އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް
ކުރިން ކަނޑައަޅާފައިވާ ގޮތަށް މިއަދު މިނިވަން ވޭޖު ކަނޑައެޅެން ނެތްކަމަށް ވޭޖް ބޯޑްގެ މެމްބަރެއް ވިދާޅުވެއްޖެއެވެ.


ވަރަށް އަވަހަށް މިނިވަން ވޭޖު ކަނޑައަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ. އަދި ވޭޖް ބޯޑުން ބުނެފައިވަނީ, އިއްޔެ މިނިމަމް ވޭޖް އިޢުލާނު ކުރާނެ ކަމަށެވެ. ނަމަވެސް ބައެއް ސަބަބުތައް މަތިކޮށް މިނިމަމް ވޭޖް އިޢުލާނުކުރުން މިއަދަށް ވަނީ ފަސްކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ބޭއްވި ވޭޖް ބޯޑުގެ ބައްދަލުވުމުގައި ކުރިއަށް ދިޔައީ ސަރުކާރުން ހުށައެޅި އައު ހުށައެޅުމަކާގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އެ ހުށައެޅުމާމެދު ޚިޔާލުތަފާތުވުން އުފެދި މިނިމަމް ވޭޖް އިޢުލާނު ކުރާނެ ދުވަހާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މީގެ ކުރިން ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެއްކަމަށެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް ފައްޔާޒު އެ ޙަފްލާގައި ވިދާޅުވިއެވެ.

ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު ނިސްބަތުން މަދުނަމަވެސް ކުރާ މަސައްކަތާއި އަޅާބަލާއިރު ލިބޭ އާމްދަނީ ކުޑަވުމަކީ ބޮޑު މައްސަލައެކެވެ. އަދި މަސައްކަތްތެރިންނަށް ހުރި މިފަދަ ގޮންޖެހުންތައް ނައްތާލުމަކީ މުހިއްމުކަމެއްކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން މިނިމަމް ވޭޖް ކަނޑައެޅުން މުހިއްމުކަން މިނިސްޓަރ ފައްޔާޒް ވަނީ ފާހަގަކުރަށްވާފައެވެ.

މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 6400 ރުފިޔާ ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާދީފައެވެ. ނަމަވެސް މިއީ މިނިމަމް ވޭޖް ކަނޑައަޅައި އަމަލުކުރަން ފެށުމަށް އެންމެ ރަނގަޅު ދުވަސްވަރެއް ނޫންކަމަށް މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން މީގެކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު