މި ސަރުކާރު ކޯލިޝަން ލީޑަރުން ތިބީ "ވަރި ކުރަން" ތައްޔާރުވެފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.

ރާއްޖޭގެ މީޑިޔާއަކުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވީ، މި ސަރުކާރު ކޯލިޝަން މިނިސްޓަރުން ތިބީ ތޮށިގަނޑަކަށް ވެފައިކަމަށެވެ. އަދި ކޯލިޝަން ލީޑަރުން "ވަރި ކުރަން" ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި، ހަމައެކަނި އޮތީ ވަރި ނުކިޔާ ކަން އެކަނި ކަމަށް އުމަރު ވިދާޅުވިއެވެ.


"އެންމެ ފުރަތަމަ ތޮށިގަނޑަކަށް ބަދަލުވިތަން ފެނުނީ އާތިފާ ޝަކުރޫ ހައުސިން މިނިސްޓަރު. މިހުރިހާ ބާރުތަކާއި ހުރިހާ ކަމެއް ހިންގަނީ އަސްލަމް ނަންފިލާގަނޑު އިންނަނީ އާތިފާގެ މޭޒުގައި އަޅުވާފައި. އަޅުގަނޑުމެންނަށް އެބަފެނޭ އެހެން މިނިސްޓްރީތައް ވެސް ހަމަ އެހެން ދާ މަންޒަރު. ހޯމް މިނިސްޓްރީވެސް އެހެން އެދަނީ. އިމްރާން ހޯމް މިނިސްޓަރަކަށް ހުރި ނަމަވެސް ފުލުހުންގެ ހުރިހާ ކަމެއް ނިއްމަނީ ސީޕީ ހަމީދު ރައީސް ސާލިޙާއި މަޝްވަރާކޮށް ޑައިރެކްޓްކޮށް ރީތިކޮށް އެކަން ނިއްމާނީ." އުމަރު ވިދާޅުވިއެެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އިމްރާނަކީ ހޯމް މިނިސްޓަރު ކަމުގެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށާއި ހޯމް މިނިސްޓަރުގެ ޒިންމާއާއި މަސްއޫލިއްޔަތު އިމްރާނަށް ނުނެންގެވޭ ކަމަށެވެ. އުމަރު ވިދާޅުވީ، އިމްރާނަށް މިނިސްޓްރީއާއި ފުލުހުންގެ މުވައްސަސާގެ ކަންކަމުގެ މައުލޫމާތާއި "ވާނުވާ" ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެކަން އެގެނީ އެމަނިކުފާނު މަޖިލީހަށް ވަޑައިގެން ދެއްވާ ބައެއް ޖަވާބުތަކުން ކަމަށެވެ.

ސަރުކާރުގެ ކޯލިޝަންގެ ލީޑަރު އަދި އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އަތުން ފުލުހުންގެ މުވައްސަސާ ވަކިކުރުން އެއީ "ވަރި" އެއްގެ ގޮތުގައި އުމަރު ވަނީ ސިފަކުރައްވާފައެެވެ.

"ލަހެއް ނުވާނެ ވަރި ކިޔާ ވަގުތެއް، މިހާރު އެ ތިބީ ވަރިކުރަން ތައްޔާރުވެފައި. އިހަކަށް ދުވަހު އެ ދިޔައީ ވަރިއެއް. ދެން ވަރަށް އަވަހަށް ހަމަ ސައުވީސް ގަޑިއިރު ތެރޭގައި ރުޖޫއަކޮށްލި މަންޒަރު އަޅުގަނޑުމެންނަށް ފެނުނީ. އެކަމަކު އެވަރި ނައިސް ނުދާނެ، ވަރި އަންނާނެ." ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށް ސައުވީސް ގަޑިއިރު ތެރޭގައި އެ ނިއްމުން ކުރިން އޮތް ގޮތަށް ސަރުކާރުން އިއާދަކުރި ކުރުމަށް އިޝާރަތް ކުރައްވަމުން އުމަރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ކޯލިޝަން ލީޑަރުން ތެރޭގައި ހިމެނިވަޑައިގަންނަވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދު ﷲ އާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވިސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދެވެ. މިހާތަނަށް އެންމެ ގިނަ ދުވަހު ކޯލިޝަނެއް ދެމެހެއްޓެވިފައިވަނީ ރައީސް އިބްރާހިމް މުހަންމަދު ސާލިހަށެވެ.

ކިޔުންތެރިންގެ ހިޔާލު