ކުރީން ވެސް ނަގައިގެން އުޅެނީ 10 ޖީބީ ޑޭޓާއެވެ. މިހާރުވެސް ހަމަ 10 ޖީބީ ޑޭޓާއެވެ. ކުރިން ވެސް ޑޭޓާކޮޅު ކައި ހުސްކޮށްލީމާ ގަންނަނީ ބޫސްޓް ކިޔާ އެއްޗެކެވެ. އޭރުވެސް އެގޮލާ އަޅާލީމާ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތްދޭ މައި ދެކުންފުނިން ވެސް ހަމަ ހަދަނީ އެއްގޮތެކެވެ. އެގޮލާ މާ އަވަހަށް ކައި ހުސްކޮށްލަނީއެވެ. މިހާރު ގޭގެ ސިޓިންގ ރޫމްގައި އިންނަ އެބުނާ ބްރޯޑް ބޭންޑް ފައިބަރަށް "މަޖުބޫރު ކޮށްގެން" އެތިކޮޅެއް އިތުރުކޮށްލުމުން އެގޮލާއަށް ބޫސްޓަރ ޑޯޒް ދޭކަށް ނުޖެހެއެވެ. އެކަމަކު އަތުގައި އޮންނަ ފޯނުގަނޑުގައި އިންނަ ޑޭޓާކޮޅު ހީވަނީ ހަމަ ލޮނދި ހިކައެއް ހެންނެވެ. ސަރުކާރުން މަޖުބޫރު ކޮށްގެން ނޫނީ ރައްޔިތުން ބަވާ ވަރުން މަޖުބޫރުވެގެން ސިޓިންގ ރޫމަށް އިތުރުކޮށްލި އެތިކޮޅު މޮބައިލް ޑޭޓާކޮޅުން ކަނޑާ ހުސްކޮށްލަނީ ތިޔަހެނެއް ނޫނެވެ. ހަމަ ފެލާ ހުސްކޮށްލަނީއެވެ.

މިއީ އަޅުގަނޑު ދައްކާ ޚިޔާލީ ވާހަކައެއް ނޫނެވެ. ކުރީގައި އަޅުގަނޑު ތަޖުރިބާ ކުރި ކަމެއްވެސް ނޫނެވެ. ނަމަވެސް އަޅުގަނޑުވެސް އޫރީދޫގެ މައިފައި އަކާއި ދިރާގުގެ އެކިޔާ އަމިއްލަ ޕެކޭޖް އަޅާލީމާ އަޅުގަނޑުގެ އެކުވެރިއަކު ކިޔައިދިން ގޮތަށް އޭނާއެދައްކަނީ ހަމަ ތެދު ހަގީގަތްކަން ކަށަވަރުވެއްޖެވެ. މިހާރު އުރީދޫގެ މައިފައިއަށް ވިއްސަކަށް ދުވަހުގެ ތެރޭގައި ތިން ހާސް ރުފިޔާއާއި ގާތްކުރާ ވަރަށް ޑާޓާ އަޅައިފީމެވެ. 10 ޖީބީ އަލާލީމާ ބަރާބަރު ތިން ދުވަސް ވެސް ނުވެއެވެ. ހަފުތާއަކުން 30 ޖީބީ "ޚަތަމް" ވެއެވެ. އެހާވެސް ލޮންޖެވެ. ހަމަ ޖައްސާލީ ހުސްވީއެވެ. މިއަށް ދެން ދިރާގާ އުރީދޫއިން ރައްޔިތުން ފެލަނީއޭ ނޫން ދެން އެހެން އެއްޗެއް ކިޔޭނެ ހެއްޔެވެ.

މަލީހު ބޭރުކޮށް ޝައުނާ އެތަނަށް ލުމާއެކު ސިޓިންގ ރޫމުގައި އިން ބްރޯޑް ބޭންޑްގެ ފައިބަރުގެ ޑޭޓާ އިތުރުކޮށްލައިދީފިއެވެ. އެއަށްފަހު ގޭ ކުދިވެރިން މިހާރު އެހާ ވަރަކަށް ޝަކުވާއެއް ނުކުރެއެވެ. ޝައުނާ ވިދާޅުވަނީ ނޮވެންބަރުގައި އަތުގައި އޮތް ފޯނުގަނޑުގެ އެއްކަލަ ޑޭޓާ ކޮޅުވެސް ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ. އެކަމަކު އެދުވަސް އަންނަން ވާއިރަށް ރައްޔިތު މީހާ ފެލާ ހުސްކޮށްލީމާ ދެން ހަދާނެ ގޮތެއްވެސް ނޯންނާނެ ތާއެވެ؟

މިއީ ހަމަ އަޖާއިބެއް ކަހަލަ ކަމެކެވެ. ޑޭޓާ ވިއްކައިގެން މިވެރިން ކައިނަގަނީއެވެ. ރައްޔިތުން ހަނާވެ ނިމިއްޖެއެވެ. ދެން މިހާރު އޮތް ގޮތަކީ ނެޓްކޮޅެއް ބޭނުމިއްޔާ ގެއަށް އައިސް ވަނުމެވެ. އެހެން ނޫނީ އެއަށް އިތުރުކޮށްލި އެތިކޮޅު އަތުގައި އޮންނަ މޮބައިލް ޑޭޓާއިން ކަނޑާކަނޑާ، ހަމަކޮށްލަނީއެވެ. މި ދެކުންފުނިން ދިވެހިރައްޔިތުންނަކަށް ހެއުގޮތެއް ހިލާ ހަދައެއް ނުދޭނެއެވެ. އުރީދޫއަކީ ސައްތައިން ސައްތަ ބޭރު ކުންފުންޏެކެވެ. ދިވެހި ރައްޔިތެއްގެ ނަމުގައި އެއްޕަސެންޓް ހިއްސާ އޮންނަ ކަމަށް އަޑުއިވެއެވެ. އެކަމަކު އެކުންފުނިން ދިވެހީން ފެލައިގެން ދައުލަތަށް އެތިކޮޅެއް ދައްކާފައި މުސާރަކޮޅު ދީފައި ދެން ހުންނަ ހުރިހާ ފައިސާއެއް އެގެންދަނީ ގައުމުން ބޭރަށެވެ. އަބަދުވެސް ކުންފުނީގެ ބޮޑަކަށް ހުންނަވަނީ ބޭރު މީހެކެވެ. ނަންވާނީ ހައިވަކަރު އޮޑިއޭ ބުނާހެން، ނަންވާނީ ޖީއެމްއާރެވެ.

ދެން އޮތީ ދިރާގެވެ. ރައްޔިތުން ފެލައިގެން ބޮޑު ފައިދާ ނަގައިގެން ދައުލަތުގެ ބަޖެޓަށް ބޮޑު އެއްޗެއް ލައިދޭތީ މާލީ ވަޒީރު އެހުންނަވަނީ ދަތްމައްޗަށް ތުންނާރައެވެ. އެބުނާ އެތަނުގައި އޮންނަ ބޯޑު މެންބަރުންނަށް ބޯކޮށް ލިބޭތީ އެވެރިން އެތިބެނީ އަބަދު ހެވިފައެވެ. ތަނުގެ ވެރިން އެތިއްބަވަނީ ބޯކޮށް އިނާޔަތާއި ބޯނަސް ލިބޭތީ އުފަލުން ހެވި ދިލިފައެވެ. ހުރިހާ ހިތްދަތިކަމެއް ނިކަމެތި ރައްޔިތުންނަށެވެ.

އަޅެ ޢިއްޒަތްތެރި ވަޒީރު ނިކަން ވިދާޅުވެ ބައްލަވާށެވެ. ޕެކޭޖު ހުސްވީމާ އެކިޔާ ބޫސްޓެއް ގަތީމާ އޭތި ރާސްޓަސް ލާފައި ހުސްވެގެން އެދަނީ އޭތި އެޅީމާ ޑޭޓާ މިނާ ފުރޭނީގެ ވިދުތައް ބޮޑުކޮށްލަނީތޯއެވެ؟ ނޫނީ އެގެންގުޅޭ ޑޭޓާ ބަލާ ކަށިގަނޑު ހަލާކުވަނީ ތޯއެވެ؟ މިވާގޮތެއް ވަޒީރު ފާރަލައްވައިގެން ވެސް ބައްލަވައިދެއްވައިފި ނަމަ ވަރަށް ވެސް ހެއުފުޅެވެ. ނޫނީ މިވެރިން މިހަދާ ހިންތާއެއް ވަޒީރު ފާރަވެރިވެގެން ވެސް ދިވެހި ރައްޔިތުންނަށްޓަކާ މިކަން އެބަ ބައްލަވައިދެއްވަން ޖެހެއެވެ. އެހެން ނޫނީ އަޅުގަނޑު މިވާހަކަ ދެއްކުން ހުއްޓައެއް ނުލާނަމެވެ. ހަމަގައިމުވެސް ދިރާގާ އުރީދޫއަކަށް ލާރިކޮޅެއް ދީފައި އަޅުގަނޑުގެ އަނގަޔަކު މަލަމެއް ނޭޅޭނެއެވެ. ކިތަންމެ ބޯކޮށް ދިނަސް ދިވެހި ރައްޔިތުން ފެލުން ހުއްޓާ ނުލަނީހެއް ދެން މިވާހަކަ ހުއްޓައެއް ނުލާނަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން