-ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު-

ކުރެވޭ ޚަރަދުގެ މިންވަރު ދަށްކޮށް، ލިބޭ އާމަދްނީ އިތުރުކުރުމަކީ ޤައުމެއް ތަރައްޤީކުރުމުގައި އެންމެ އަސާސީ އެއް ސިފައެވެ. ނަމަވެސް ޚަރަދު ކުޑަކުރުމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅުއްވާން ސަރުކާރަށް ދަތިފުޅުވަނީ [އެހެން] ސަބަބަކާ ހުރެއެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ މިއަދު ޤައުމަށް ދިމާވެފައިވާ ޙާލަތުން ކުރާން މަޖުބޫރު ކަމެކެވެ. ރައްޔިތުންނެކޭ އެއް ފަދައިން މުޅި ދައުލަތަށް ވެސް މި ވަނީ އާމްދަނީ ލިބޭނެ މަގުތައް ހަނިވެ ޚަރަދުތައް އެތައް ގުނަޔަކަށް އިތުރުވެފައެވެ. ވީމާ، މި ޙާލަތާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުއަޅުއްވާން ފަސޭހަފުޅުވާނެއެވެ. މިއީ މިކަމަށްޓަކައި އޮތް އެންމެ ފަހި ރަނގަޅު ފުރުޞަތެވެ.

އެންމެ ފުރަތަމަ ރައްޔިތުންގެ މަޖީލީހަށް ބަލައިލަމާތޯއެވެ؟ ކޮންމެ ފަސްއަހަރަކުން ދެމެންބަރުން ތިން މެންބަރުން އިތުރުވާ ގޮތަށް އިންތިހާއެއް ނޯންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުކުރުމުގެ ޤައުމީ ފައިދާއެއް އެބަ އޮތްތޯއެވެ؟ ކުޑަ އަތޮޅަކަށް ދެ މެންބަރުން މެދު އަތޮޅަކަށް ތިން މެންބަރުން ބޮޑު އަތޮޅަކަށް ހަތަރު މެންބަރުން ކަނޑައަޅުއްވައި ފަންސާހަކަށް މެންބަރުންނަށް ޢަދަދު ދަށްކޮށްލެވިއްޖެ ނަމަ، 160 މިލިޔަނަށްވުރެ މަދު ނޫން ޢަދަދެއްގެ ފައިސާ ދައުލަށް އަހަރަކު ސަލާމާތްކުރެއްވޭނެއެވެ. އަދި މަޖިލީހުގެ އުފެއްދުންތެރިކަން އިތުރުވެ ދުވެލި ބާރުވާނެއެވެ. އަމިއްލަ މަޞްލަޙަތަށްޓަކައި ނަމަވެސް މަޖިލީހުގައި މިހާރު މެންބަރުން ތިއްބެވި ޢަދަދު ދަށްކުރައްވާން ދަތިފުޅު ނަމަ، މިހާރު ތިއްބެވި މެންބަރުންގެ ޢަދަދަށްވުރެ އިތުރު ނުވާނޭ ގޮތަކަށް ހަމަޖެއްސެވުނަސް އެއީ ވެސް އަރުތައެކެވެ. ކާމިޔާބީއެކެވެ. އޭރުން ޚަރަދު އިތުރެއް ނުވާނެތާއެވެ.

ދެން އޮތީ މެންބަރުންގެ ހެނދުނުގެ ސައިފޮދެވެ. މެންދުރުގެ ފަރީއްކޮޅެކެވެ. ހެންދުނު ނުވައެއް ޖަހާއިރަށް ވަޑައިގަންނަވާން އޮންނަ ތަނަކަށް ސައިފޮދު ހިއްޕަވައިގެން ވަޑައިގެންނެވެންވާނެއެވެ. އަދި މެންދުރު ނަމާދަށާއި ފަރީއްކޮޅަށް ޖަލްސާ މެދުކަނޑުއްވައިލައްވާ ނަމަ، މެންދުރު ފަރީއްކޮޅު އެރުވުމުގެ ބޭނުމެއް ނެތެވެ. އަބަދުވެސް ލިބެން ހުންނަ ގޮތަށް ކޮފީއާއި ލުއި ސައިފޮދެއް މިހާރެކޭ ވެސް އެއް ގޮތަށް އިންތިޒާމުކުރެއްވިދާނެއެވެ. މި ގޮތަށް މަޖިލީހުގެ ކަންކަން އިންތިޒާމުކޮށްލެވުނަސް އަހަރަކު އެތައް މިލިޔަން ރުފިޔާއެއް ސަލާމަތްކުރެއްވޭނެއެވެ. މި ކަން މި މަގަށް ކުރެއްވޭތޯ އެކި ފަހަރު މަތީން އެކި މެންބަރުން މަސައްކަތްކުރައްވައިފައިވާކަން ވެސް އެނގެއެވެ. ނަމަވެސް އަޣުލަބިއްޔަތާއި ތާއީދުގެ މައްސަލައިގައި އެކަން އޮތީ ކާމިޔާބު ނުވެއެވެ. ނަމަވެސް މިއަދު މަޖިލީހުގައި އޮތީ އެންމެ މަތީ އަޣުލަބިއްޔަތާއި ތާއީދު އެންމެ ފުރިހަމައަށެވެ. ވީމާ، މިކަމުގައި އެއްވެސް ދައްޗެއް އުނދަގުލެއް މިއަދަކު ނެތެވެ. ބޭނުންވަނީ އިޚުލާޞްތެރި ނިޔަތާއި ޤައުމީ ވިސްނުންފުޅެވެ.

ދެން އޮތީ މިނިވަން މުއައްސަސާތަކެވެ. ދުނިޔޭގައި ހުރިއްޔާ ހުރިހައި މުއައްސާތަކެއް ހަދައިގެން ރައްޔިތުންނަށް ވަނީ ކޮން ފައިދާއެއްބާވައެވެ! ދުނިޔޭގައި މިލިޔަނުން ބިލިޔަނުން މީހުން އުޅޭ ޤައުމުތަކުގައި ވެސް އިލެކްޝަންސް ކޮމިޝަނުގައި އެންމެ ތިން މެންބަރުން އެބަ ތިއްބަވައެވެ. މި ޤައުމަށް ހަމައެކަނި އިލެކްޝަންސް ކޮމިޝަނަރަކުން ނުވަތަ ގިނަވެގެން ތިން ކޮމިޝަނަރުން ނުފުދޭނެބާވައެވެ. އިންތިޚާބުތަކުގައި ލަފާދޭ ޤައުމީ މަޖިލީހެއް ހުރިހާ ޕާޓީތަކެއް ޝާމިލުވާގޮތަށް ބޭއްވީމާ ނުފުދޭ ތޯއެވެ؟ ޤާނޫނާ ޚިލާފު ކަމެއް ކުރާކަމަށް ޝައްކުކުރެވޭނަމަ، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ އޮންނާނެތާއެވެ. ޕޮރޮސެކިޔުޓަރޖެނެރަލާއި އޮޑިޓަރޖެނެރަލް ވެސް މަސައްކަތް އެބަ ކުރައްވައި ނޫންތޯއެވެ.



ސުޕްރީމްކޯޓަށް ވެސް ފަހަކުން ހަތަކަށް ފަނޑިޔާރުންގެ މަޤާމުގެ ޢަދަދު އިތުރުކުރިޔަސް އަދިވެސް ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. ކުރައްވާންވީ ކަމެއް ފަނޑިޔާރުން ނެތިގެން އުނދަނގޫފުޅެއް ނުވެއެވެ. ފަނޑިޔާރުންގެ ތިއްބަވާންޖެހޭ ޢަދަދު އިތުރުކުރައްވައި އެ ޢަދަދަށް އިތުރު ނުކުރައްވައިގެން ނުކުންނަ ޤާނޫނީ މައްސަލައެއް ނޫން މައްސަލައެއް ފެންނާކަށް ނެތެވެ. ވީމާ، ޖަޒުބާތުގައި ޖެހިވަޑައިގެން ނަމަވެސް އޭރު ޖޯޝުގައި އިތުރުކުރެއްވި ދޭއް އުނިކޮށްލައްވާން މިއީ ރަނގަޅު ފުރުޞަތެކެވެ.

އެތައް މިލިޔަން މީހުން އުޅޭ ގައުމުތަކުގައިވެސް މީޑިއާ ކައުސިލަކާއި ބްރޯޑްކާސްޓިންގ ކޮމިޝަނެއް ނުހުރެއެވެ. ހުންނަނީ އެއް މުއައަސަސާއެކެވެ. މިސާލަކަށް: މީޑިއާ ކޮމިޝަނެކެވެ. ރާއްޖޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވެސް އެއްކޮށްލައްވައިގެން "ނޭޝަނަލް އިންފޮމޭޝަން ކޮމިޝަން"ގެ ނަމުގައި އެއް މުއައްސަސާ ނޫފެއްދެވެންވީ ކީއްވެބާވައެވެ. އެ ކޮމިޝަންގައި މަޢުލޫމާތު ހޯދައި ލިބިގަތުމަށް ޑިޕާޓްމަންޓެއް، އޮންލައިން މީޑިއާއާއި ޕްރިންޓްމީޑިއާއަށް ޑިޕާޓްމަންޓެއް، ބްރޯޑްކާސްޓް މީޑިއާއަށް ޑިޕާޓްމަންޓެއް ހުރުމުން މަސައްކަތް ނުކުރެވޭނެތޯއެވެ. އޭރުން 13 ވަރަކަށް މެންބަރުންނަށް ދައުލަތުން ކުރައްވާ ޚަރަދު، ފަހަކަށް ނުވަތަ ތިނަކަށް ކުޑަކުރެވި، އެތައް މިލިޔަން ރުފިޔާއެއް ދައުލަތުގެ ޚަރަދުން ސަލާމަތްކުރެއްވިދާނެއެވެ.

ރަށުކައުންސިލްތަކަށް ވެސް ކޮންމެ ދުވަހަކު މަސައްކަތް ކުރާންޖެހޭ ގޮތަށް ހަމައެކަނި ކަތީބަކާއި ކުޑަކަތީބެއް އިންތިޚާބުކޮށް، ކައުންސިލްގެ އެހެން މެންބަރުންނަށް އެކި ދާއިރާތަކުން (ޞިއްޙީ، ތަޢުލީމީ، މަސްވެރިކަން، ދަނޑުވެރިކަން، ވަޑާންކުރުން، ވިޔަފާރިވެރީން، އިޖްތިމާޢީ އެހެން ޚިދުމަތްތައް ފަދަ ދާއިރާތަކުން) ޖަލްސާތަކުގައި ބައިވެރިވާ ގޮތަށް (ޕާޓްޓައިމް) މެންބަރުން އިންތިޚާބުކުރެއްވިދާނެއެވެ. އަދި އަތޮޅުކައުންސިލްތަކަށް ވެސް އަތޮޅުވެރިޔާއާއި ނާއިބު އިންތިޚާބު ކުރެއްވުމަށްފަހު، ކައުންސިލްގެ މެންބަރުންނަކީ ކޮންމެ ރަށެއްގެ ކައުންސިލްގެ ރައީސް (ކަތީބު) ކަމުގައި ހަމަޖެއްސެވިދާނެއެވެ. އޭރުން މިހާރު ވަޒީފާތަކުގައި ތިއްބެވި ޤާބިލު އެތައް ބަޔަކަށް ކައުންސިލްތަކުގައި ބައިވެރިވެ، ރަށާއި އަތޮޅުގެ ތަރައްޤީއަށް ބަސްބުނުމުގެ ފުރުޞަތު ފަހިވާނެއެވެ. އުފެއްދުންތެރިކަން އިތުރުވެ، ހަރުދަނާ ވާނެއެވެ.

މިހެން ގޮސް ދައުލަތުގެ ޚަރަދު އެތައް ބިލިޔަނެއް ކުޑަކުރެވޭނެ ދިމަދިމާ އެބަ ހުއްޓެވެ. ޤާނޫނަށް ގެނެވޭ ކުޑަކުޑަ ބަދަލަކުންނެވެ. އަދި މިއިން ކޮންމެ ބަދަލަކީ ދައުލަތުގެ ޚަރަދު އެތައް ބިލިޔަނަކުން ކުޑަކުރެވި އުފެއްދުންތެރިކަން އެތައްނގުނަޔަކަށް އިތުރުވާނޭ ބަދަލަކަށް ވާނެއެވެ. މިއަދު ދައުލަތުގެ ހުރިހާ ބާރެއް ސަރުކާރަށް ލިބިފައި ވާއިރު މިފަދަ ފިޔަވަޅުތަކެއް އަޅުއްވައިގެން ބޭނުންފުޅު ބަދަލެއް ގެންނަވައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ޤާނޫނީ އަދި އިދާރީ ހުރިހާ ބާރެއް ސަރުކާރަށް އެބަ އޮތެވެ.

ކުރީން ވެސް ދަންނަވައިލެވުނު ފަދައިން، މި ބަދަލުތަކުން ހަމައެކަނި ދައުލަތުގެ ޚަރަދު ކުޑަކުރެއްވޭނީކީ ނޫނެވެ. އުފެއްދުންތެރިކަމާއި މަސައްކަތުގެ ދުވެލި ވެސް އެތައްތަނެއް އިތުރުވާނެއެވެ. ރަށު ކައުންސިލްތަކުގައި ރަށުގެ ހުރިހާ ދާއިރާއަކުން ބައިވެރިވުމުގެ ފުރުޞަތު ފަހިވާނެއެވެ. މުޅި ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މިއީ ދައުލަތަށް ހެޔޮ އެދޭ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހުށަހަޅާ ވަރަށް އިޚުލާޞްތެރި ޤައުމީ ޚިޔާލުތަކެކެވެ. މިއީ މިފަދަ އެތައްއެތައް ޚިޔާލުތަކެއްގެ ތެރެއިން ކުޑަކުޑަ މިންވަރެކެވެ. ކުރިމަގުގައި މިފަދަ ކިތަންމެ ޚިޔާލެއް މި ފަދަ ގޮތަކަށް ހުށަހަޅަމުން ގެންދެވޭނެކަމަށް އުއްމީދުކުރަމެވެ. [ބުނާ މީހަކަށް ނުބަލާށެވެ! ބުނާ އެއްޗަކަށް ބަލާށެވެ!] މި މޮޓޯގައި ހިފަހައްޓަވަންވީ ނޫންތޯއެވެ!



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން