ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަމްފަރު، މޯނިންސަން، މިސްބާހް މުހައްމަދު ރާއްޖެ އައުމާއެކު ހައްޔަރުކޮށް ޖަލަށް ގެންގޮސްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މޭ 14 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މިސްބާހް މިއަދު މާލެ އައިސްފައިވާ ކަމަށެވެ. އަދި އޭނާ މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކަރެކްޝަންސްއާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.

މިސްބާހް ކަރެކްޝަނާ ހަވާލު ކޮށްފައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމަށް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. ފުލުހުން ބުނީ، މިސްބާހް ޕާކިސްތާނަށް ދިއުމާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން ދާނެ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދާ މިސްބާހު ޕާކިސްތާނުގައި ހުރީ މަސްތުވާތަކެތީގެ މުއާމަލާތެއްގައި ޕާކިސްތާނުގައި "ގެރެންޓަރ" އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ވާހަކަތައް މިސްބާހު ވަނީ ދޮގުކޮށްފައެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރޭ 22:13 ގައި ފްލައި ދުބާއީގެ 1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް މީހުންނާއި މިސްބާހާއި ގުޅުމެެއްވާކަން ފުލުހުން ހާމަކޮށްފައިވަނީ އޭނާ ގެއްލިގެން ހޯދަމުންދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން