ކޮވިޑް ވެކްސިނުގެ ތިންވަނަ ޑޯޒެއް އެންމެންނަށް ދޭން ނުޖެހޭނެކަމަށް ވެކްސިން އުފެއްދުމުގައި ހަރަކާތްތެރިވި ޕްރޮފެސަރެއް ހާމަކޮށްފިއެވެ.

އޮކްސްފޯޑް އަދި އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ތައްޔާރުކުރުމުގައި ހަރަކާތްތެރިވި ލީޑް ސައިންޓިސްޓް، ޕްރޮފެސަރ ޑޭމް ސާރާ ގިލްބާޓް މިކަން ހާމަކޮށްފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ކޮވިޑް ވެކްސިނުގެ ތިންވަނަ ޑޯޒެއް ދިނުމަށް އަވަސްވެގަތުމުގެ ބަދަލުގައި ވެކްސިން ނުލިބޭ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަަށް އިސްކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ޕްރޮފެސަރ ސާރާ ގިލްބާޓް ހާމަކޮށްފައިވާ ގޮތުގައި ވެކްސިން ޖެހުމަށްފަހު އަހަރު ދުވަސް ފަހުން ހެދި ތަހުލީލުތަކުންވެސް ކޮވިޑް ވެކްސިނުން ލިބިދޭ ރައްކާތެރިކަން ކަށަވަރުކޮށްދޭކަމަށްވެއެވެ.

"ފުރަތަމަ ޑޯޒު ޖެހުމުން ރައްކާތެރިކަން ލިބޭނެ. ދެވަނަ ޑޯޒް ޖެހުމުން ވެކްސިނުން ލިއްބައިދޭ ރައްކާތެރިކަން އިތުރުވެގެންދޭ." ޕްރޮފެސަރ ސާރާ ގިލްބާޓް ހާމަކޮށްފައިވެއެވެ.

ނަމަވެސް ވެކްސިނުގެ ތިންވަނަ ޑޯޒެއް އެންމެން ޖަހާކަށް ނުޖެހޭނެ ކަމާއި، ތިންވަނަ ޑޯޒެއް ޖަހާނަމަ ޖަހަންޖެހޭނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުންނަށްކަމަށް ޕްރޮފެސަރ ސާރާ ގިލްބާޓް ހާމަކޮށްފައިވެއެވެ. އަދި މިހާރު މުހިންމީ ވެކްސިން އުފެއްދުން އިތުރުކޮށް، ވެކްސިން ނުޖަހާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުންކަމަށްވެސް ޕްރޮފެސަރ ހާމަކޮށްފައިވެއެވެ.

ޕްރޮފެސަރ ސާރާ މިހެން ފާހަގަކޮށްފައިވާއިރު ކުދި އަދި މެދު ފަންތީގެ ގިނަ ގައުމުތަކުގެ އާބާދީގެ 50 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ގައުމުތައްވެސް މާގިނައެއް ނޫނެވެ. ހާއްސަގޮތެއްގައި އެފްރިކާ ބައްރުގެ ގައުމުތަކުގެ އާބާދީގައި ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވަނީ 2 އިންސައްތަ މީހުންކަމަށް ބޭރުގެ އެކި މީޑިއާތަކުގެ ތަފާސް ހިސާބުތަކުން ދައްކަވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން