-ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު-

ނޫސްވެރީންނާއި ދައުލަތުގެ ޒިންމާދާރު ބޭފުޅުން ޒިންމާދާރުކަމެއް ނެތި، ދިވެހިބަހުގެ ބައެއް ލަފުޒުތައް ބޭނުންފުޅުކުރެއްވުމަކީ ދިވެހިބަހަށް މިއަދު ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެއް ހައިސިއްޔަތަކުން މިއީ އަޅުގަނޑާ ބެހޭ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ދިވެހިބަސް ދެކެ ލޯބިވާ، ދިވެހި ޤައުމިއްޔަތަށް އިޙުތިރާމްކުރާ މީހެއްގެ ހައިސިއްޔަތު އަޅުގަނޑަށް އެބަ އޮތެވެ. މިއަދު އަޅުގަނޑު މި ޚިޔާލު ފާޅުކޮށްލަނީ އެ ހައިސިއްޔަތުންނެވެ.



ދިވެހިބަހުގެ ގަވާއިދު ބުނާ ގޮތުން އަދި ބަހުގެ ރަދީފުގައި ބަޔާންކޮށްފައިވާ ފަދައިން "ތެރެ"އަކީ އެތެރެއަށް ނިސްބަތްކޮށް ބޭނުންކުރާ އަކުރެކެވެ. މަސައްކަތު ލަފުޒެކެވެ. މިސާލަކީ: ކޮޓަރިތެރެ (ކޮޓަރީގެ އެތެރެ)، ގޭތެރެ (ގޭގެ އެތެރެ)، ރަށުތެރެ (ރަށުގެ އެތެރެ)، އަތޮޅުތެރެ (އަތޮޅުގެ އެތެރެ)، ރާއްޖެތެރެ (ރާއްޖޭގެ އެތެރެ) ދުނިޔެތެރެ (ދުނިޔޭގެ އެތެރެ) އެވެ.

"ތައް" މިއީ އެއްޗަކަށް ކިޔާ ނަމެއްގެ ގޮތުގައި ބޭނުންކުރާ ލަފުޒެއް ނަމަވެސް ޢާއްމުކޮށް "ތައް" "މެން" "ފަހަރު" މިއީ ދިވެހިބަހުގެ ގަވާއިދު ބުނާ ގޮތުން، ނަން ގިނަކުރުމުގެ އަކުރެވެ. ނަން ގިނަކުރާން ބޭނުންކުރާ އެހެން އަކުރެއް ދިވެހިބަހަކު ނޯވެއެވެ. ގިނަ ކުރުމަށްޓަކައި ދެން ބޭނުންކުރާ ގޮތަކީ ލަފުޒު ފަށްކުރުމެވެ. ތަކުރާރުކުރުމެވެ. މިސާލު: އަތޮޅުއަތޮޅު، ރަށްރަށް، ގޭގެ، ގޮނޑިގޮނޑި މި ގޮތަށެވެ. "ތައް" ބޭނުންކޮށްގެން ނަން ގިނަކުރުމުގެ މިސާލަކީ އަތޮޅުތައް، ރަށްތައް، ގެތައް، ގޮނޑިތައް މިއެވެ. މި ދެ ގޮތަށް ގިނަ ކުރެވުނަސް މި ދެ ގޮތުގައި މާނައިގެ ކުޑަކުޑަ ތަފާތެއް ވެއެވެ. ނަމަވެސް އެއީ މި މައުޟޫޢާ ގުޅުންހުރި ވާހަކައެއް ނޫނެވެ.

ނަމަވެސް ގިނަކުރުމުގެ މާނައިގައި މިހާރަކަށް އައިސް ރަސްމީ އެކިއެކި އިދާރާތަކުންނާއި ދައުލަތުގެ އިސް ބޭފުޅުން، "ތެރެ" ބޭނުންފުޅުކުރެއްވުން ޢާއްމުވެއްޖެއެވެ. އަނެއްކާ މީގެ އެންމެ ހިތާމަހުރި ކަމަކީ، ބަހުގެ މާހިރުން، ރަނގަޅު ގޮތް ވިދާޅުވެދެއްވީމާ ގަބޫލުނުކުރާ ހިސާބަށް އެކަން ދިޔުމެވެ. ދާދީފަހުން ކޮންމެވެސް ބޭފުޅަކު އަތޮޅުތަކުގެ ނުވަތަ ރާއްޖެތެރޭގެ ތަޢުލީމު ފެތުރުމާ ބެހޭ ގޮތުން، ރާއްޖޭގައި ތިއްބެވި މަޝްހޫރު ބަހަވީ ޢިލްމުވެރީންގެ ތެރެއިން ބޭފުޅަކާ ވާހަކަދެއްކެވި ދަނޑިވަޅެއްގައި، އަތޮޅުތަކުގެ މާނައިގައި އަތޮޅުތެރެއެކޭ ނުކިޔޭނެ ކަމަށާއި އެއީ ކުށް ގޮތެއް ކަމަށް ވިދާޅުވީމާ ވެސް އެ ވާހަކަ ގަބޫލުފުޅެއް ނުކުރެރެއްވިއެވެ. އެ ގޮތަށް އެ ބޭފުޅެއްގެ އަރިހުގައި ވިދާޅުވީ ބަހަވީ ޢީލްމުވެރީން (ލިންގިސްޓުން)ގެ ގޮތުގައި ރާއްޖޭގައި ނަންހިނގާ އެންމެ މަޝްހޫރު އެއް ބޭފުޅެކެވެ.

ބައެއް ބޭފުޅުން، އަތޮޅުތަކަށް "އަތޮޅުތެރެ"އޭ ވިދާޅުވަނީ "ރާއްޖެތެރެ" ވިދާޅުނުވާންވެގެން ކަމަށް އިވެއެވެ. ނަމަވެސް މި ދެ ލަފުޒުގެ މާނަ ހާދަހާ ތަފާތެވެ. "ރާއްޖެތެރެ" އިން ދޭހަވަނީ ރާއްޖޭގެ އެތެރޭގެ މާނައެވެ. ހަގީގަތުގައި ބައެއް ފަހަރު "ރާއްޖެތެރެ"އޭ ނަންގަނެވޭ ޙާލަތްތަކުގައި "މާލެ" އިސްތިސްނާކުރަނީ، މާލެއަތޮޅުގެ ރަށްރަށޭ ބުނާ އިރު އޭގައި މާލެ ނުހިމެނޭ އުޞޫލުންނެވެ. ހަގީގަތަކީ ޖުޣުރާފީ ގޮތުން މާލެއަކީ މާލެއަތޮޅުގެ ރަށެކެވެ. މާލެއަށް ނިސްބަތްކޮށް މާލެއަތޮޅަށް ނަންދީފައިވުމީ ވެސް މިކަމުގެ ދަލީލެއް ނޫންތޯއެވެ. ނަމަވެސް ރާއްޖޭގެ ވެރިކަން ހިންގުމުގެ އިދާރީ ބޭނުމަށް ޓަކައި މާލެ، މުޅި ރާއްޖޭގެ ވެރިރަށަށް ވާތީ، މި އުޞޫލުން، މާލެއަތޮޅުގެ ރަށްރަށޭ ބުނާ މާނައިގެ ތެރޭގައި މާލެ ނުހިމެނެނީއެވެ. އެއީ ޖުޣުރާފީ ގޮތުން މާލެއަތޮޅުގެ ރަށަކަށް މާލެ ނުވާތީއެއް ނޫނެވެ.



ހަމަ މި ބީދައިން ޖުޣުރާފީ ގޮތުން ބަލާއިރު މާލެއަކީ ވެސް ރާއްޖޭގެ ރަށެކެވެ. ރާއްޖެތެރޭގެ ރަށެކެވެ. ރާއްޖޭގެ އެތެރޭގައި އޮންނަ ރަށެކެވެ. އެއީ ރާއްޖެއިން ބޭރުގައި އޮންނަ ރަށެއް ނޫނެވެ. ނަމަވެސް "ރާއްޖެތެރެ"އޭ ބުނާ މާނައިގައި ބައެއް ފަހަރު މާލެ ނިހިމަނަނީ ކުރީން މި ދެންނެވި އިދާރީ ސަބަބަށްޓަކައެވެ. މުޅި ރާއްޖޭގެ ވެރިރަށަށް ވާތީއެވެ. ރާއްޖޭގެ އެންމެން ނިސްބަސްވާ އެބައިމީހުންގެ ވެރިކަންކުރާ މައި ރަށަށް ވާތީއެވެ. އެހެން ޚާއްޞިއްޔަތެއް އެހެން އިމްތިޔާޒެއް، އެހެން ޤަދަރެއް އެ ރަށަށް ދެވިގެނެއް ނޫނެވެ.

ހަގީގަތުގައި ދާޚިލީ ވަޒީރަށް ކިޔަން އެންމެ ރަނގަޅީ ވެސް "ރާއްޖެތެރެއާ ބެހޭ ފުރަދާނަ" އެވެ. ނުވަތަ ރާއްޖެތެރޭގެ ވަޒީރެވެ. އަޅުގަނޑުގެ ނަޒަރުން ވިސްނާ އިރުއެވެ. ތިޔަބޭފުޅުންގެ ނަޒަރަކުންނޫނެވެ.

އަޅުގަނޑު ތަކުރާރުކޮށް ވެސް ދަންނަވައިލާން ބޭނުންވެއެވެ. ކިތަންމެ ބަޔަކު، ކިތަންމެ ނުފޫޒުގަދަ ބަޔަކު ނުވަތަ އެންމެން ކިޔަސް "އަތޮޅުތެރެ"އޭ ބުނުމަކުން ރާއްޖޭގެ ހުރިހާ އަތޮޅެއް ޝާމިލެއް ނުވެއެވެ. އެއީ ކޮންމެވެސް އަތޮޅެއްގެ އެތެރޭގެ މާނަ ދޭހަކޮށްދިނުމަށްޓަކައި ބޭނުންކުރެވޭނެ ނަމެކެވެ. މިސާލަކަށް: އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުތެރެއަށް ފުރައިވަޑައިގެންފިއޭ ބުނީމާ އެ ދަތުރުފުޅުގައި އޭނާ އަތޮޅުން ބޭރަށް ވަޑައިނުގަންނަވާނެކަން ދޭހަވާނެއެވެ. އަތޮޅުތެރެއަކީ އެ އަތޮޅެއްގެ އެތެރެއެވެ. އެ އަތޮޅުގައި ހުރި ރަށްރަށެވެ.

އަޅުގަނޑުމެން ގޭތެރެ ސާފުކޮށްލާ އިރު ހުރިހާ ގެޔަކާ ބެހެންތޯއެވެ؟ އަޅުގަނޑުމެން މާނަކުރަނީ ހަމައެކަނި އެ މީހަކު އުޅޭ ގެޔެއް އެކަނި ނޫންތޯއެވެ؟ ރަށެއްގެ ކައުންސިލުން ރަށުތެރެއަށް އަޑު ފޯރާގޮތަށް އަޑުގަދަކުރާ ހަރުކޮށްފީމޭ ބުނީމާ އެއީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ރަށުތެރޭގެ ވާހަކަ ނޫންތޯއެވެ! އަތޮޅުކައުންސިލްގެ ރައީސް އަތޮޅުތެރެއަށް ފުރައިވަޑައިގަންނަވާނީ އެ އަތޮޅުތެރެއަށް ނޫންތޯއެވެ! އެހެންވީމާ ހުރިހާ އަތޮޅަކަށް ނިސްބަތްކޮށް "އަތޮޅުތެރެ"އޭ ކިޔޭނެ އެއްވެސް ޙުއްޖަތެއް އެބަ އޮތްތޯއެވެ! ބޮޑެތި ބޭފުޅުން، ގިނަ މީހުން ކިޔާ ގޮތަކީ ޙުއްޖަތެއް ނޫނެވެ. އެންމެން އެކަމެއް ކުރިޔަސް ގަވާއިދާ ޚިލާފު ކަމެއް ވާނީ ހަމަ ގަވާއިދާ ޚިލާފުކަމަކަށެވެ. ގިނަ މީހުން ކުރުމަކީ ކަމެއްގެ ރަނގަޅު-ނުރަނގަޅު ބަލާ މިންގަނޑެއް ނޫނެވެ.

"ރާއްޖެތެރެ"އޭ ކިޔުމަކީ "ދާޚިލީ"ގެ މާނައިގައި އަޅުގަނޑަށް ހަމަ ކަމުދާ ލަފުޒެކެވެ. ނަމަވެސް ހުރިހާ އަތޮޅަކަށް ނިސްބަތްކޮށް އެހެން ވިދާޅުވާން ތިޔަ ބޭފުޅުންނަށް ދަތިފުޅު ނަމަ، ގިނަކުރުމުގެ އަކުރު ބޭނުންފުޅު ކުރައްވައިގެން "އަތޮޅުތަކޭ" ވިދާޅުނުވާންވީ ކީއްވެތޯއެވެ! މިސާލަކަށް: "މިހާރު ބައެއް އަތޮޅުތަކުގައި ކޮވިޑް19 އަށް ޓެސްޓްކުރެވޭނެ ވަސީލަތްތައް ޤާއިމުކުރެވިއްޖެއެވެ." ނުވަތަ "އަތޮޅުތަކުގެ ރައްޔިތުންގެ ކަންބޮޑުވުން....."، އަތޮޅުތަކާއި މާލެއާ ތަފާތު ނުކުރުން..." "އަތޮޅުތަކުގެ ތަރައްޤީއަށް އިސްކަންދިނުން..." ފަދަ ގޮތްގޮތަށް ބޭނުންފުޅުކުރެއްވިދާނެ ނޫންތޯއެވެ!

އެއްވެސް ޝައްކެއްނެތެވެ. ކިތަންމެ ފުންނާބު އުސް ބޭފުޅަކު ވިދާޅުވިޔަސް "އަތޮޅުތެރެ" މި ލަފުޒުން "އަތޮޅުތަކުގެ" މާނައެއް ނުނިކުންނާނެއެވެ. ގިނަކުރުމުގެ މާނައިގައި "ތެރެ" ބޭނުންފުޅު ކުރައްވައިގެން ޤާނޫނީ ނުވަތަ ޝަރުޢީ ލިޔުއްވުމެއް ލިޔުއްވާނަމަ، ނުވަތަ ވާހަކަފުޅުދައްކަވާ ނަމަ، އެ ޢިބާރާތަކުން ޤާނޫނީ މައްސަލައެއް ނުކުތުމަކީ ވެސް ހަމަ ދާދިގާތުގައި އޮންނާނެ ކަމެކެވެ. މިސާލަކަށް: "އަތޮޅުތެރެއަށް ހުރިހާ ވޯޓުފޮށިތައް ފޮނުވައި ނިމިއްޖެ" ވާހަކަ ވިދާޅުވެއްޖެ ނަމަ، އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުވި ވާހަކަ ވިދާޅުވި ކަމަކަށް ނުވާނެއެވެ. އޭރުން ދޭހަވާނީ އެންމެ އަތޮޅެއްގެ ރަށްރަށަށް ފޮނުވިވާހަކައެވެ. ވީމާ ހުރިހާ އަތޮޅުތައް ޝާމިލުވާ ގޮތަށް ވިދާޅުވާ ކޮންމެ ޙާލަތެއްގައި "އަތޮޅުތަކޭ" ވިދާޅުވާށެވެ! "އަތޮޅުތެރެ"އޭ ވިދާޅުނުވާށެވެ! ކޮޓަރިތެރެ (ކޮޓަރީގެ އެތެރެ)، ގޭތެރެ (ގޭގެ އެތެރެ)، ރަށުތެރެ (ރަށުގެ އެތެރެ)، އަތޮޅުތެރެ (އަތޮޅުގެ އެތެރެ)، ރާއްޖެތެރެ (ރާއްޖޭގެ އެތެރެ)، ދުނިޔެތެރެ (ދުނިޔޭގެ އެތެރެ) އޭ ވިދާޅުވާނީ ހަމައެކަނި އެ ނިސްބަސްކުރާ ތަނަކަށް ނިސްބަތްވާ ގޮތަށެވެ. އެކަކު ގަބޫލު ނުކުރިޔަސް ދިވެހިބަހުގެ ހަމައަކީ އަދި ކަން އޮތް ގޮތަކީ މިއީއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޠައުސިން

03-Jun-2020

ޝުކުރިއްޔާ! ޢޮޅުމެއް ނެތް ސާފު އޮޅުންފިލުވައިދިނުމެއް. ޝުކުރިއްޔާ ލޮބުވެތި އުސްތާޛު!


14

އިލްމީ

10-May-2020

އިލްމީ ލިޔުމެއް. ޝުކުރަން!


15

ޚާލިިދު އަޙްމަދު

07-May-2020

ވަރަށް ބޮޑަށް ޝުކުރިއްޔާ



ޓްރެންޑިން