އޮކްސްފޯޑް ރެފެރެންސުން މާނަ ކޮއްފައިވާގޮތުން ކަލްޓް އޮފް ޕާސަނޭލިޓީއަކީ އިންތިހާ ދަރަޖައަށް ވަކި މީހަކަށް ޝައުގުވެރިވެ، ބަރޯސާވެ، ލޯބިވެ، އެމީހަކަށް ގޯހެއް ނުހެދޭނެ ކަމަށް ޤަބޫލުކުރާ ވަރަށް އިތުބާރުކުރުމެވެ. މި ލަފްޒު އާންމުކޮށް ބޭނުން ކުރަނީ ސިޔާސީ ލީޑަރުންނަށް ނިސްބަތް ކޮށެވެ. 26 އޮގަސްޓް 2020 ގައި ޑރ. އާޓެމް ޗެޕްރަސޮވް ލިޔުއްވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ކަލްޓް އޮފް ޕާސަނޭލިޓީ އުފައްދާ މައިގަނޑު ގޮތް ތަކަކީ، ވަކި މީހަކީ އާދަޔާ ޚިލާފު، މޮޅު، ރައްޔިތުންދެކެ ލޯބިވާ، އެންމެންގެ ތައުރީފު ހައްޤު، އެންމެންވެސް ލޯބިވެ، އިހްތިރާމް ކުރަންޖެހޭ މީހެއްގެ ގޮތުގައި، ޕްރޮޕަގެންޑާއާއި މާސް މީޑިއާ ބޭނުންކޮށްގެން ރައްޔިތުންނަށް ދައްކައިދީގެން ކަމަށެވެ.

ބިހޭވިއޯރަލް ހެލްތް އެކްސްޕާޓެއް ކަމަށްވާ ޑރ. ވެންޑީ ބޯރިންގބްރޭ ރިވިއު ކުރައްވާފައިވާ ލިއުމެއްގައި ފާހަގަ ކުރައްވާފައިވާގޮތުން މިފަދަ ލީޑަރުން އުފެއްދުމުގައި މީޑިއާގެ ދައުރުވަރަށް ބޮޑެވެ. ނާޒީ ޖަރމަނީ އަދި ސޯވިއެޓް ޔޫނިއަންގައި ކަލްޓް އޮފް ޕާސަނޭލިޓީ އުފެއްދުމުގައި މީޑިއާގެ ރޯލު ވަރަށް ބޮޑުކޮށް ފެނިފައިވާކަމަށްވެއެވެ. ނަމަވެސް އެމެރިކާގައި މީޑިއާގެ ހިއްސާ މިއަށްވުރެ ކުޑަކަމަށް މި ލިއުމުގައި ފާހަގަ ކުރައްވާފައިވެއެވެ.

14 މޭ 2021 ގައި ވޮޝިންގޓަން ޕޯސްޓް ގައި ބްރަޔަން ކްލާސް ޝާއިރު ކުރައްވާފައިވާ ލިޔުމެއްގައި ބުނާގޮތުން ސިޔާސީ ޕާޓީ ތަކުގައި ކަލްޓް އޮފް ޕާސަނޭލިޓީ މައްސަލައަކަށްވެ، ޑިމޮކްރަސީއަށް ހުރަސް އަޅާ ހިސާބަށްގޮސް، ޚުދުމުޚްތާރުކަމަށް ބަދަލުވާން ފެށުމުގެ 2 އަލާމާތެއްވެއެވެ. ފުރަތަމަ ކަމަކީ، ޕާޓީގެ މެންބަރަކު ސައްހަ މެންބަރެއްކަމުގައި ޕާޓީން ބަލައިގަންނަނީ، އެމީހަކު އާންމުންގެ ތެރޭގައި، ފާޅުގައި، މިފަދަ ލީޑަރުންނަށް ސަނާކިޔާ އޭނާގެ މޮޅުކަމުގަ ވާހަކަ ދެއްކީމާ އެކަނި ކަމުގައިވުމެވެ. ދެވަނަ ކަމަކީ، ލީޑަރު ދައްކަވާ ވާހަކައެއް، އެއީ ހަޤީގަތް ނޫންކަމުގައިވިޔަސް، ތަކުރާރުކޮށް އެހެންމީހުންނަށް ކިޔައިދީ، އާ ބަސް ނުބުނާކަމައްވަންޏާ، އެމީހަކަށް އަދަބުދޭ ހިސާބަށް ކަންކަން ދިއުމެވެ.

ބަރަޔަން ކްލާސް ފާހަގަ ކުރައްވާ ގޮތުގައި މިހިސާބަށް ކަންކަން ދިޔައިމާ ކަލްޓް އޮފް ޕާސަނޭލިޓީ އެވަނީ ކޮންޓްރޯލުން ނައްޓާފައެވެ. މިކަން މިހާހިސާބަށް ދިއުމުން ޕާޓީ ތެރޭގައި އޮންނަންޖެހޭ ޑިމޮކްރަޓިކް އުސޫލުތަކަށް ހިޔަނި އެޅެއެވެ. މީހުން ޚިޔާލު ފާޅުކުރަން ބިރުގަނެ، ބަސްބުނުން ހުއްޓާލައެވެ. ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފަށް، ޕާޓީތެރެއިން ކުރިއެރުން ހޯދުމަށް ލީޑަރަށް ސަނާ ކިޔަންފަށައެވެ. މިހާ ހިސާބުން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ލީޑަރުބުނާގޮތް އެކަނިކަމަށްވެ، އެޔާދެކޮޅުހަދާ މީހުން ބާކީވެ، ލީޑަރު ޚުދުމުޚުތާރު ވެރިއަކަށް ބަދަލުވެގެން ދެއެވެ.

މީގެ މިސާލެއްގެ ގޮތުގައި އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ލީޑަރޝިޕުން ލިޒް ޗެއިނީ ވަކިކުރިކުރުން ބްރަޔަން ކްލާސް ފާހަގަ ކުރައްވާފައިވެއެވެ. އޭގެ 2 ސަބަބެއްކަމަށް ފާހަގަ ކުރައްވާފައިވަނީ، ފުރަތަމަކަމަކަށް އެމެރިކާގެ ކުރީގެ ރައިސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އެކަމަނާ ވާހަކަދައްކާފައިވުމާއި، ދެވަނަކަމަކަށް 2020ގެ ރިޔާސީ އިންތިޚާބާ ގުޅިގެން ޓްރަންމްޕް ދައްކަވާފައިވާ ވާހަކަތައް އެކަމަނާ ދޮގުކުރެއްވިކަމެވެ. ލިޔުންތެރިޔާވަނީ ކަލްޓް އޮފް ޕާސަނޭލިޓީ ގެ ސަބަބުން ޕޮލަންޑްގެ ޑިމޮކްރަސީއަށް ވެގެން ދިޔަގޮތް ވެސް ފާހަގަ ކުރައްވާފައެވެ.

ވަކި ގްރޫޕަކީ ކަލްޓެއްތޯ ބެލުމަށް އެމެރިކާގެ ސައިކޮލޮޖިސްޓެއްކަމައްވާ ޑރ. މައިކަލް ޑީ ލެންގޯން 12 ސިފައެއް ފާހަގަ ކުރައްވާފައިވެއެވެ. އެސިފަތަކަކީ:-

1- ގްރޫޕަކުން، ސުވާލުކުރުމަކާ ނުލާ، އިންތިހާދަރަޖައަށް އެބައެއްގެ ލީޑަރަށް ތަބާވެ، އޭނާ ދައްކާހާ ވާހަކައަކާ، ޤަބޫލުކުރާހާ ކަންކަމަކީ ތެދުކަމަށް ޤަބޫލު ކުރުން.

2- ސުވާލު ކުރުމާއި، ކަންބޮޑުވުން ފާޅުކުރުމާއި، ޚިޙިޔާލު ތަފާތުވުން ބަލައިނުގަތުމާއި އެކަމަށް އަދަބު ދިނުން.

3- ސިކުނޑިއާ ކުޅެލާ ފަދަ ޓެކްނިކްތައް (މިސާލަކަށް އެކައްޗެއް އަޑުދަށުން ގިނަގިނައިން ކިއުން، އެއް މަންޒަރުތަކެއް ގިނަގިނައިން ދެއްކުން) ބޭނުން ކޮށްގެން އެބައެއްގެ ލީޑަރަކާ ދޭތެރޭ ނުވަތަ ގްރޫޕަކާ ދޭތެރޭ ހުންނަ ކަންބޮޑުވުންތައް އޮއްބާލަން މަސައްކަތް ކުރުން.

4- އެގްރޫޕަކީ ވަރަށް ގަދަ، ތަފާތު ބައެއްކަން ދައްކައި، ގްރޫޕް ނުވަތަ ގްރޫޕްގެ ލީޑަރަކީ މާ މަތިވެރި ބައެއްކަމަށް ނުވަތަ މީހެއްކަމަށް ދައްކާ އެމީހުންގެ މަޤްސަދަކީ އިންސާނިއްޔަތު ސަލާމަތް ކުރުން ކަމަށް ދެއްކުން.

5- ގްރޫޕުގެ ވިސްނުމަކީ ވަކި އަތަކަށް ޖެހި، އަބަދުވެސް "އެމީހުންނާ ދެކޮޅަށް އަހަރުމެން" މި ވިސްނުން ގެންގުޅުން. މީގެ ސަބަބުން މުޅި މުޖްތަމައުގައި ހަމަނުޖެހުން އުފެދުން.

6- ގްރޫޕްގެ ލީޑަރު އެއްވެސް ބަޔަކަށް ޖަވާބުދާރީވާން ނުޖެހުން.

7- ގްރޫޕުން ދަސްކޮއްދޭނީ ކޮންމެކަމެއް ކޮށްއްގެންވެސް އެމީހުން ބޭނުންވާ ނަތީޖާއެއް ހާސިލްކުރުމަށް. އަދި އެ ނަތީޖާ ހާސިލްވަނިކޮށް، އެކަމަށްވާސިލްވާން ކުރާކަންކަން (ކިތަންމެ ގޯސްކަމެއް ކަމުގައި ވިޔަސް) މުހިންމު ނޫންކަމަށް. މީގެ ސަބަބުން ގްރޫޕާ ބައިވެރިވުމުގެ ކުރިން ގޯސްކަންތައްތައް ކަމަށް ތިމާ ދުށް ކަންތައްތައް ފަހުން ގޯސްނުވުން.



8- ގްރޫޕަށް މެންބަރުން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއްދިނުން.

9- ގްރޫޕަށް ފައިސާހޯދުމަށް ޚާއްސަ ސަމާލުކަމެއްދިނުން.

10- ގްރޫޕުގެ މެންބަރުންނަށް ހަމައެކަނި އެގްރޫޕުގެ މެންބަރުންނާ އެއްކޮށް އުޅުމަށް، އަދި ރަހުމަތްތެރިކަން ބޭއްވުމަށް ހިއްވަރުދިނުން.

11- ގްރޫޕުން ޚަރަދުކުރާގޮތުގެ ތަފްސީލް ހާމަކަން ބޮޑުގޮތެއްގައި، ހަރުދަނާ އުސޫލު ތަކުގެ ތެރެއިން ހާމަ ނުކުރުން.

12- ގްރޫޕުގެ މެންބަރުންނަށް އަބަދުވެސް ކޮންމެސް ބަޔަކު، ގެއްލުމެއްދޭން އުޅޭކަމަށް، ނުވަތަ ރާވާކަމަށް ހީކުރެވި، ބިރުން ތިބުން.

26 ޖެނުއަރީ 2018 ގައި ވެސް މެސަމޯ އައި.ވީ.އެން ނެޓްވަރކް ގައި ލިޔުއްވާފައިވާ ލިޔުމެއްގައި، އެމެރިކާގެ އެންމެ ބޮޑު 2 ސިޔާސީ ޕާޓީން މި ކަލްޓް ސިފަތައް ފެންނަމިންވަރު ދިރާސާކޮށް އަޅާކިޔާފައިވެއެވެ.

ދިވެހިން ޑިމޮކްރަސީއާ ދިމާލަށް މިކުރާ ދަތުރުގައި ކަލްޓް އޮފް ޕާސަނޭލިޓީ އަޅުގަނޑުމެންގެ ތެރޭގައި ކިހާވަރަކަށް އެބައޮތްތޯ އަދި ޑިމޮކްރަސީއަށް ހިޔަނި އެޅޭމިންވަރަށް މިކަން ގޮސްފައިވޭތޯ ވިސްނާ ފިކުރުކުރަން އެބަޖެހެއެވެ. ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގައި މަތީގައިވާ ކަލްޓްގެ ސިފަތައް ކިހާވަރަކަށް އެބަހުރިތޯ މީ ރައްޔިތުން ވިސްނާ ފިކުރުކުރަންޖެހޭ ކަމެކެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ ޕާޓީތަކުގެ ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުންނާއި ޕާޓީތަކުގެ މެންބަރުންގެ ޒިންމާއެކެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ވަކި މީހެއްގެ މައްޗަށް ބިނާކޮށް ނުވަތަ ބަރޯސާ ވެގެން ހަރުދަނާ ސިޔާސީ ނިޒާމެއް ޤާއިމެއް ނުކުރެވޭނެއެވެ. ސިޔާސީ ނިޒާމް ހަރުދަނާ ކުރެވޭނީ ސިޔާސީ ޕާޓީތައް ހަރުދަނާ ކޮށްގެންނެވެ. މިކަން ކުރުމަށްޓަކާ ޕާޓީ ތަކުގެ ހިންގާގަވާއިދުތައް ހަރުދަނާ ކުރަން ޖެހެއެވެ. އަދި މިފަދަ އުސޫލު ތަކަކީ ހަމައެކަނި ކަރުދާހުގައި އޮންނަ އެއްޗަކަށް ވެގެންނުވާނެއެވެ. ޕާޓީ ހިނގަމުން ދަނީ ޕާޓީގެ އަސާސީ ޤަވައިދާއެއްގޮތަށްތޯ ބަލާ މިކަމަށް ޕާޓީގެ އާންމު މެންބަރުން ފާރަވެރިވާން ވާނެއެވެ. އަދި ޕާޓީ ތަކުގެ ނިންމުންތައް ނިންމުމުގައި ގިނަބައެއްގެ ބައިވެރިވުން އޮތުމަކީވެސް އެހާމެ މުހިންމު ކަމެކެވެ.



ޕާޓީ ތަކުގެ ވެރިން ބަދަލުވާނެކަމާއި ޤައުމުގެ ވެރިން ބަދަލުވާނެކަން މީ ބަލައިގަންނަންޖެހޭ ހަޤީގަތެކެވެ. އެއްވެސް ޕާޓީއަކީ ވަކިމީހަކު ކަމުގައި ދެކުމާ، އެމީހާއާ ނުލާ ޕާޓީ ނޯންނާނެ ކަމަށް ދެކުމަކީ ކަލްޓް ވިސްނުމެކެވެ. ވެރިކަން ކޮށްފައިވާ ފަރާތްތަކުން އަލަށް ވެރިކަމަށް އަންނަ މީހުންނަށް ވެރިކަން ކުރުމުގެ ޖާގަ ދޭންއެބަޖެއެހެއެވެ. ރާއްޖޭގެ ޤާނޫނުއަސާސީގައި ކޮންމެ މީހަކަށް ވެސް ވެރިކަން ކުރެވެން މި އޮންނަނީ ގިނަވެގެން 5 އަހަރުގެ 2 ދައުރަށެވެ. 2 ދައުރު ހަމަކުރުމަށްފަހު އެމީހަކު ސިޔާސީ ޕާޓީ ހިންގުމާ ދުރައްދާން އެބަޖެހެއެވެ. އަދި އެމީހަކާނުލާ ޕާޓީ ނޯންނާނެ ކަމަށް ރައްޔިތުން މިދެކޭދެކުން ބަދަލުވާން އެބަޖެހެއެވެ.

ބަރަކް އޮބާމާއަކީ އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންނާ ސަޕޯޓަރުން ވަރަށް ލޯބިވި ރައީސެކެވެ. ނަމަވެސް އޭނާގެ 2 ދައުރު ހަމަކުރުމަށްފަހު ރީތިކޮށް ދުރައްޖެހިލިއެވެ. އޭގެ ބަދަލުގައި ޓްރަމްޕް ރިޔާސީ އިންތިޚާބުން ބަލިވުމުން އަމަލު ކުރެއްވިގޮތުން މިއަދު ރިޕަބްލިކަން ޕާޓީ ކަލްޓަކަށް ބަދަލުވެގެން ގޮސްފައިވާކަމަށް، އަދި އޭނާއަކީ ކަލްޓް ޕާރސަނޭލިޓީއެއްކަމަށް، ނޫސްތަކުގައި ލިޔަމުން އެބަދެއެވެ. މިއިން ފެނިގެން މިދަނީ ޕާޓީއެއް ހަލާކު ކޮށްލުމުގައި ނުވަތަ ރަނގަޅުގޮތުގައި ދެމެހެއްޓުމުގައި ޕާޓީތަކުގެ ލީޑަރުންގެ މުހިއްމު ދައުރެވެ. މީ ދިވެހިން ވިސްނާ ފިކުރުކުރަން ޖެހޭ ކަންކަމެވެ.

ރަނގަޅަށް ހިނގާ ސިޔާސީ ވެއްޓެއްގައި ޕާޓީގެ ފިކުރު ޤައުމީ މަސްލަހަތައްވުރެ ބޮޑުވެގެން ނުވާނެއެވެ. ޕާޓީތައް އުފެދިފައި މިވަނީ ޤައުމުގެ ކަންކަން ރަނގަޅު ކުރުމަށެވެ. ވީމާ ޕާޓީތަކުގެ ވިސްނުން ވާންޖެހެނީ ޤައުމީ އެއްބައިވަންތަކަން ވެސް ހިފެހެއްޓޭ ވިސްނުމަކަށެވެ. ތިމާގެ ޕާޓީ ނޫން ކޮންމެ މީހަކީ ތިމާގެ ހަތުރެއް ކަމުގައި ދެކޭކަށް ނުޖެހެއެވެ. މިހެން ދުށުމަކީ ކަލްޓް ސިފައެކެވެ.

ރާއްޖޭގައި އޮތް މައިގަނޑު 2 ސިޔާސީ ޕާޓީގައިވެސް ކަލްޓްގެ ސިފަތައް ހުރިކަން މީ ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ. މީގެ ސަބަބުން ޤައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން އެބަދެއެވެ. މައިގަނޑު ގޮތެއްގައި، ރައްޔިތުންގެ މެދުގައި އޮންނާންޖެހޭ ޤައުމިއްޔަތުގެ ރޫޙާއި އެކުވެރިކަމުގެ ވިސްނުމަށް މީގެ އަސަރު އެބަ ކުރެއެވެ. ތިމާގެ ޕާޓީން ނޫނީ ޤައުމަށް ފައިދާހުރި ކަމެއް ނުކުރާނެ ކަމުގެ ވިސްނުމާއި، ތިމާގެ ޕާޓީނޫން އެހެން ޕާޓީތަކުން އަބަދުވެސް އުޅޭނީ ޤައުމަށް ބޮޑެތި ގެއްލުންތައްދޭންކަމަށް ޤަބޫލު ކުރާ ކުރުމަކީ ކަލްޓް ސިފައެކެވެ. މީގެ ސަބަބުން ޕާޓީތައް ގުޅިގެން ޤައުމައްޓަކާ މަސައްކަތް ކުރަން ޖެހޭ ހާލަތްތަކުގައިވެސް އެކަން އޮންނަނީ ނުކުރެވިފައެވެ.

އެއްބަޔަކު އަނެއްބަޔަކަށް ނަފުރަތު އުފެދޭގޮތަށް ވާހަކަދައްކާ، ރައްޔިތުންގެ މެދުގައި އިންތިހާއަށް ރުޅިވެރިކަން އިތުރުވުމުން، ޕާޓީތައް އޮވެގެން ޤައުމަށް ލިބެން ޖެހޭ ފައިދާގެ ބަދަލުގައި، މުޅި ޤައުމަށް ލިބިގެން ދަނީ ބޮޑެތި ގެއްލުމެވެ. ނަފުރަތު އުފެއްދުމުގެ ބަދަލުގައި ކަންކަން ރަނގަޅު ކުރުމަށް، މިނިވަން ކަމާއެކު، ބިނާކުރަނެވި ޚިޔާލު ފާޅުކުރާ ބަޔަކަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވާންއެބަޖެހެއެވެ. އަދި ޕާޓީތަކުގެ ލީޑަރުން ޕާޓީތަކުގެ އާންމު މެންބަރުންނަށް ދަސްކޮއްދޭންޖެހެނީ މިފަދަ ޚަރުދަނާ އުސޫލުތަކެވެ.

އަޅުގަނޑުމެންގެ މުޖްތަމަޢުގައި މިހާރު ހިނގާ ބިރުވެރި، އަނިޔާވެރި ހާދިސާތަކަށް ބަލާއިރު، ބޮޑުމީހެއް ކުޑަކުއްޖެއް ބެލުމެއްނެތި، މީހުންވެސް މަރަނީއެވެ. ޤާނޫނުތައް ތަންފީޒުކުރުމަށްވެސް އެތައް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސްވެރިންގެ ކިބައިން ހިއްވަރުލިބިގެން، ކުއްކުރާމީހުން ހިމާޔަތްވެތިބެ، މުޖްތަމައުގައި ކުށްކުރަމުން ގެންދާވާހަކަ، މިއީ ފުލުހުން ރައްޔިތުންގެ މަޖިލީހުގައިވެސް ކަންބޮޑުވުމާއިއެކު ދައްކާފައިވާ ވާހަކަ ތަކެކެވެ. ސިޔާސީ ބާރުވެރިކަން ހޯދުމަށް، މުޖުތަމަޢަށް ވާނެ ގެއްލުމެއް ބެލުމެއްނެތި، އިޖްތިމާއީފޭރާން ވީދާ ކުދި ކުރަމުން ދިއުމުގެ ނަތީޖާ ދިވެހިންނަށް މިއަދު ފެންނަމުން މިދަނީ ވަރަށްވެސް ހިތިކޮށެވެ.

ސިޔާސީ ޕާޓީ ތަކަކީ މިކަންކަން ހައްލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނެ ފަރާތްތަކެވެ. ނަފުރަތު އުފެއްދުން ހުއްޓާލާ، ޤައުމީ ރޫހު އާލާކޮށް، އެއްބައިވަންތަކަން އިސް ކުރުމަށް ގޮވާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށެވެ.

މިރާއްޖެއަކީ ދިވެހިންނަށް އަމާން، އުފާވެރިކަމާ ފާގަތިކަން ލިއްބައިދޭ، އެކަކު އަނެކަކުދެކެ ލޯބިވާ، އިހްތިރާމްކުރާ ރައްޔިތުން ދިރިއުޅޭ، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ޤާއިމްވެފައިވާ ޤައުމެއް ގޮތުގައި މާތް ﷲ ލައްވާށި. އާމީން.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން