ޞާދިރު ޢަލީދީދީ   30 އޭޕްރީލު 2021 - 13:46
ވޭނީކަރުނަ
ވޭނީކަރުނަ
80 ވަނަ ބައި

.................

އެކަމަކު އޭގައި އަހަރެންގެ އޮތީ ކޮންފަރުވާލެއް ހެއްޔެވެ. އެހުރިހާ ވާހަކައެއް އަހަރެން ގާތުގައި އެދެއްކީ ކީއްވެގެން ހެއްޔެވެ. އަހަންނަކީ އޭނާ ދަންނަ މީހެއް ހެއްޔެވެ؟ އެގޮތަށް ވާހަކަދެއްކީ އަހަރެން ރުޅިއަރުވަން ހެއްޔެވެ؟

ރަމްލާ ތެދުވެގެން ބޭރަށް ނުކުމެއްޖެއެވެ. ދެން ކޮޅުކޮޅަށް ހިނގަހިނގާފައި އަނެއްކާވެސް އެތެރެއަށް އަތުވެއްޖެއެވެ.... އެއްވެސް އިޚްތިޔާރަކާނުލާ މޫނުބަލާ ލޯގަނޑުގެ ކުރިމައްޗަށް އައިސް ހުއްޓިއްޖެއެވެ..... ވަރަށް ހިތާމައާއިއެކު އަމިލް ސޫރައަށް ބަލަން ފަށައިފިއެވެ. އޭނާއަށް ހީވީ މިއަދު އޭނާގެ އެރީތިސިފަ ގެއްލި ދިޔައީ ކަމުގައެވެ.

ނޫނެކެވެ.......

އޭނާ ވަރަށް ބާރަށް ބިންމަތީގައި ފައިން ޖަހައިފިއެވެ.

އަހަންނަށް އޭނާއާއިމެދު ޚިޔާލުކުރެވެނީ ކީއްވެގެން ހެއްޔެވެ..... އޭނާއާއިމެދު ވިސްނަންވީ ކީއްވެގެން ހެއްޔެވެ. އަހަރެން ދެކޭގޮތުގައި ދުނިޔޭގައި އަހަންނަށްވުރެ މާރީތި އަންހެނުން އެބަތިއްބެވެ. އަދި އެކަމާއިމެދު އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ.

އޭނާއަކީ އަހަންނާ އެކަށީގެންވާ މީހެއްނޫނެވެ. ޙަޤީޤަތުގައިވެސް އަހަރެން ގަސްތުކުރީ އޭނާގެ ކިބައިން ސަލާމަތް ވެގަތުމަށެވެ.... އަހަރެން އޭނާއަށް އާދޭސްކުރީމެވެ.... މާފަށް އެދުނީމެވެ.... އެފަދަ ނިޔަތްނުބައި އިންސާނަކު ކިބައިން މާފަށް އެދުމުގައި އޮތީ ކޮންބޭނުމެއް ހެއްޔެވެ.

މާފުކޮށްދޭމީހާ އޭގެ ބަދަލު ކޮންމެވެސް ގޮތަކުން އަތުލައެވެ. ބަދަލުހިފުމަކީ ރަނގަޅު އިންސާނުންގެ ކަމެއް ހެއްޔެވެ. ނޫނެކެވެ.......

އަހަރެން އޭނާއާއިމެދު ހީކުރީ ވަރަށް މާތް މީހަކު ކަމުގައެވެ. އެފަދަމީހުން ބަދަލުހިފާފާނެ ހެއްޔެވެ. ހުރިހާ ފިރިހެނުންނަކީ ބޭވަފާތެރިންނެވެ..... ރަމްލާއެވެ! މިކަމާއިމެދު ކަލޭގެ ޚިޔާލަކީ ކޮބައިހެއްޔެވެ.

ލޯގަނޑު އޭނާއާއި ސުވާލުކުރިއެވެ......

ކަލޭކުރީ ކޮންކަމެއް ހެއްޔެވެ..... ކަލޭ އެއްވެސް އެއްޗެއް އޭނާއަށް ދިނިން ހެއްޔެވެ.

ހިތާމައިގެ އާހަކާއެކު ރަމްލާ ލޯގަނޑުގެ ކުރިމަތިން ދުރަށް ހިނގައްޖެއެވެ. ދެން ބާރަށް ހިނގާފައިގޮސް މުޢާޒުގެ ސްޓަޑީރޫމަށް ވަދެއްޖެއެވެ. އޭނާ މޭޒުމަތީގައި ހުރި ކަރުދާސްތައް ވަކިވަކިން ބެލިއެވެ. އެލިއުންތަކަށް ބެލުމުގައި އޮތީ ކޮންފައިދާއެއް ހެއްޔެވެ... ރަމްލާއެވެ. އޭނާ އެދިޔައީ ޙަޤީޤަތް ރަނގަޅަށް ކިޔާދީފައެވެ. އާނއެކެވެ. ކަލޭ ރުޅިއައިސްގެން ތިޔައުޅެނީ އެހެންވެގެންނެވެ. އޭނާ އެއްވެސް ފޮރުވުމެއްނެތި އެހެން އެބުނީ ކީއްވެގެން ހެއްޔެވެ. އެހެން ފިރިހެނުންވެސް އެގޮތަށް ނުކުމެގެންދަނީ އަނބިމީހާ ގާތުގައި ބުނެފައި ހެއްޔެވެ.... ބުނެލާފާ ދިއުމުން ދޭހަވަނީ އެއަލިފާނުން އަނބިމީހާ އެންދުމެވެ........ އެހެން ހެއްޔެވެ. މިހާރު އޭނާ ބޭނުންވަނީ އަހަރެން މަރާލަންދޯއެވެ....... އެކަމަކު އެއަލިފާނުން އަހަރެން އަނދަންވީ ކީއްވެގެން ހެއްޔެވެ؟..... އެއްގޮތަކަށްވެސް އަހަރެން ނާނދާނެއެވެ. އެގޮތަށް އަނދައިގެން ދާނީ ފިރިމީހާއަށްޓަކާ މަރުދޭ އަންހެނުންނެވެ. އެކަހަލަ ވިޔާނުދާ ބޭވަފާތެރިއަކާ ހެދި އަހަރެން މަރުދޭންވީ ކީއްކުރަން ހެއްޔެވެ.... އަހަންނަށް އޭނާއާއިމެދު ނުރުހެވުނުކަން ވަރަށް ރަނގަޅެވެ.....

ރުޅިއައިސް ރަތްވެގެން އޭނާ އެތަނުން ނުކުމެއްޖެއެވެ.

އަހަރެންގެ ފަރުވާލެއްނެތެވެ. ދާނެ ތަނަކަށްދާށެވެ. މީގެކުރިންވެސް އަހަރެން އޭނާގެ ރޭތަކެއް ނުގުނަމެވެ. ވީއިރު މިއަދު އެކަމާ ވިސްނަންވީ ކީއްކުރަން ހެއްޔެވެ. ކުރިން އޭނާގޮސް އުޅުނީ ކޮންކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ.... އެކަހަލަ ފިރިހެނުންނާއި މެދުގައި އޮތީ ކޮން އިތުބާރެއް ހެއްޔެވެ.

އޭނާ އައިސް އެނދުގައި އިށީނދެއްޖެއެވެ. އިރުކޮޅަކު އެގޮތަށް އިނެވެ. ދެން އޮށޯވެއްޖެއެވެ. އުޑުތިލަ މަތިންނެވެ. އެއާއެކު ބާލީހުން މުޢާޒުގެ މީރުވަސް އަރައިގަތެވެ. އަދި އެ މީރުވަސް އޭނާގެ އިޙްސާސްތަކާ ކުޅެލިއެވެ.

އެކަހަލަ ގޮތްދޫނުކުރާ މީހަކާ މެދުގައި ވިސްނުމުގައި އޮތީ ކޮން ފައިދާއެއް ހެއްޔެވެ.

މިހާރު އޭނާ ކޮންމެވެސް ރަންޑީ އަންހެން ކުއްޖެއްގެ ކައިރީގައި އިނދެގެން ތާރީފު ގޯނި ބަންޑުން ޖަހާނެކަން ނޭނގެއެވެ.

ރަމްލާ ހާސްކަމާއިއެކު ފުރޮޅިލިއެވެ. އެއާއެކު އަނެއްކާވެސް ބާލީހުން މީރުވަސް އަރައިގަތެވެ. ބާލީހުގައި މުޢާޒުގެ ވަސް އެކުލެވި ހަރުލާފައި މިވަނީ ކީއްވެގެންކަން ނޭނގެއެވެ. އޭނާގެ ހިތުގައި ހަރުނުލާ މީރުވަހެއް މިބާލީހުގައި ހަރުލާފައި މިވަނީ ކީއްވެގެން ހެއްޔެވެ..... ރަމްލާއަށް ކައިވެނީގެ ކުރީގެ ރޭތައް ހަނދާން ކުރެވުނެވެ. މުޢާޒު އޭނާގެ ކައިރިއަށް އައިސް އިށީނުމާއެކު އޭނާ ސިހެއެވެ. އަރައިގަންނަ ހޫނުކަމެއްގެ ސަބަބުންނެވެ. އެއީ ކޮންފަދަ ހޫނުކަމެއް ހެއްޔެވެ؟ އެއީ ޢިޝްޤުގެ ޢަލާމާތެވެ. މަސްތުކަމުގެ ދަލީލެވެ. ނުވަތަ ހޫނު ޖަޒްބާތުގެ އަސަރެވެ.

ރަމްލާއަށް މިހުރިހާކަމެއް ވިސްނުނީ ހަމަދެންމެއަކުއެވެ........... ފިރިހެނުންގެ އަސްލަކީ ކޮބައިކަން އޭނާއަށް އެނގުނީ ހަމަ މިހާރުއެވެ. އަދި މުޢާޒު އޭނާގެ އަސްލިއްޔަތު ދެއްކީވެސް ދެންމެއަކުއެވެ.

އޭނާއާއިމެދު އަހަރެންގެ ފަރުވާލެއް ނެތްއިރު އޭނާ އެގޮތަށް ދިއުމުން އަހަރެން ހާސްވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއާއި ބެހޭގޮތުން މިވިސްނެނީ ކީއްވެގެން ހެއްޔެވެ؟ ޙަޤީޤަތުގައިވެސް އޭނާއާއިމެދު އެއްވެސް ފަރުވާލެއް ބަހައްޓާނެކަމެއް ނެތެވެ. އޭނާ ދާނެ ކޮންމެ ތަނަކަށް ދިޔަޔަސް އެންމެ ރަނގަޅެވެ.

އެކަމަކު އޭނާކުރީ ކޮންކުށެއް ހެއްޔެވެ. ރަމްލާގެ ޟަމީރު ދެކޮޅުހެދިއެވެ.

ކަލޭ ހުރިހާގޮތަކުން މުޢާޒުއާ ޤަބޫލުނޫންކަން ބުނެދީފީމުއެވެ. އެއްވެސް ފިރިހެނަކު އެމީހަކު ގެއިން ބޭރުގައި ކުރާ ކަންތައްތަކުގެ ވާހަކަ އަމިއްލަ އަނބިމީހާގެ ގާތަކު ނުބުނެއެވެ. ނިކަން ދެކެބަލާށެވެ. މުޢާޒަކީ ކިހާ ތަފާތު ފިރިހެނެއް ހެއްޔެވެ؟ އޭނާ އެހުރިހާކަމެއް ކުރަނީ މަޖުބޫރުވެގެންނެވެ. އޭނާއަކީ ޠަބަޢީގޮތުން ޢައްޔާޝް ފިރިހެނަކުނަމަ ކަލޭގެ ގާތުގައި ބުނެފައި އޭނާ ދާނެ ހެއްޔެވެ.....

އޭނާ ނުބުނެ ހިނގައްޖެއްޔާ އަހަންނަށް ލިބޭނެ ހާސްކަން ހިތަށްއަރާފައި ބުނަނީއެވެ.....

ދެން އެހެންވީއިރު މިހާރު ތިޔަވިސްނަނީ ކޮން އެއްޗެއް ހެއްޔެވެ. ތިޔަހާބޮޑަށް ނުވިސްނާ ހަމަޖެހިލައިގެން ނިދާލާށެވެ.

ނިދާލާށެވެ. އާނއެކެވެ. އެއްވެސް ޙާދިޘާއެއް ނުހިނގާ ކަމުގައި ހީކޮށްލާށެވެ.

އެކަމަކު ނިދޭނެ ހެއްޔެވެ. މިރޭ ނިދިނައީ ކީއްވެގެން ހެއްޔެވެ.

ރަމްލާއެވެ! ތިމާގެ ފިރިމީހާ އެހެންމީހަކަށް ނުދެވޭނެއެވެ. އަމިއްލަ ފިރިމީހާ ބައިބައި ކޮށްލެވިދާނެއޭ ހީނުކުރާށެވެ.

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.

ކަލޭ އޭނާއާއިމެދު ފަރުވާލެއް ނުބަހައްޓަމުއެވެ. ކަލޭ އަބަދުވެސް އޭނާއަށް ނަފްރަތު ކުރަމުއެވެ.

އެކަމަކު މިއުޅޭ ފިރިންގެ ގުޅުމަކީ ވަރަށް ނިކަމެތި ގުޅުމެކެވެ. އޭނާއަށް އެކައްޗެއްވެސް ނުވިސްނުނެވެ.

އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ.....

ކަލޭ ފަހަރެއްގައިވެސް އެއީ ފިރިމީހާ ކަމުގައި ޤަބޫލު ކުރިން ހެއްޔެވެ؟

މިހާރު ވިސްނެން ފަށައިފިއެވެ.

އެހެންވީއިރު އެނާއަށްޓަކާ ކަލޭކުރީ ކީއްހެއްޔެވެ؟ އޭނާ ރުއްސުމުގެ ގޮތުން ކަލޭކުރީ ކޮންކަމެއް ހެއްޔެވެ؟

އަހަރެން ކުރާނީ ކޮންކަމެއް ހެއްޔެވެ. އަހަންނަކީ އަންހެނަކީމެވެ. މިއަށްވުރެ އިތުރުން އަހަންނަށް ކުރާނެ ހުރިހާކަމެއް ކަލެއަށް ކުރެވިދާނެއެވެ..... ޝާޢިރު ކިޔާފައިވާ ޅެންބައިތެއް ކަލޭ އަޑެއްނާހަމު ހެއްޔެވެ؟

އަމިއްލަ ބައިވެރިޔާ ރުއްސުމަކީ އައިބުކަމެއް ނޫނެވެ.

ނޫނެކެވެ. ތިޔަ ހުރިހާކަމެއް އަހްނަނަކަށް ނުކުރެވޭނެއެވެ..... އޭނާ އަނެއް ފަރާތަށް ފުރޮޅިލިއެވެ.

ގަޑިއާދިމާއަށް ކަޅި ހިނގައްޖެއެވެ. ދޭއް ޖަހައިފިއެވެ. އޭނާ އަދިވެސް އެއޮތީހޭލައެވެ. އަދި މެދުކެނޑުމެއްނެތި މުޢާޒުއާ ބެހޭގޮތުން ވިސްނަނީއެވެ.

ދެން އޭނާއާއި ބެހޭގޮތުން ނުވިސްނާނަމެވެ..... އޭނާ އަތް ދިއްކޮށްލާފައި ބޮކި ނިވާލިއެވެ. ދެން ދެލޯމަރާ ތަގުޅި ކޮށްލިއެވެ.

އޭނާ އެމަކްރޫހަ މޫނާއިގެން ފަތިހު އަންނާނެއެވެ.

އެހެންވީރު އަހަރެން ވިސްނަނީ ކާކާ ބެހޭގޮތުން ހެއްޔެވެ.

އަނދިރިވެގެން ދިއުމާއެކު އޭނާގެ ހަނދާނަށް ޝާންބޭބެ އައެވެ. ބަލާބެލުމަށް އޭނާއަކީވެސް ރީތި ފިރިހެނެކެވެ. އަދި ޔާދިރަކީވެސް ރީތި ފިރިހެނެކެވެ. އެކަމަކު އެތެރެފުށް ކިހާ ހަޑި މުޑުދާރު ހެއްޔެވެ.

ރަމްލާއެވެ. ދުނިޔޭގައި ރީއްޗަށް އަޅުކަން ނުކުރާށެވެ. ރީތިކަމަށް ނުހެއްލޭށެވެ. އޭގައި ޒަހަރުފިޔަވާ އެހެން އެކައްޗެއްވެސް ނުވެއެވެ. ތިމާ އަމިއްލައަށް ހަލާކުވެދަނީވެސް ހަމަ ރީތިކަމުގެ ސަބަބުންނެވެ. ތިމާގެ ރީތިކަން ތިމާއަށް ފެނިގެންނެވެ.

ރަމްލާއެވެ. ދުނިޔޭގައި ރަނގަޅީ ކާކު ހެއްޔެވެ.

ކާކު ހެއްޔެވެ......

އަމިއްލަ ޚިޔާލީތަޚުތުން ފައިބައިގެން ތިރިއަށް އަންނާށެވެ. އެހާވަރަށް ބޮނޑިލިބުމަށް ފަހުގައިވެސް ދިރިއުޅުމުގެ ގޮތްގަނޑު ކަލެއަކަށް ދަހެއް ނުވިއެވެ.

ހުރިހާ ކަމަކީވެސް ތިމާގެ އަމިއްލަ ހިތެވެ. އެހިތް މައިތިރި ކުރާށެވެ.

ތިމާގެ ހިތުގެ ކައިރީގައިވާ މީހާ ހޯދުމުގައި ހިތުގެ ގޯޅިތައް އިޚްތިޔާރު ކުރާށެވެ. ރަނގަޅު ކަންތައްތައް ހޯދަން މަސައްކަތް ކުރުމުން ތިމާއަށް އެކަން ކާމިޔާބު ކުރެވެއެވެ. އެކަމަށްޓަކާ އިންސާނުން ދެނެގަންނަން ޖެހެއެވެ. ޚަޒާނާތައް ފެންނަނީ ވަރަށް ބުރަ މަސައްކަތުންނެވެ.

ރަނގަޅު ކަންތައްތަކުގެ އޮށްފަޅަނީ އެންމެ ފުރަތަމަ ތިމާގެ ހިތުގައެވެ. ލޯތްބަކީ ތިމާގެ ހަށިގަނޑުން އެންމެ ފުރަތަމަ ނިކުންނަ ޢިޝްޤީ ދަޅައެއް އުފައްދާ އިރެވެ.

މުޢާޒެވެ! ކަލޭ ކިހާ ރަނގަޅު ހެއްޔެވެ.

ތިޔައީ މަންމަގެ ލޯބިވާ ދަރިފުޅެވެ.

ކަލޭގެ ނޭވާއިން ޖައްވުގެ މީރުވަސް އާދެއެވެ.

މުޢާޒެވެ! އަހަރެން މިހާރަކަށް އައިސް ކޮންމެ ރެއަކުވެސް ނިދަނީ އެމީރުވަހުގެ އުނދޯލީގައި އޮވެގެންނެވެ.

މުޢާޒެވެ! ކަލޭ ތިޔަހާ ވިޔާނުދާ ކަމެއްކުރީ ކީއްވެގެން ހެއްޔެވެ؟

ރަމްލާ ބާލީހުގައި ބައްދައިގެން އޮވެ ގިސްލަ ގިސްލާފައި ރޯން ފަށައިފިއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 242 އިން 244 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން