ކޮވިޑް-19އިން ދިފާއުވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން އުމްރާއަށް ދެވޭ ގޮތަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ސައުދީން ބުނީ، މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން މިގޮތަށް އަމަލުކުރަން ނިންމާފައިވާ ކަމަށާއި، އެގޮތުން އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދެވޭނީ ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ސަރުކާރުން ބުނެފައި ވެއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އާންމު ކޮށްފައިވާ ގޮތުގައި މިއުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަސްކަމުގައިވާ ހޯމަ ދުވަހުގެ ހެނދުނުން ފެށިގެންނެވެ.

ވެކްސިން ޖެހުމަށް ރިޒަރވޭޝަން ހަދާފައިވާ ފަރާތްތަކަށް އުމްރާކުރުމުގެ ހުއްދަ މިހާރުވަނީ ދޫކޮށްފައި ކަމަށާއި، އެހެންކަމުން އުމްރާކުރުމުގެ ހުއްދަ ދޫކޮށްފައިވާ މީހުންގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކުން ދޫކުރެވިފައިވާ އުމްރާ ހުއްދައިގައިވާ ތާރީޚްގެ 48 ގަޑިއިރު ކުރިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށް ނިންމަން ޖެހޭނެ ކަމަށް ވެސް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ހާމަ ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން