ޞާދިރު ޢަލީދީދީ   8 މޭ 2021 - 10:52
ނުބައިނުލަފާކަމުން ދުރުހެލިވުން
ނުބައިނުލަފާކަމުން ދުރުހެލިވުން
މުއުމިނަކަށްވެސް ކުށެއްކުރެވިދާނެއެވެ. ނަމަވެސް އޭނާ ޤަޞްދުގައި ނުބައިނުލަފާކަމެއް ނުކުރާނެއެވެ. ކުށަކީ ވެވޭ ޖަޒުބާތެއްގެ ސަބަބުން މަޖުބޫރުވެގެން ވަގުތީގޮތުން ކުރެވޭ ކަމެކެވެ.

އިންސާނާ އޭނާގެ ޝުޢޫރުތައް މައިތިރިވެ ޖަޒުބާތު ފިނިވުމުން ތިމާއަށް ކުރެވުނު ކުށް އިޙްސާސްވާނެއެވެ. އެކަމެއް ކުރެވުނީތީ އޭނާ ލަދުވެތިވާނެއެވެ. އެމީހަކާދޭތެރޭ އެކުށް ކުރެވުނު މީހެއްގެ ކިބައިން މަޢާފަށް އެދޭނެއެވެ. ކުރެވުނު ކުށުގެބަދަލު ދޭނެއެވެ. ޢަމަލީގޮތުން އެކަން އެގޮތަށް ނުކުރެވުނު ކަމުގައިވާނަމަ އޭނާ އެމީހަކަށް ހެޔޮދުޢާ ކުރާނެއެވެ. އޭނާ މާތް ﷲ އަށް ދަންނަވާނެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާގެ ކުށް މަޢާފު ކުރައްވާނދޭއެވެ! މިއަޅާގެ ފުށުން އޭނައަށް ހެޔޮބަދަލު ދެއްވާދޭވެ! އަދި އޭނައަށް އޭނަގެ ކުށް އިޙްސާސްކުރެވޭލެއް ބޮޑުކަމުން އޭނާގެ ލޮލުން ފެންއަންނާނެއެވެ.

ނުބައިނުލަފާކަމަކީ މިދެންނެވިގޮތާ ތަފާތު ކަމެކެވެ. ނުލަފާކަންތައް ކުރެވެނީ ވަގުތީ ޖަޒުބާތެއްގެ ސަބަބުން ނޫނެވެ. އެކަހަލަ ކަންތައްތަކަކީ ވިސްނައިގެން، ރާވައިގެން ޤަޞްދުގައިކުރާ ކަންތަކެވެ. ނުބައިނުލަފާ މީހުންނަކީ ތިމާމެންގެ އަމިއްލަ ނަފްސާމެދު ލަދުވެތިވާ ބައެއް ނޫނެވެ. ތިމާއަށް ކުރެވުނު ނުލަފާކަން ހެޔޮކަމަކަށް ބަދަލުކުރާކަށްވެސް އެކަހަލަ މީހުން ބޭނުމެއް ނުވާނެއެވެ. އަދި ކީއްތޯއެވެ. އެކަހަލަ މީހުން ބޭނުންވާނީ ތިމާއާ އިދިކޮޅުމީހާއަށް އިތުރަށް އުނދަގޫކުރުމަށެވެ. އެކަހަލަ މީހުން އުފާވާނީ ތިމާގެ ވާދަވެރިޔާއަށް އިތުރަށް އަނިޔާކުރެވުނު ވަރަކުންނެވެ. ގެއްލުންދެވުނު ވަރަކުންނެވެ.
ނުލަފާނީހެއްގެ ހިތުގައި އަނެކެއްގެ މައްޗަށް ޝަކުވާއެއް އުފެދިއްޖެނަމަ ނުވަތަ ނުލަފާމީހަކު މީހަކު ދެކެ ރުޅިއަތުވެއްޖެނަމަ އެމީހަކާ އެކަނި ގުޅުން ކަނޑައިލުމަކުން ފުއްދައެއް ނުލާނެއެވެ. އަދި ކީއްތޯއެވެ. އެމީހެއްގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވާނެއެވެ. އެމީހަލާ ދެކޮޅަށް ކެހިވެރި ނުބައި ރޭވުންތައް ރާވާނެއެވެ. އެމީހެއްގެ މައްޗަށް ދޮގުދަޢުވާތައް ހުށަހަޅާނެއެވެ. އޭނާގެ ވަސް ފޮހެލައި އޭނާ ދުނިޔެއިން ނައްތައިލެވޭތޯ މަސައްކަތް ކުރާނެއެވެ. ނުލަފާމީހާ އޭނާގެ އިދިކޮޅުމީހާގެ ކުށާމެދު ހަމައެކަނި އެއީ ކުށެކޭ ބުނުމަކުން ފުއްދައެއްނުކާނެއެވެ. އަދި ކީއްތޯއެވެ. އިދިކޮޅުމީހާގެ ކޮންމެކަމަކީ ރަނގަޅުނޫން ކަމެއްކަން ސާބިތުކޮށްދެވޭތޯ ބަލާނެއެވެ. ނުލަފާމީހާ ތިމާގެ އިދިކޮޅުމީހާއާމެދު އެހެން މީހުންގެ ހިތުގައި ކުށްހީތައް އުފައްދާނެއެވެ. އޭނާގެ މަސައްކަތްތައް ހަލާކުކޮށްލެވޭތޯވެސް ބަލާނެއެވެ. އަދި އެމީހަލަށް ލިބޭންހުންނަ ފައިދާތައް ގެއްކުމަކަށް ބަދަލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާނެއެވެ. އާދެ މިއީ ހައްތާވެސް ނުބައި ނުލަފާކަމުގެ ވައްތަރުތަކެވެ. ނުބައިނުލަފާކަމާއި މާތް ﷲ ގެ ދީން މިއީ އެއްވެސް މީހެއްގެ ކިބައިގައި އެއްފަހަރާ ޖަމާވާނެ ދެ ސިފައެއް ނޫނެވެ.

އެއްކަހަލަ ޙާލަތްތަކެއްގައި ތިމާގެ ގާތްމީހުންނާމެދު ވަކިގޮތަކަށް މުޢާމަލާކުރުމާއި، ޙަސަދައާއި ބަދަލު ހިފުމަށްވުރެ މާތް ވިސްނުމެއް ނުގެންގުޅެވުމާ، މިހިރީ އިންސާނާ އިޢުތިރާފްނުވި ކަމުގައިވިޔަސް ނުބަައިނުކަފާ ކަންތައްތަކުގެތެރޭގައި ހިމެނޭ ކަންތައްތަކެވެ. މިފަދަ މީހުން ދާނީ މާތް ﷲ ގެ ޙަޟްރަތާ ދުރުވަމުން ޝައިޠާނާއާ ކައިރިވަމުންނެވެ.

* މިލިޔުމަކީ އަލްޢުސްތާޛް އަބްދު ﷲ ފާރޫޤު ހަސަން ލިޔުއްވާފައިވާ "ސީދާވެގެންވާ ތެދުމަގު" ފޮތުން ނަގާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު