ޑރ. ފައުޗީ
ޑރ. ފައުޗީ
ކޮރޯނާވައިރަހާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާއިން އެކުލަވާލާފައިވާ ޓާސްކްފޯސްގައި ހިމެނޭ އިސް 3 އޮފިޝަލަކު ކަރަންޓީނުކޮށްފިއެވެ.

ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޓާސްކްފޯސްގެ މި މެންބަރުން ކަރަންޓީނުކޮށްފައިވަނީ ކޯވިޑް-19 ޖެހިފައިވާ މީހަކާއި ބައްދަލުވެފައިވާތީ ހޮނިހިރުދުވަހުގައެވެ. އެގޮތުން ކަރަންޓީނުކޮށްފައިވަނީ ޑރ. އެންތަނީ ފައުޗީއާއި، ރޮބަރޓް ރެޑްފީލްޑާއި، ސްޓީވެން ހާހުންއެވެ.

އުމުރުން 79 އަހަރުގެ ޑރ. އެންތަނީ ފައުޗީއަކީ، އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަރާތެވެ. އަދި ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި ޕޮޒިޓިވްވި ފަރާތާއި ބައްދަލުވި ގޮތައް ބަލާއިރު ޑރ. ފައުޗީއަކީ ހައި ރިސްކް ބޭފުޅެއް ނޫންކަމަށެވެ. އެހެންނަމަވެސް ޑރ. ފައުޗީވެސް ވަނީ ބައްޔަށް ޓެސްޓުކޮށްފައެވެ. މި ޓެސްޓުން ޑރ. ފައުޗީ ވައިރަހަށް ނެގެޓިވްވެފައިވާއިރު، ދެން ކޮންމެ ދުވަހަކުވެސް ބައްޔަށް ޓެސްޓުކުރަމުން ގެންދާނެކަން ވައިޓް ހައުސް އިން ވަނީ ހާމަކޮށްފައެވެ.

ދެން، ކަރަންޓީނުކޮށްފައިވަނީ، އެމެރިކާގެ ސެންޓަރ ފޮރ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީޑީސީގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އުމުރުން 68 އަހަރުގެ ރެޑްފީލްޑް އެވެ. އަދި ވައިޓް ހައުސް އިން ޕޮޒިޓިވްވި ފަރާތާއި ބައްދަލުވެ ލޯ ރިސްކް މީހުންގެ ތެރޭގައި ހިމެނުނުނަމަވެސް، ކުރިއަށް އޮތް ދެހަފްތާގެ މުއްދަތަށް ރެޑްފީލްޑް މަސައްކަތް ކުރައްވާނީ އޮންލައިންކޮށެވެ. ވައިޓް ހައުސް އިން ނެރުނު ބަޔާނުން ހާމަވާ ގޮތުގައި ރެޑްފީލްޑްގެ ހާލު ރަނގަޅެވެ. އަދި އޭނާގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.

ހަމައެއާއެކު، މި މުއްދަތުގެ ތެރޭގައި ކޮންމެހެން ވައިޓް ހައުސްއަށް ދާން ޖެހިއްޖެނަމަ، ސީޑީސީއިން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރެޑްފީލްޑް މަސައްކަތަށް ނުކުންނަވާނެކަމަށް ސީޑީސީއިން ވަނީ ބުނެފައެވެ.

ތިންވަނަ އަށް ކަރަންޓީނުކޮށްފައިވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެފްޑީއޭގެ ކޮމިޝަނަރގެ ގޮތުގައި ހުންނެވި އުމުރުން 60 އަހަރުގެ ސްޓީވެން ހާހުން އެވެ. ހާހްން ކަރަންޓީނަށް ގޮސްފައިވަނީ ބަލިޖެހިފައިވާ މީހަކާއި ބައްދަލުވުމުން ނިމިދިޔަ ހަފްތާގައިކަމަށް އެފްޑީއޭއިން ރޮއިޓަރސްއަށް މައުލޫމާތު ދީފައިވެއެވެ. އެފްޑީއޭއިން ބުނީ ހާހްން ކޯވިޑް-19 އަށް ޓެސްޓުކުރުމުން ނެގެޓިވްވެފައިވާކަމަށެވެ.

3 މެންބަރުންވެސް ކަރަންޓީނުވެފައިވަނީ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ސެނެޓް ކޮމިޓީއަކަށް ހާޒިރުވެ އެމެރިކާގެ ސަރުކާރުން ސްކޫލްތަކާއި ވިޔަފާރިތަށް ހުޅުވުމަށް ނިންމާފައިވާ އުސޫލުތަކާއި ބެހޭގޮތުން ޖަވާބުދާރީވުމަށް ތާވަލުކޮށްފައިވަނިކޮށެވެ.

4 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކޯވިޑް-19 އަކީ ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ބަލީގެ ނުރައްކާ ބޮޑު ބައްޔެކެވެ. އެމެރިކާއިން މިބަލީގައި މަރުވާ ކޮންމެ 10 މީހުންގެ ތެރެއިން 8 މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. އެގައުމުން މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އަދި އެގައުމުން 1.34 މިލިއަން މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން