ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ތާޢީދު ނުކުރަށްވާ ކަމަށް "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޮންލައިން ފޯރަމެއްގައި ރޭ ވާހަކަ ދައްކަވަމުން މެންބަރު އުޝާމް ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރަށް އެއްވެސް ވަރަކަށް ތާޢީދު ނުކުރަށްވާ ކަމަށާއި، ސަރުކާރު ކުރިއަށްދާގޮތާމެދު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ. އުޝާމް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލަސްވުމަކީ ރައްޔިތުން މާޔޫސްވާނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އުޝާމްގެ އާއިލީ ބޭފުޅެއް ކަމަށްވާ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ނާޒިމާއެކު އުފައްދަވަން މަސައްކަތް ކުރަށްވާ ޕާޓީއާ ގުޅޭ ގޮތުން އުޝާމް ރޭވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭނާ ދާއިރާގެ ރައްޔިތުންނަށް ވަޢުދުވެފައިވާނީ އެއްވެސް ޕާޓީއަކާއި ގުޅިވަޑައި ނުގަންނަވާނެ ކަމަށާއި، ނަމަވެސް އަމިއްލައަށް ޕާޓީއެއް އުފެއްދުމަކީ މުޅިން ތަފާތު ކަމެއްކަމަށް އުޝާމް ވިދާޅުވިއެވެ.

އޭގެ އިތުރުން ކާނަލް ނާޒިމާއި، ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒަށް ނިސްބަތްކޮށް "ބާޣީ" ގޮވަމުން ދާތީ އެކަމަށްވެސް އުޝާމް ރައްދު ދެއްވިއެވެ. ނަމަވެސް 7 ފެބްރުއަރީގައި ހިންގީ ބަޣާވާތެއް ނޫންކަމަށް ބުނަން އުޝާމް ވަނީ އިޢުތިރާޒް ކުރަށްވާފައެވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫ ތިކަމުގައި، އެއީ ބާޣާވާތެއްތޯ ނުވަތަ ނޫންތޯ ދަންނަވަން. އެއީ ނާޒިމަކީ އަޅުގަނޑުގެ ބޭބެއެއް. ދެން އެކަމަކު އަޅުގަނޑު ހިތަށްއަރާ ސުވާލަކީ، ނާޒިމާއި، ރިޔާޒް ބާޣީންނަށް ވެފައި ޢަބްދުﷲ ޝާހިދާއި ޝެއިޚް އިމްރާން ބާޣީންނަށް ނުވަނީ ކީއްވެބާއޭ؟" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އޭނާ އުފައްދަވަން މަސައްކަތް ކުރަށްވާ ޕާޓީއަށް މަޖިލީހުގެ އިތުރު ދެތިން މެންބަރަކުވެސް ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވާފައި ވާ ކަމަށާއި، ނަމަވެސް އަދި އެއްވެސް ކަމެއް ރަސްމީ ނުވާކަމަށެވެ.

މީގެ ކުރިން އުޝާމް ވިދާޅުވެފައި ވަނީ، މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ އޭނާގެ އިތުރުން ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ގުޅިވަޑައިގެން އުފެއްދުމަށް ނިންމާފައިވާ ޕާޓީއެއް ކަމަށެވެ.

އުޝާމް އުފައްދަވާ ޕާޓީއާ ގުޅިވަޑައިގަތުމަށްޓަކައި ކާނަލް ނާޒިމާއި، ޢަބްދުﷲ ރިޔާޒް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން