މިވަގުތު ތިޔައަންނަނީ ކޮންތާކުން ހެއްޔެވެ؟] މިޖުމްލައިގެން ޖަވާބަކަށް އިންތިޒާރު ކުރުމަކާނުލާ އަނެއްކާވެސް ހަރުކަށި އަޑަކުން ބުނަންފެށިއެވެ.

[ތިމާގެ މީހުންނާ މައިންބަފައިންގެ މަތިން ހަދާންނެތޭ ވަރުގެ ރަޙްމަތްތެރިޔަކު އައިސްގެން އުޅެނީ ކޮންތާކުން ހެއްޔެވެ؟]

ރަމްލާ ސިހިއްޖެއެވެ. އަދި ކުއްލިއަކަށް ކަރަންޓްކެނޑި އަނދިރިވެގެންދާ ބީދައިން އޭނާގެ ހިނިތުންވެފައިވާ މޫނު ބަނަވެގެން ހިނގައްޖެއެވެ. އޭނާ ހެވިފައިވާ އިސްތަށިގަނޑު ރަނގަޅު ކޮށްލުމާއެކު ބިރުވެރި ނަޒަރަކުން ޠޫބާ ދައްތަގެ މޫނަށް ބަލަން ފަށައިފިއެވެ. ޠޫބާއަކީ އޭނާގެ އެއްބަނޑު އެއްބަފާ އެންމެ ދޮށީ ދައްތައެވެ. އެހެންކަމުން ފެށުނީއްސުރެވެސް އޭނާ ޠޫބާ ދައްތަދެކެ ބިރުގަނެއެވެ.

އެދުވަހު ޖައްޔިދާ ގަދަކަމުން އޭނާ ގޮވައިގެން ސިނަމާއަށް ދިޔައީއެވެ. އަދި މަންމަވެސް އޭނާ ފޮނުވުމަށް ބާރު އެޅީއެވެ. އޭނާ އޮތީ ދުވަހަކުވެސް ޖައްޔިދާ އުޅޭހިސާބަށް ނުދިއުމަށް ނިންމާފައެވެ. ފަހަރެއްގައިވެސް ޔާދިރު ނުދުށުމަށް ހިތާހިތުން ހުވާކޮށްފައެވެ. އޭނާއަކީ ރަނގަޅު އަންބެކެވެ. އޭނާ ބޭނުންވަނީ ރަނގަޅު މަޔަކަށްވެގެން ދިރިއުޅުން ވޭތުކުރުމަށެވެ. އެކަމަކު އޭނާގެ ހިތުގައިވާ އެއްޗެއް މަންމައަށް އެނގޭނީ ކިހިނެއް ހެއްޔެވެ. މަންމަ އޭނާ ސިނަމާއަށް ފޮނުވީ ހިތްހެޔޮކަމާ އުފަލާ އެކުގައެވެ. އެދުވަހު ޚާއްޞަކަމެއް ނުހިނގައެވެ. ފިލްމުގެ ތެރޭގައި ޔާދިރު އޭނާއާ ދިމާއަށް ބަލާވެސް ނުލައެވެ. އަދި ކަނިބުރައިގެންދާ ފާޑުގެ ޖުމްލައެއްވެސް ބޭނުމެއް ނުކުރެއެވެ. އެމީހުން އުފާވެރި ބޮޑު މާޙައުލެއްގައި ރަނގަޅު ފިލްމެއް ބެލީއެވެ. ފަހުން އެމީހުން އައިސްކްރީމްވެސް ބުޔެވެ. އެއަށްފަހުގައި ޖައްޔިދާއާއި ޔާދިރު އައިމަގުމަތީގައި ގޭޓްކައިރިއަށް އޭނާ ބަލާފައި ދިޔައީއެވެ. އެދުވަހު އޭނާގެ ހިތަށްއެރިއެވެ. އަހަރެން މިބިރުގަންނަނީ ހަމަ ނުޙައްޤުންނެވެ. ޙަޔާތުގައި ކިތަންމެ ވައްތަރެއްގެ ކިތައްމީހުންނާ ބައްދަލުވާނެ ހެއްޔެވެ. ބައެއްމީހުންނަކީ ރަނގަޅު އަޚްލާޤުގެ މާތްމީހުންނެވެ. ރަނގަޅޭ މިބުނާބަހުގެ މާނައަކީ ފަހަރެއްގައިވެސް އަންހެނަކު ފެންނައިރަށް އެމީހަކާ ރައްޓެހިކަން އުފައްދައިގެން އެމީހެއްގެ ހިތުގެ މައްޗަށް ވެރިވެގަތުމެއްނޫނެވެ. މިއޮއްބޮޑު ދުނިޔޭގައިވާ ކޮންމެ މީހަކީ ތަފާތު މީހެކެވެ. ހަމަކޮންމެ އިންސާނެއްގެ ސިފަ ތަފާތެވެ. އާއެކެވެ. ރަނގަޅު މީހުނާ ބައްދަލުވުމުން އުފާކުރަން ވާނެއެވެ.... އެދުވަހު ރަމްލާއަށް އެނގުނު އެއްޗެކީ ހިތްއެދޭ މީހުންނާ އެކުގައި އުޅެގެން ތިމާ އުފަލުގައި ހުރުމަކީ ވަރަށްބޮޑުކަމެއް ކަމުގައެވެ. އޭނާ ފަހަރެއްގައިވެސް ރަޙްމަތްތެރިޔާގެ ގެ ވީރާނާ ކޮށްލާކަށް ނޭދެއެވެ.... ޔާދިރު ފެނުމުން އޭނާ އުފާވެއެވެ. ޔާދިރުގެ ވާހަކައިން އޭނާގެ ހިތަށްފިނިކަން ލިބެއެވެ.... އާއެކެވެ. މިވަރުން ފުދެއެވެ. އުފަލުގައި ޙަޔާތުގެ ދުވަސްތައް ގުނުމަށްޓަކައެވެ.

އުފާވެރިކަމުގެ ދުވަސްތައް ކުރިމަތިވާހިނދު އެއަށް ފުރަގަސްދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫނެވެ. މިހުރިހާކަމެއް އޭނާއަށް އެނގުނީ ޔާދިރުގެ މާތް ބަހުރުވައިންނެވެ. އޭނާ ބިރުކެނޑެނީ އެހެންވެގެންނެވެ.

މިދުވަހަށް ފަހުގައި އޭނާ މަންމަގެ ގެއަށް އަންނަ ކޮންމެ ދުވަހަކު އެއްވެސް ޖެހިލުމަކާނުލާ ޖައްޔިދާމެންގެ ގެއަށްދެއެވެ. މައިދައިތައަށް އޭނާގެ އުފާވެރި މޫނުފެނުމުން ހަފްތާއަކުދެދުވަހު އޭނާ ގެއަށް ފޮނުވަން ފަށައިފިއެވެ. މަންމައަށްވެސް އޭނާގެ އުފާވެރިކަން ފެނުމުން ކޮންމެ ދުވަހަކު ޖައްޔިދާ އާއިއެކު ހިނގަންދިޔުމުގެ ހުއްދަ ދެއެވެ. ގެއަށް އައުމާއެކު އޭނާގެ އެންމެ ފުރަތަމަކަމަކީ ޖައްޔިދާއަށް ފޯނުކުރުމެވެ. އަދި ކޮންމެވެސް ކަހަލަ ޕްރޮގްރާމެއް ރާވައެވެ. މިއަދުވެސް އެމީހުން ދިޔައީ ކޮންމެވެސް އާ ރެސްޓޯރަންޓަކަށެވެ. ރެސްޓޯރަންޓް ތައްޔާރު ކޮށްފައިވަނީ ރަށްފުށުގެ ވައްތަރަށެވެ. ތަނުގެ އެތެރޭގައި ވަށައިގެންވަނީ އަވަށްގަނޑުގެ މާޙައުލެވެ.

މިރެސްޓޯރަންޓް އެމީހުންނަށް ވަރަށްކަމުދިޔައެވެ. އަދި އެތަނުގެ ކާއެއްޗެތިވެސް ވަރަށްރަނގަޅެވެ. ޚާއްޞަކޮށް ރޮއްޓެވެ.

އަދި މިހާރު އޭނާ އުފަލުން ހެމުން ގެއަށްވަންއިރު ކުރިމަތީގައި ޠޫބާ ދައްތަ ރުޅިއައިސް ރަތްވެފައި އިނެވެ. ފުރަތަމަ ދައްތަގެ ވާހަކަ އަޑުއަހާފައި އޭނާ ވަރަށް ބިރުގަތެވެ. އެހެނަސް ފަހުން އޭނާއަށް ވިސްނެން ފަށައިފިއެވެ. ރަމްލާއަށް ދައްތަ އެހާ ހަރުކަށިކޮށް ވާހަކަދައްކަނީ ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ.

އޭނާ ދޭނެ ޖަވާބަކާމެދު ވިސްނަން ފަށައިފެއެވެ.

އޭނާގެ ހިމޭންކަން ދެކެފައި އަދިވަކިން ބޮޑަށް ރުޅިއައިސްފައި ބުންޏެވެ.

[ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި އަހަރެން އަންނަ ކޮންމެ ދުވަހަކު ލިބެނީ މިޚަބަރެވެ.... ރަމްލާ އައިސް އެބައުޅެއެވެ. އެކަމަކު ރައްޓެހި ކުއްޖަކާއެކު ބޭރަށް ހިނގައްޖެއެވެ. މިހެންނެވެ. އެމީހަކާމެދު ތިމާގެ ދަރިފުޅުގެ މަތިން ހަނދާން ނެތޭފަދަ ރަޙްމަތްތެރިއަކަށް ތިޔަ ފެނުނު މީހަކީ ކާކު ހެއްޔެވެ؟

ރަމްލާ އިޚްތިޔާރަކާނުލާ ކުރިމަތީގައި ހުރި ކޮޓަރިއަށް ބަލާލިއެވެ.

[ދަރިފުޅު ރޮއިރޮއި ހަލާކުވަނީއެވެ. މަންމަ ފަކީރު ވަރުބަލި ވެއްޖެއެވެ... މަންމަ އަބަދު އުޅުއްވަނީ ބަލިވެއެވެ. އެ ޢުމުރުގައި އާޔާއެއްގެ މަޤާމެއް ނުފުރޭނެއެވެ. އަހަރެންވެސް ދަރިން ބަލާ ބޮޑުކުރަމެވެ. އަހަރެން ހަލާކުވެގެން މިދަނީ ދަރިންނަށް ޓަކައެވެ.]

އޭނާ ތަޤްރީރު ދިނުމަށްފަހު ނޭވާ ހަމަޖައްސާލިއެވެ. އެއާއެކު ރަމްލާ މަޑުމަޑުން ހިނގާފައިގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

މަޢޫޒު އަރާމުގައި ނިދަން އޮތެވެ. ގާތުގައި މަންމަ އޮށޯވެލައިގެން އޮތެވެ. އޭނާގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރު ފެންނަން ހުއްޓެވެ. އެކަމަކު ފޫހިކަމެއްނެތެވެ. ރަމްލާ މޭޒުމަތީގައި ދަބަސް ބާއްވާފައި ފެންވަރާ ކޮޓަރިއަށް ވަދެއްޖެއެވެ. ހެދުން ބަދަލުކޮށްލުމަށް ޓަކައެވެ. ޠޫބާ ދައްތަ އެއްޗެތި ގޮވާއަޑު އަދިވެސް އެބައިވެއެވެ.

ރަމްލާ ހެދުން ބަދަލުކޮށްލައިގެން ނުކުތްއިރު މަންމަ ތެދުވެގެން ހިނގައްޖެއެވެ. އަދި މިހާރު ޠޫބާ ދައްތަގެ އަޑެއްވެސް ނީވެއެވެ. މަންމަ ބޭރަށް ނުކުމެފައި މަނާކުރީ ކަންނޭގެއެވެ.

[މަންމައާ އެއްބަނޑު އަންހެނުންނާ ކިހާ ފަރަގެއް އެބަހުރި ހެއްޔެވެ.] ރަމްލާ ވިސްނާލިއެވެ. ދެން އެނދުގައި އޮށޯވެއްޖެއެވެ.

މިއަދު އެމީހުން ވަރަށް މަޖާކުރިއެވެ. އެހެންކަމުން މިހާރު އޭނާގެ ހިތަށް ފިނިކަން ލިބެމުން ދަނީއެވެ.

ޔާދިރާއި އެކުގައި ކުޑަ ވަގުތުކޮޅެއް ނަމަވެސް ހޭދަކޮށްލުމުން އެހާބޮޑަށް އޭނާ އެއުފާވަނީ ކީއްވެގެންކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ޔާދިރުގެ ކިބައިގައި ކޮންމެވެސް ކަހަލަ ޖާދުވީ ސިފަތަކެއްހުރީއެވެ. އޭނާގެ ގާތުގައި އިށީނުމުން ހުރިހާ ޚިޔާލުތަކެއް ބުރައިގެން ދެއެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން