ކޮވިޑްގެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ހިލާފުވި ފަތުރުވެރިންތަކެއް އިންޑޮނޭޝިޔާގެ ބާލީން ޑީޕޯޓުކޮށްފިއެވެ.

އިންޑޮނޭޝިޔާގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމާއިއެކު، އެގައުމުގެ ބޮޑު ސަރަހައްދެއްގައި ވަނީ ކޮވިޑްގެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. މިގޮތުން ފަތުރުވެރިން އެންމެ ގިނައިން ދާ އެއްމަންޒިލް ކަމަށްވާ އިންޑޮނޭޝިޔާގެ ބާލީގައި ފަތުރުވެރިންނަށް ހާއްސަކޮށް ވަކި ހާއްސަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ.


އަދި މިރައްކާތެރި ފިޔަވަޅުތަކާއި ހިލާފުވި 3 ފަތުރުވެރިއަކު މިހާރު ވަނީ އެގައުމުން ޑީޕޯޓުކޮށްފައެވެ. އެމެރިކާ، ރަޝިޔާ، އަދި އަޔަރލޭންޑަށް ނިސްބަތްވާ މިތިން ފަތުރުވެރިންނާ ދެކޮޅަށް މިފަދަ ހަރުކަށި ފިޔަވަޅެއް އަޅާފައިވަނީ، އާންމު ތަންތަނުގައި މާސްކް ނާޅައި އުޅުމުންނެވެ.

މީގެ އިތުރުން، ކޮވިޑަށް ޕޮޒިޓިވްވުމަށްފަހު ކަރަންޓީނު ވުމާއި ދެކޮޅުހެދި ރަޝިޔާގެ ފަތުރުވެރިއަކުވެސް، އޭނާ ކޮވިޑް ބަލިން ރަނގަޅުވުމަށްފަހު އިތުރަށް ބާލީގައި ނުބަހައްޓާ ގައުމަށް ފޮނުވާލިކަމަށްވެއެވެ.

އިންޑޮނޭޝިޔާގެ ބައެއް ސަރަހައްދުތައް ފަތުރުވެރިންނަށް ހުޅުވާލެވިފައިވީނަމަވެސް، އެގައުމުގައި ކޮވިޑް ކޭސްތައް އިތުރުވުމާއިއެކު، ކުރިން ދީފައި އޮތް ލުއިތައް މިހާރު ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އިންޑޮނޭޝިޔާގައި މިފަހަކުން ކޮވިޑް ކޭސްތައް އިތުރުވެފައިވަނީ ކޮވިޑުގެ ޑެލްޓާ ވޭރިއަންޓުގެ ސަބަބުންކަމަށް އެގައުމުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެެއެވެ.

ކިޔުންތެރިންގެ ހިޔާލު