އިޓަލީ ކުޅުންތެރިން ޗެންޕިއަން ޓްރޮފީ އާއެކު
އިޓަލީ ކުޅުންތެރިން ޗެންޕިއަން ޓްރޮފީ އާއެކު
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ރޭ ޕެނަލްޓީ ޖަހައިގެން 3-2 އިން އިންގްލެންޑް ބަލިކޮށް އިޓަލީން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗްގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތުގެ ދެހާފް ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ. މިއީ އިޓަލީން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ޔޫރަޕްގެ ތަށި އުފުލާލީ 1968 ވަނަ އަހަރު އެވެ. މިއީ އިންގްލެންޑް އިން ޔޫރޯގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ވަރަށް ކުރީކޮޅު އިންގްލެންޑުން ވަނީ އިޓަލީގެ މައްޗަށް ލީޑު ނަގާފައެވެ. ޔޫރޯ ތާރީހުގައި ފައިނަލެއްގައި ފެނުނު އެންމެ އަވަސް ގޯލު މެޗްގެ 2 ވަނަ މިނެޓްގައި ޖަހާދިނީ އިނގިރޭސި ޑިފެންޑަރ ލޫކް ޝޯ އެވެ. އިޓަލީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 67 ވަނަ މިނިޓްގައި ޑިފެންޑަރ ބޮނޫޗީ ކާމިޔާބު ކޮށްދިން ގޯލުންނެވެ. ބޮނޫޗީ އަކީ ޔޫރޯ ފައިނަލެއްގައި ގޯލު ޖެހި އެންމެ ދޮށީ ކުޅުންތެރިޔާ އެެވެ.

މެޗުގެ ނުވަދިހަ މިނެޓާއި، އިތުރު ވަގުތުގެ ދެހާފްވެސް އެއްވަރު ވެގެން ނިމުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިޓަލީން ވަނީ 3 ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. އިނގިރޭސިންނަށް ކާމިޔާބު ކުރެވުނީ 2 ޕެނަލްޓީއެވެ.



މި މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އުމުރުން އެންމެ 22 އަހަރުގެ އިޓަލީ ކީޕަރު ޑޮނަރުއްމާއެވެ. ޑޮނަރުއްމާ އަކީ 1992 ވަނަ އަހަރަށްފަހު ޔޫރޯއެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކީޕަރެވެ. އެފަހަރުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑެންމާކަށް ތަށި ހޯދައިދިން ކީޕަރު ޕީޓާ ޝުމައިކަލް އެވެ.

މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ވަނީ ފަސް ގޯލު ޖަހައި، އެސިސްޓެއް ކޮށްފައެވެ. މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ސްޕެއިނުގެ ޕެޑްރީ އެވެ.

ފައިނަލް މެޗުން ބަލިވުމުން އިނގިރޭސިވިލާތުންވަނީ ބައިނަލްއަޤްވާމީ މުބާރާތެއްގެ ކާމިޔާބު ނުކުރެވި ދިގު އިންތިޒާރެއް އަނެއްކާވެސް ކުރަން ޖެހިފައެވެ. އިނގިރޭސިވިލާތުން އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބުކޮށްފައިވަނީ 1966ވަނަ އަހަރުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން