ކޮވިޑް-19ގެ ކުރިން ކުޑަކުދިން އުފަލާއި މަޖަލުގައި
ކޮވިޑް-19ގެ ކުރިން ކުޑަކުދިން އުފަލާއި މަޖަލުގައި
ކޯވިޑް ޖެހިފައި ތިބޭ ކުޑަ ކުދިންނަށް އިތުރު ބަލިތައް ޖެހެނީ އެބައްޔަކީ ދިފާއީ ނިޒާމު ދަށްކޮށްލާ ބައްޔަކަށްވާތީއެވެ. ކޯވިޑަށް ޕޮޒިޓިވާ ކުޑަކުދިންނަށް ނުރައްކާތެރި އެހެނިހެން ބަލިތައް ޖެހޭ ކަމަށް ބުނެ ގިނަ ބެލެނިވެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ރާއްޖެއަށް ކުރިމަތި ވެފައިވާ ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު އެތަކެއް ކުޑަކުދިންނެއް ކޮވިޑުގެ ބައްޔަށް ފައްސިވެ ބަލީގެ ޝިކާރައަކަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަމުން ދިޔަ ނަމަވެސް ނަމަވެސް މިއަދު މިވަނީ ކޮވިޑަށް ފައްސިވަމުން އަންނަ ކުޑަކުދިންގެ އަދަދު ބޮޑު ތަނުން ދަށަށް ގޮސްފައެވެ.

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. ފައިސަލް މިއަދު "ރަސްއޮންލަައިން" އަށް ދެއްވި ޚާއްޞަ އިންޓަރވިއު އެއްގައި ވިދާޅުވެފައިވަނީ ކުރިއާ އަޅާކިޔާނަމަ ކޮވިޑްގެ ރާޅު ހިނދެމުންދާތީ މިހާރު ކޮވިޑަށް ފައްސިވަމުން އަންނަ ކުޑަކުދިންވެސް ނިސްބަތުން މަދުކަމަށާއި، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންގެ ނިސްބަތް ވެސް މިވަގުތު މަދުކަމަށެވެ. އެގޮތުން އައިޖީއެމް ހޮސަޕިޓަލުގައި މިވަގުތު ކޮވިޑަށް ފައްސި ވެފައިވާ 2 ކުޑަކުދިން އެޑްމިޓްކޮށްފައިވާ ކަމަށާއި، ބައްޔަށް ފަރުވާ ކުރުމަށް އެކުދިން ވެންޓިލޭޓަރަށް ލާން ނުޖެހުނު ނަމަވެސް މިއީ ސީރިއަސް ދެ ކޭސްކަން ޑރ. ފައިސަލް ވަނީ ވިދާޅުފައެވެ.

ކޯވިޑް ޖެހޭ ކުދިންނަށް ނުރައްކާތެރި އެހެން ބަލިތައް ޖެހޭކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވެފައިވަނީ ކޮވިޑަކީ ދިފާއީ ނިޒާމް ދަށްކޮށްލާ ބައްޔެއްކަމާއި، ދިފާއީ ނިޒާމް ދަށްވެއްޖެ ނަމަ އިތުރު ބަލިތަކަށް އެ ދުވަސްކޮޅު ކުއްޖާ ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އަދި ކޮވިޑް ޖެހުމަށްފަހު ކުޑަކުދިންނަށް އާންމުކޮށް ޖެހެނީ މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރެން (މިސްކް) ކަމަށެވެ.

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރެން (މިސްކް) އަކީ ދިފާއީ ނިޒާމް ކުރާ މަސައްކަތުގެ ތެރޭގައި އަންނަ ރެސްޕޮންސްތަކެއް ކަމަށް ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ. އަދި މި ބައްޔަކީ ގައިންގަޔައް އަރާ ބައްޔެއް ނޫންކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެއެވެ. މި ބައްޔަށް މަލްޓިސިސްޓަމް ކިޔަނީ ކުއްޖާގެ ހަށިގަނޑުގެ ދެ ސިސްޓަމަށް ވުރެ ގިނަ ސިސްޓަމް އެކުލެވިގެން މިބައްޔަށް ކުއްޖާ ހުށަހެޅޭތީ ކަމަށްވެސް ޑޮކްޓަރ ވިދާޅުވެފައިވެއެވެ. އެގޮތުން ސިކުނޑި، ހިތް، ގޮހޮރު، އަދި ހަމާއި ލޯ އެކުލެވޭގޮތަށް މި ބަލީގެ އަލާމާތްތައް ފެންނާނެކަމަށްވެސް ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ. މިގޮތުން ސިކުނޑީގެ އަލާމާތްތަކުގެ ތެރޭގައި ފިޓުޖެހުމާއި، ހިތާ ގުޅުންހުރި ނަމަ ލޭގެ ޕްރެޝަރގެ މައްސަލަތައް ދިމާވުމާއި، ހަންގަނޑު އެކުލެވޭނަމަ ބިހިނަގާ ރަތްވުމާއި، ލޯ ރަތްވުން ފަދަ ކަންކަން ހިމެނެއެވެ.

މިސްކް ބަލީގައި ތިން ހަރުފަތެއް ވެއެވެ. އޭގެ ތެރޭގައި މައިލްޑް، މޮޑަރޭޓް އަދި ސިވިއަރ ހިމެނެއެވެ. އާންމުގޮތެއްގައި މައިލްޑް ކޭސްތަކުގައި ހޮސްޕިޓަލުގައި ކުއްޖާ އެޑްމިނޓްކުރަން ނުޖެހުނު ނަމަވެސް މޮޑަރޭޓް އަދި ސިވިއަރ ކޭސް ތަކުގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހެއެވެ. މޮޑަރޭޓް އަދި ސިވިއަރ ކޭސްތަކުގައި ބަލިން ރަނގަޅުވާން ގާތްގަނޑަކަށް އެއް ހަފްތާއާއި ދެ ހަފްތާވަރު ނަގާކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވިއެވެ.

ހުރިހާ މައިންބަފައިންނަށް ޑރ. ފައިސަލްގެ އިލްތިމާސަކީ ތިން ދުވަސް ވަންދެން ކުއްޖާގެ ގައިގައި ހުން ހުރެއްޖެނަމަ ޑޮކްޓަރަށް ދެއްކުމާއި، ހުން އައުމުގެ އިތުރުން ފިޓު ޖެހުމާއި، ބޭރަށް ހިންގުމާއި، ކުއްޖާގެ ގައިގާ ބިހި ނަގާ ލޯ ރަތްވުން ފަދަ އިތުރު އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ.

ކޮވިޑް-19ގެ ބާވަތެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓާއެކު ގިނަ ކުޑަކުދިން ކޮވިޑަށް ފައްސިވެފައިވާ މި ދަނޑިވަޅުގައި މިސްކް ޖެހޭ ކުޑަކުދިންގެ އަދަދުވެސް އިތުރުވާނެ ކަމަށް ޑރ. ފައިސަލް މިއަދު ވިދާޅުވެފައިވެއެވެ. އެގޮތުން ކޮވިޑް ޖެހުމަށްފަހު ރަނގަޅުވެ 4 ހަފަތާ ތެރޭގައި ހުންގަދަވެ އިތުރު އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.



މިސްކް ބަލީގެ ޝިކާރައަކަށް މިވަގުތު ހަތް ކުޑަކުދިންވެފައިވާއިރު، އޭގެ ތެރެއިން ހަތަރު ކުދިންނަކީ މި ބަަލީގައި ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދެމުންދާ ހަތަރު ކުދިންނެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ރާއްޖޭގައި މި ބަލި ޖެހިފައިވަނީ އިންޑިއާ ކުއްޖަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން